raajjemv logo
ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ
ދީބާޖާއަށް ބަދަލުދޭން ސުޕްރީމް ކޯޓުން ކުރި ޙުކުމް އެ ކޯޓުން ބާތިލުކޮށްފި
 
ސުޕްރީމް ކޯޓުން ވަނީ 17 އޭޕްރީލް 2019 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ބާތިލްކޮށްފައި
 
ދީބާޖާއިން ގެއްލުމުގެ ބަދަލު ނަގައިދޭ ސިވިލް ކޯޓަށް ހުށަހެޅީ 2،410،343،580ރ
 
ގެއްލުމުގެ ބަދަލުގެ ގޮތުގައި ސިވިލް ކޯޓުން ހުކުމް ކުރީ، 348،995،154ރ
ލައިޝާ އަހްމަދު
2,217
ކ. މާލެ |
7 އޭޕްރިލް 2021 | ބުދަ 19:52
ސުޕްރީމް ކޯޓް- މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އާއިޝާ ޝުޖޫން
ރާއްޖެއެމްވީ

ދީބާޖާ އިންވެސްޓްމަންޓާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ދައުލަތުން ބާޠިލް ކުރުމާ ގުޅިގެން ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ޙުކުމް އެ ކޯޓުން ބުދަ ދުވަހު ބާތިލުކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންނަކީ ޑރ. އަޒްމިރާލްދާ ޒާހިރު އަދި ޑރ. މުޙައްމަދު އިބްރާހީމްއެވެ.

މި މައްސަލައިގައި ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ހަވާލުކުރި، ދީބާޖާ އިންވެސްޓްމަންޓާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމުން ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ނިންމި ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ. ދައުލަތުން ފަރާތުން އެދިފައިވަނީ، އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން 17 އޭޕްރީލް 2019 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށެވެެ. ސަބަބެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ، ސިވިލް ކޯޓުން ހުކުމާއި ލިބެން ޖެހޭ ލިޔެކިޔުންތައް ދައުލަތް ލިބުން ލަސްވެގެން، ހައިކޯޓުގައި އިސްތިނާފް ކުރަން ޖެހޭ މުއްދަތުގައި އިސްތިއުނާފް ކުރެވިފައިނުވާ ކަމަށެވެ.

މި މައްސަލަ ރިވިއު ކުރުމަށްފަހު ބުދަ ދުވަހު ސުޕްރީމް ކޯޓުން ވަނީ 17 އޭޕްރީލް 2019 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. އަދި 15 ދުވަސް ތެރޭގައި އެ މައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ސުޕްރީމް ކޯޓަށް ހުށައެޅުމުގެ ފުރުސަތު ލިބިގެންވާކަން ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

މައްސަލައިގެ ޚުލާސާ

ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ނަގާދިނުމަށް އެދިފައިވަނީ، 2،410،343،580ރ (ދެ ބިލިއަން ހަތަރުސަތޭކަ ދިހަ މިލިއަން ތިންލައްކަ ސާޅީސްތިންހާސް ފައްސަތޭކަ އަށްޑިހަ ރުފިޔާ) އެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، 348،995،154ރ (ތިންސަތޭކަ ސާޅީސްއަށް މިލިއަން ނުވަލައްކަ ނުވަދިހަފަސްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ އެހުކުމް ކުރި ތާރީހް ކަމަށްވާ 5 ފެބްރުއަރީ 2015 ވަނަ ވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ދީބާޖާއަށް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާމެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލު ކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލު ކުރުމުން ދީބާޖާ އިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށެހެޅި މައްސަލައެކެވެ.

މައްސަލާގައި 17 އޭޕްރީލް 2019 ވަނަ ދުވަހު، ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ ކަމަށާއި، އަދި ހައިކޯޓަށް އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއީ އުސޫލުތަކާއި، ޝަރުއީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަަމަށެވެ. އެގޮތުން ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ދީބާޖާއާ އެއްކޮޅަށް ހުކުމް ކޮށްފައެވެ. އަދި ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 348 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުގަައި މި މައްސަލަ އޭރު ބެއްލެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެއިން މަޚްތޫމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް