ކ. މާލެ
|
4 އޭޕްރިލް 2021 | އާދީއްތަ 10:20
ލައިޕްޒީގާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 1-0 ން
ލައިޕްޒީގާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ލައިޕްޒީގް ބަލިކޮށް ބަޔާނަށް ހަތް ޕޮއިންޓުގެ ލީޑެއް
 
ލައިޕްޒީގް އަތުން ބަޔާން މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ 64 ޕޮއިންޓާއެކު

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ތާވަލުގެ ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން ބަޔާނުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކުޅެފައެއް ނުވެއެވެ. އެކަމަކު މި މެޗުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ތޯމަސް މުލާ ދިން ޕާހަކުން މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ލެއޯން ގޮރެޓްޒްކާއެވެ.

އޭގެ ފަހުން މެޗުގެ 43 ވަނަ މިނެޓުގައި ބަޔާނުގެ ލެރޯއި ސާނޭ، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް، ލައިޕްޒީގުގެ ގޯލްކީޕަރު ޕީޓަ ގުލާޗީ ވަނީ ދިފާއުކޮށްފައެވެ. އަދި މި މެޗުގައި ލައިޕްޒީގުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު، ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ކެޕްޓަން ސެލް ސަބިޓްޒާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބަޔާނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ބަޔާނުން ހަތް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 27 މެޗުން 64 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި ލައިޕްޒީގް އޮތީ 27 މެޗުން 57 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ބޮރޫޝިއާ ޑޯޓްމުންޑް ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން އެއިންޓްރެކްޓް ފްރެންކްފަޓް އަތުން ބަލިވެފައެވެ. މި ނަތީޖާއާއެކު ތާވަލުގެ ފަސްވަނައިގައި ޑޯޓްމުންޑް އޮތީ 27 މެޗުން 43 ޕޮއިންޓާއެކުއެވެ. އަދި ޑޯޓްމުންޑް ބަލިކުރި ފްރެންކްފަޓް އޮތީ ތާވަލުގެ ހަތަރުވަނައިގައި 27 މެޗުން 50 ޕޮއިންޓާއެކުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް