ކ. މާލެ
|
3 އޭޕްރިލް 2021 | ހޮނިހިރު 23:33
މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ސަސްއިން ވަރުގަދަ މާޒިޔާ ހިފަހައްޓައިފި
 
މާޒިޔާ އާއި ސަސް އެއްވަރުވީ ލަނޑެއް ނުޖެހި
 
ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 25 ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެއްވަރުކޮށްފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 25 ވަނަ މިނެޓުގައި މާޒިޔާގެ ޖަޕާން މިޑްފީލްޑަރު ކަމަށްވާ ޓަކާޝީ އޮޑަވާރާއަށް ވަނީ އޭރިއާ ތެރެއިން ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ، ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ބްލޮކް ކޮށްފައެވެ.

އޭގެ ފަހުން މި ހާފުގައި އެންމެ ހުސް ފުރުޞަތެއް ލިބުނީ ސަސްގެ މޮރޮކޯ މިޑްފީލްޑަރު މުޙައްމަދު އަޖްނާނީއަށެވެ. އެގޮތުން ހުހަށް ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެ ފަހުން މި ހާފުގައި ސަސްގެ އަޙްމަދު އައިހަމް ފޮނުވާލި ހަމަލާއެއް، މާޒިޔާގެ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ ދިފާއުކޮށްފައެވެ.

ދެ ބަދަލަކާއެކު ދެވަނަ ހާފާ މާޒިޔާއިން ކުރިމަތިލިއިރު، މި ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 73 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އެ ޓީމުގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ވަނީ ހުސް ފުރުޞަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން މާޒިޔާގެ އިބްރާހީމް އައިސަމް ފޮނުވާލި ބާރު ހަމަލާ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަސްގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.

މި މެޗަށްފަހު ސަސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މާޒިޔާ އަތުން ލިބުނު ޕޮއިންޓަކީ ވަރަށް ބުރަ މަސައްކަތުން ހޯދުނު ޕޮއިންޓެއް ކަމަށެވެ. އެގޮތުން މި މެޗުގައި އެންމެ ރަނގަޅަށް ނުކުޅެވުނު ކަމުގައި ވިޔަސް، މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ރަނގަޅު ކަމަށްވެސް ބުންޏެވެ.

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ ސަސްއިން ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅުނުއިރު, މާޒިޔާއަށް ލިބުނު ފުރުޞަތުތަކުގައި ލަނޑެއް ޖެހުމަށް ބޭނުންވާ ނަސީބުގެ އެހީތެރިކަން ނެތުންވެސް އެއީ މި މެޗުގައި ދިމާވި މައްސަލައެއް ކަމަށެވެ. އެކަމަކު މެޗުގައި ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން މާޒިޔާއަށް ކުޅުނު 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 10 މެޗުން ވަނީ 18 ޕޮއިންޓް ލިބިފައެވެ. އަދި މާޒިޔާއާ އެއްވަރުކުރި ސަސް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 11 މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް