ކ. މާލެ
|
7 އޭޕްރިލް 2021 | ބުދަ 19:39
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ
ގެޓީ އިމޭޖަސް
ޑި ބްރޭނާ އެއްބަސްވުން އާކުރުން
ޑި ބްރޭނާ 2025 ގެ ނިޔަލަށް ސިޓީގައި މަޑުކުރާނެ
 
ޑި ބްރޭނާ ވަނީ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފައި
 
ޑި ބްރޭނާގެ ކުރީގެ އެއްބަސްވުން ހަމަވަން އޮތީ 2023 ވަނަ އަހަރަށް

މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އާކޮށްފިއެވެ.

ސިޓީއާއެކު އުމުރުން 29 އަހަރުގެ މިޑްފީލްޑަރު މީގެ ކުރިން ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެކަމަކު ބުދަ ދުވަހުގެ ވަގުތެއްގައި ޑި ބްރޭނާ ވަނީ އެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށް، 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އެ ޓީމުގައި މަޑުކުރަން ނިންމާފައެވެ.

އެއްބަސްވުން އާކުރުމަށްފަހު ޑި ބްރޭނާ ބުނީ އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ކަމަށާއި، ބޭނުންވަނީ ސިޓީގައި މަޑުކޮށް، އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށެވެ. އަދި އެއްބަސްވުން އާކުރުމަށްފަހު، މިހާރު ފޯކަސް ހުރީ މި ސީޒަނަށް ކަމަށާއި، މިހާރު ނެރެމުން އަންނަ ނަތީޖާތަކާއެކު، މި ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ސިޓީއަށް ހޯދޭނެ ކަމަށްވެސް ޑި ބްރޭނާ ވަނީ ބުނެފައެވެ.

ސިޓީގެ އެއްބަސްވުން ޑި ބްރޭނާ އާކުރިއިރު، މީގެ ކުރިން ޗެލްސީއަށްވެސް ކުޅުނު ޑި ބްރޭނާ ސިޓީއާ ގުޅުނީ 2015 ވަނަ އަހަރު ވުލްފްސްބާގް ދޫކޮށް 55 މިލިޔަން ޕައުންޑަށެވެ. އެއަށްފަހު މިހާތަނަށް އޭނާ ވަނީ ސިޓީއަށް ކުޅެދިން 255 މެޗުގައި 65 ލަނޑު ޖަހާފައެވެ. އަދި ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކުރުމުގެ އިތުރަށް އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ސިޓީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ބްރޭނާ ވަނީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް