raajjemv logo
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް: ރައީސް ނަޝީދު
 
ލާމަރުކަޒީ ނިޒާމަކީ ރާއްޖޭގެ ތަރައްގީގެ ހާލިކަމަށް ނަޝީދު ސިފަކުރެއްވި
 
ކޮވެލީގެ ޒާތަށް ޕީޕީއެމުން ކަންކަން ކުރަން ނޫޅުމަށް ނަޝީދު ގޮވާލެއްވި
 
ނަޝީދު ވިދާޅުވީ އެމްޑީޕީން ލާމަރުކަޒީ ނިޒާމެއް ގާއިމު ކުރީ ރައްޔިތުންނާއި ގުޅިގެން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް
ނަހުފާ މުހައްމަދު
2,531
ކ. މާލެ |
7 އޭޕްރިލް 2021 | ބުދަ 19:54
ރައީސް މުހައްމަދު ނަޝީދު
ޝުރުފާ މުހައްމަދު

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ހެދި ހާއްޔެއް ކަމަށާއި، އެއަށް ބިސް އަޅާނީ ވެސް އެމްޑީޕީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ނިޒާމަކީ ރާއްޖޭގެ ތަރައްގީގެ ހާލިކަމަށް ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، ހާލި ހެދުމަށް ބޭނުން ކޮންމެ ފަތެއް، ކޮންމެ ނަރެއް އެއްކުރީ ހަމަ އެމްޑީޕީން ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމް އަކީ ކޮވެއްޔެއް ކަމަށް ސިފަކުރައްވަމުން ނަޝިދު ވިދާޅުވީ، ކޮވެއްޔަކީ އަބަދުވެސް ކާޅު ހާއްޔަށް ބިސްއަޅާ އެއްޗެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމަކީ ދިވެހި ރާއްޖޭގެ ތަރައްގީގެ ހާލި. އެއީ އެމްޑީޕީގެ ހާއްޔެއް. އޭގެން ކޮންމެ ނަރެއްވެސް އޭގެން ކޮންމެ ފަތެއް ވެސް ގެނެސް އެ ގައުމުގަ ބާއްވަ، ހަދާ މި ނިންމީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ޕީޕީއެމްއަށް ފާޑު ވިދާޅުވަމުން، ނަޝީދު ވިދާޅުވީ އެމްޑީޕީގެ ލާމަރުކަޒީ ހާއްޔަށް ޕީޕީއެމަށް ބިސް ނޭޅޭނެ ކަމަށެވެ. އެއާއެކު، ކޮވެލީގެ ޒާތަށް ޕީޕީއެމުން ކަންކަން ކުރަން ނޫޅުމަށް ނަޝީދު ގޮވާލެއްވިއެވެ. އަދި ލާމަރުކަޒީ ނިޒާމަކީ، އުފާވެރި މިނިވަން ދިވެހިރާއްޖެއެއް ހޯދުމަށް އެމްޑީޕީން ހެދި ނިޒާމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮވެލީގެ ޒާތައް ޕީޕީއެމް ދާން އުޅޭނެ ކަމެއް ނެތް. ކާޅުގެ ހާއްޔަށް އަބަދުވެސް ބިސް އަޅާ ބައެއް ކޮވެއްޔަކީ. މި ހާއްޔަކަށް ނޭޅޭނެ. މީ އެމްޑީޕީގެ ހާއްޔެއް. ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑުމެންގެ ހާއްޔެއް، އެ ހާލި އަޅުގަނޑުމެން ހެދީ ބިސް އަޅާންވެގެން. ބިސް ފީކުރާންވެގެން. އަޅުގަނޑުމެން ފިޔޮކެއް ބޭނުންވާތީ. އުފާ އުފަލުން އުދުހިގެން ދާނެ މިނިވަން ދިވެހި ރާއްޖެއެއް އަޅުގަނޑުމެން ހޯދަން އެދޭތީވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

މީގެ އިތުރުން، ޑިމޮކްރެޓިކް އުސޫލެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަން ފާހަގަ ކުރައްވާ ނަޝިދު ވިދާޅުވީ، އެމްޑިޕީން ލާމަރުކަޒީ ނިޒާމެއް ގާއިމު ކުރީ ރައްޔިތުންނާއި ގުޅިގެން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅުގައި، ދިވެހި ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑިޕީން ކަން ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީން ރައްޔިތުންނަށް ފަހިކޮށްދިނީ، އަދަށްވުރެ ރަނގަޅު މާދަމާއަކަށް އުންމީދު ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެއިން މަޚްތޫމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
100%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް