ކ. މާލެ
|
7 އޭޕްރިލް 2021 | ބުދަ 20:09
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލް
މުދާ އެތެރެކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކު
ވިޔަފާރި ބަނދަރަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެމްޕީއެލް އިން އިމްޕޯޓަރުންނާއި އެކު އެއް މޭޒަކަށް!
 
މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ މަގްސަދަކީ އެ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން
 
މި ބައްދަލުވުމުގައި ރާއްޖެއަށް މުދާ އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ 20 އަށް ވުރެ ގިނަ އިމްޕޯޓަރުން ވަނީ ބައިވެރިވެފައި
 
މި ބައްދަލުވުން ބާއްވާފައި ވަނީ އޮންލައިންކޮށް

ރަމަޟާން މަހާއި ދިމާކޮށް މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވާ ގޮންޖެހުންތަކާއި މެދު މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސްނަގައިގެން ރާއްޖޭގެ ހުރިހާ އިމްޕޯޓަރުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އަންގާރަ ދުވަހު އެމްޕީއެލް އިން ކުރިއަށް ގެންދިޔަ މި ބައްދަލުވުން ބާއްވާފައި ވަނީ އޮންލައިންކޮށެވެ. މިބައްދަލުވުމުގައި ރާއްޖެއަށް މުދާ އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ 20 އަށް ވުރެ ގިނަ އިމްޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސްޕޯކްސްޕަރސަން ދާނިޝް ނިޒާމް ވިދާޅުވީ އެކުންފުނިން އިސްނަގައިގެން ރާއްޖެއަށް މުދާ އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އިމްޕޯރޓަރުންނާއި އެކު ބައްދަލުވުމެއް ބޭއްވުމުގެ މަގްސަދަކީ އެ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ދެނެގަތުން ކަމަށެވެ. އަދި ކުރިއަށް އޮތީ ރަމަޟާން މަހަށް ވެފައި ރަމަޟާން މަހަކީ ވިޔަފާރި ބަނދަރަށް ބާރު ބޮޑު މަހަކަށް ވީ ނަމަވެސް، ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރުމުގެ އިންތިޒާމް އެމްޕީއެލް އިން ހަމަޖައްސާދީފައިވާނެ ކަމަށް ދާނިޝް ފާހަގަކުރައްވައެވެ.

އިތުރަށް ވާހަކަދައްކަވަމުން ދާނިޝް ވިދާޅުވީ މިއަހަރުގެ ކުރީކޮޅުގައި އެމްޕީއެލް އިން ރާއްޖޭގެ ޝިޕިންގް އެޖެންޓުންނާއި ބައްދަލުކޮށްފައި ވާނެ ކަމަށާއި މިފަދަ ބައްދަލުވުންތަކުގައި ވިޔަފާރި ބަނދަރުގެ ހިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުން ފާހަގަކުރާ ކަންކަން ބަލައިގަނެ އެކަންކަން ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް އެކުންފުނިން ދޭނެ ކަމަށެވެ. އަދި މިފަދަ ބައްދަލުވުންތައް ސިލްސިލާކޮށް ބާއްވާނެ ކަމުގެ ޔަގީންކަށް ދާނިޝް ވަނީ ދެއްވާފައެވެ.

ދާނިޝް ވިދާޅުވީ ޕޯޓުގެ ހިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުންތައް ބަލއިގަނެ އެކަންކަން ވީހާވެސް އަވަހަށް ހައްލުކުރުމަކީ އެކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެންމެ އިސްކަން ދެއްވާ ކަންތައްތަކަކީ ވެސް މިއީ ކަމަށެވެ.

އެމްޕީއެލް އިން ކުރިއަށް ގެންދިޔަ މި ވަރޗުއަލް ބައްދަލުވުމުގައި މޫދާ އެތެރެކުރުމުގެ ގާނޫނާއި ގަވައިދުތަކަށް، ވިޔަފާރިވެރިންނަށް ފަސޭހަވާނެހެން ބަދަލުތައް ގެނައުމާއި މުދާ އެތެރެކުރުމުގައި ނަގާ ފީ ތަކާއި ސްޓޯރޭޖްގެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެމްޕީއެލް އިން ވަނީ ކުރިއަށް އޮތް ރަމަޟާން މަހު ދަތިތަކާއި ނުލާ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ވިޔަފާރިވެރިންނަށް ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
100%
0%
0%
0%
0%
ކޮމެންޓް