ކ. މާލެ
|
3 އޭޕްރިލް 2021 | ހޮނިހިރު 22:08
ރެއާލާއި އެއިބާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން
ރެއާލާއި އެއިބާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އެއިބާ ބަލިކޮށް ރެއާލް ދެވަނައަށް
 
އެއިބާ އަތުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ދެވަނައިގައި ރެއާލް އޮތީ 63 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެއިބާ ބަލިކޮށް، ތާވަލުގެ ދެވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުގެ ތަޖުރިބާކާރު ކަރިމް ބެންޒެމާ އާއި މާކޯ އެސެންސިއޯ ޖެހި ލަނޑުތައް އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، މި ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކަސެމީރޯ ދިން ޕާހަކުން މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ އެސެންސިއޯއެވެ.

މި މެޗުގައި ރެއާލުން އެއިބާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެންޒެމާއެވެ. މި މެޗުގައި ބެންޒެމާ ލަނޑު ޖެހިއިރު، މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ބެންޒެމާ ޖެހި ހަވަނަ ލަނޑެވެ. އަދި އެންމެ ފަހުން ކުޅުނު ހަތް މެޗުގައިވެސް ބެންޒެމާ ވަނީ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ރެއާލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 29 މެޗުން 63 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައަށް ވެއްޓުނު ބާސެލޯނާއަށް 28 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 28 މެޗުން ވަނީ 66 ޕޮއިންޓް ލިބިފައެވެ. މީގެ އިތުރުން ރެއާލް އަތުން ބަލިވި އެއިބާ އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 29 މެޗުން 23 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް