ކ. މާލެ
|
6 އޭޕްރިލް 2021 | އަންގާރަ 02:25
ބާސާ އާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 1-0 ން
ބާސާ އާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ބާސާއިން އެތުލެޓިކޯއާ އެއް ޕޮއިންޓް ގާތަށް
 
ވަޔަޑޮލިޑް އަތުން ބާސާ މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ދެވަނައިގައި ބާސާ އޮތީ 65 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ ފަހު ވަގުތު ރެއާލް ވަޔަޑޮލިޑް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެއް ޕޮއިންޓް ގާތަށް ބާސެލޯނާ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ ފަހު ވަގުތު 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލީޑު ނަގަން ރަނގަޅު ފުރުޞަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ވަޔަޑޮލިޑުގެ ކެނަން ކޯޑްރޯ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ފޮނުވާލި ބާރު ހަމަލާއެއްވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ދެވަނަ ހާފު މުޅިން އެއްކޮށް ބާސާއިން ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، ވަޔަޑޮލިޑުން ވަނީ ރަނގަޅަށް ޑިފެންސްކޮށް މެޗުގެ ބޮޑުބައިގައި ބާސާ ހުއްޓުވާފައެވެ. އެކަމަކު ވަޔަޑޮލިޑަށް މި މެޗުގައި މައްސަލަތަކެއް ދިމާވީ، މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ އޮސްކާ ޕްލާނޯއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދެއްކީ ބާސާގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭއަށް ކުރި ޓެކުލަކާ ގުޅިގެންނެވެ.

އެއާއެކު ވަޔަޑޮލިޑުގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، ބާސާއިން ލީޑު ނަގަން ގިނަ މަސައްކަތްތަކެއް ކުރިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ ފަހު މިނެޓުގައެވެ. އޭރިއާ ތެރެއިން ލިބުނު ފުރުޞަތަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޑެމްބެލޭއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯއާ އެއް ޕޮއިންޓް ގާތަށް ބާސާ ޖެހިލިއިރު، ތާވަލުގެ ދެވަނައިގައި ބާސާ އޮތީ ކުޅުނު 29 މެޗުން ލިބުނު 65 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯއަށް 29 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 29 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. އެއާއެކު ލީގުގެ ފޯރިގަދަވެފައިވާއިރު، އަންނަ ހޮނިހިރު ދުވަހުގެރޭ ރެއާލާއި ބާސާ ބައްދަލުކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
67%
0%
0%
0%
33%
ކޮމެންޓް