ކ. މާލެ
|
7 އޭޕްރިލް 2021 | ބުދަ 11:04
މޯލްޑިވްސް އިސްލާމިކް ބޭންކު
މޯލްޑިވްސް އިސްލާމިކް ބޭންކު
ރާއްޖެއެމްވީ
އެމްއައިބީގެ ބޭނުން ނުކުރާ އެކައުންޓްތައް
ބޭނުން ނުކުރާ އެކައުންޓްތައް އަލުން ބޭނުން ކުރުމަށް އެމްއައިބީން 60 ދުވަހުގެ މުއްދަތެއް
 
އެކައުންޓް އަލުން ބޭނުންކުރާނަމަ ފޯމެއް ހުށައަޅަންޖެހޭ
 
ބޭނުން ނުކުރާ އެކައުންޓްތަކުގައިވާ ފައިސާ އެމް.އެމް.އޭއާ ހަވާލުކޮށް އެކައުންޓްތައް ބަންދުކުރާނެ
 
ބޭނުން ނުކުރާ އެކައުންޓްތަކުގެ ވެރިންނަށް ވަނީ ސިޓީ ފޮނުވާފައި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުރި މުއާމަލާތު ނުކުރާ އެކައުންޓްތައް އަލުން ބޭނުންކުރާނަމަ 60 ދުވަހުގެ މުއްދަތެއް އެބޭންކުން ދީފިއެވެ.

އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބޭންކިންއާބެހޭ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވިދިވިދިގެން ފަސް އަހަރު ވަންދެން، އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓަކުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ، އެ އެކައުންޓަކީ ޑޯމެންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅައި، ވޭތުވެދިޔަ ފަސް އަހަރު އެއްވެސް މުޢާމަލާތެއް ހިނގައިފައި ނުވާކަމަށް ބޭންކުގެ ރިކޯޑްތަކުން ދައްކާ ހުރިހާ އެކައުންޓެއްގެ ވެރިންނަށް ސިޓީ ފޮނުވާފައިވާނެކަމަށެވެ.

ބޭންކިންއާބެހޭ ގާނޫނުގައިވާ ގޮތަށް ކަސްޓަމަރުންނަށް އެންގުމަށްފަހު، ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ، އެ މީހުންގެ ނަންތައް ދުވަހު ނޫސްތަކުގައި ޝާއިޢުކުރުމަށްފަހު، ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެ ކަމަށް ވެސް އެމްއައިބީން ބުނެއެވެ.

މި އިއުލާން އެބޭންކުން ކުރާތާ 60 ދުވަސް ހަމަވުމުން، އެ ފަރާތްތަކުގެ އެކައުންޓްތަކުގައިވާ ފައިސާ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާއި ހަވާލުކުރުމަށްފަހު، އެ އެކައުންޓްތައް ބަންދުކުރާނެއެވެ.

އެމްއައިބީގެ "ކަސްޓަމަރ މަޢުލޫމާތު ފޯމު" ފުރުމަށްފަހު ބޭންކަށް ހުށައެޅުމުން ނުވަތަ ފޯމާ އެކުގައި، އަސްލާ އެއްގޮތް އެއްޗެއްކަން އަންގައިދޭ ތައްގަނޑުޖަހައިފައިވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އީމެއިލް ކުރުމުން އެކައުންޓް އަލުން ބޭނުން ކުރެވޭނެ ކަމަށް އެމްއައިބީން ބުނެއެވެ. އަދި އެކައުންޓް އެކްޓިވޭޓް ވުމުން އެކައުންޓުން ފައިސާގެ މުޢާމަލާތެއް ހިންގުމަށްވެސް އެމްއައިބީން އެދެއެވެ.

އެމްއައިބީން ބުނީ ޖޫން ހަތަރެއްގެ ކުރިން އެކައުންޓް ބޭާނުން ކުރުމަށް އެދިފައިނުވާނަމަ، ބޭންކިންއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރެވޭނެ ކަމަށާއި އެމް.އެމް.އޭ އާއި ހަވާލުކޮށްފައިވާ ފައިސާ ހޯދަން ބޭނުންވާނަމަ، "ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމް" ފުރުމަށްފަހު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗަކަށް ހުށަހެޅުމުން ފައިސާ ލިބޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
25%
25%
50%
0%
0%
0%
ކޮމެންޓް
7 އޭޕްރިލް 2021 | ބުދަ 11:18
މަޒީދު ޢަބުދުﷲ
ފުރަތަމަ ބޭންކުގެ ޚިދުމަތް ލިބޭގޮތް ހަދާބަލަ