ކ. މާލެ
|
6 އޭޕްރިލް 2021 | އަންގާރަ 15:17
ތިމްޕޫ ސިޓީ އެފްސީގެ ކޯޗު ނަވަން ދެންޑަޕް
ތިމްޕޫ ސިޓީ އެފްސީގެ ކޯޗު ނަވަން ދެންޑަޕް
އަދަދު
އީގަލްސް އާއި ތިމްޕޫގެ މެޗު
އީގަލްސްއަށް ފައިދާ ބޮޑަސް، ދުލެއް ނުދޭނަން: ދެންޑަޕް
 
އީގަލްސްއާ ދެކޮޅަށް ކުޅުމަށް ތިމްޕޫ ރާއްޖެ އައީ އިންޑިއާގައި ތަމްރީނުތައް ހެދުމަށްފަހު
 
އީގަލްސް އާއި ތިމްޕޫ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައި

ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސްއަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް އޮތް ނަމަވެސް، ތިމްޕޫ ސިޓީ އެފްސީ ދޫ ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު ނަވަން ދެންޑަޕް ބުނެފިއެވެ.

ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ތިމްޕޫ ބައްދަލުކުރާއިރު، ބުދަ ދުވަހުގެ ހަވީރު މި މެޗު ކުޅޭނީ މާލޭގައެވެ. އެހެންކަމުން މި މެޗަށް ތައްޔާރުވުމުގެ ގޮތުން ތިމްޕޫ ސިޓީން ވަނީ އިންޑިއާގައި ތަމްރީނު ހަދާފައެވެ. އެގޮތުން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާ މަޝްވަރާކުރުމަށްފަހު، އީގަލްސް މެޗުގެ ކުރިން ރަނގަޅު ތިމްޕޫ ސިޓީން ވަނީ އިންޑިއާގެ ކަލްކަތާގައި ތަމްރީނުތައް ފުރިހަމަކޮށްފައެވެ.

ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބުދަ ދުވަހުގެ ހަވީރު އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ދެންޑަޕް ބުނީ ކުރިން ދެ ލެގަށް ކުޅެމުން އައި ކޮލިފައިން މެޗުތައް، ކޮވިޑް-19 އާ ގުޅިގެން އެއް ލެގަށް ބަދަލުކުރުމާއެކު، މި މެޗު މާލޭގައި ކުޅެން ޖެހުމަކީ އީގަލްސްއަށް އޮތް ފައިދާއެއް ކަމަށެވެ. އަދި ރާއްޖޭގެ މޫސުމަށް ބަލާއިރު, މިއީ ހޫނު ޤައުމެއްކަން އެނގޭ ކަމަށާއި، އެހެންކަމުން މި މެޗަށް އައުމުގެ ކުރިން އިންޑިއާގެ ކަލްކަތާގައި ބޭއްވި ފަރިތަކުރުންތަކުގެ ސަބަބުން އެކަމަށް ފަސޭހަތަކެއް ވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، މެންޓަލީ ވަރުގަދަ ވެއްޖެނަމަ، މި މެޗު ކާމިޔާބުކުރެވޭނެ ކަމަށާއި، އެހެންކަމުން އީގަލްސްއަށް ދޫ ނުދޭނެ ކަމަށްވެސް ދެންޑަޕް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ބޫޓާނުގެ ޤައުމީ ޓީމުގެ ކުޅުންތެރިން އެ ޓީމަށް ގެނެސްފައިވާއިރު، އީގަލްސްއާ ދެކޮޅަށް ނުކުންނަ ތިމްޕޫ ޓީމުގައި ބިދޭސީ އެއްވެސް ކުޅުންތެރިއެއް ނުހިމެނެއެވެ. އެކަމަކު އީގަލްސްއިން ވަނީ ކޮލިފައިންނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ބިދޭސީ އައު ތިން ކުޅުންތެރިން ގެނެސްފައެވެ.

އީގަލްސްއާ ބެހޭ ގޮތުން ދެންޑަޕް ބުނީ އެ ޓީމުގެ ކަންކަން ވަރަށް ފަހުން ދިރާސާކޮށްލި ކަމަށާއި، ނަމަވެސް އީގަލްސްގެ ގިނަ ކަންތައްތަކެއް މާ ބޮޑަށް ދަސްވެފައި ނުވާ ކަމަށެވެ. އެކަމަކު މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވާ ކަމަށާއި، އެހެންނަމަވެސް އީގަލްސް މެޗު އެއްވެސް ވަރަކަށް ފަސޭހަކޮށްލެވެން ނޯންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ތިމްޕޫ ސިޓީގެ މިޑްފީލްޑަރު ޝެރިން ދޯޖީ ބުނީ އީގަލްސް މެޗުން ނަތީޖާ ނެރުމަށް އެންމެ މުހިންމު ކަމަކީ ޓީމެއްގެ ގޮތުގައި ރަނގަޅު މަސައްކަތެއް ކުރުން ކަމަށެވެ. އަދި ތިމްޕޫ ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް، ފުޓްބޯޅައިގައި ކޮންމެ ގޮތެއް ވެސް ވެދާނެ، އެގޮތުން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ތިމްޕޫ ސިޓީ ބައްދަލުކުރާ މެޗު ޤައުމީ ފުޓްބޯޅަ ދަނޑުގައި ފަށާނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް