ކ. މާލެ
|
3 އޭޕްރިލް 2021 | ހޮނިހިރު 19:00
ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓީސީ މޮޅުވީ 2-0 ން
ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓީސީ މޮޅުވީ 2-0 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޔޫވީ ބަލިކޮށް ޓީސީ ފަސްވަނައަށް
 
ޔޫވީ އަތުން ޓީސީ މޮޅުވީ 2-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ފަސްވަނައަށް ޓީސީ ޖެހިލީ 12 ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ތާވަލުގެ ފަސްވަނައަށް ޓީސީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ޓީސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅު ޓީސީގެ ކެޕްޓަން މުޙައްމަދު އައްޒާމަށް ވަނީ ރަނގަޅު ދެ ފުރުޞަތެއް ލިބިފައެވެ. އޭގެ ފަހުން ޔޫވީއަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ޔޫވީގެ ބައްސާމް މުހައްމަދު (ބައްކު) ހުހަށްހުރެ ފޮނުވާލި ހަމަލާ ޓީސީގެ ގޯލްކީޕަރު މަމަދޯފް އާޒާދު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެކަމަކު މި މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައްޒާމެވެ. މިއީ އޭރިއާ ތެރެއިން ޓީސީގެ ސެމިއުލް ކޯޑެލްއަށް ޔޫވީގެ އަޙްމަދު ވިސާމް (ޖެރާޑް) ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީސީން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އައްޒާމެވެ.

އޭގެ ފަހުން މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗު ޔޫވީން ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 76 ވަނަ މިނެޓުގައި ޓީސީގެ އައްޒާމަށް ކުރި ފައުލަކާ ގުޅިގެން، ޔޫވީގެ ޖެރާޑަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި މެޗުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މި މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދައި، ލީގުގައި ކުރިއަށް ދިޔުމަށް ކަމަށާއި، އެގޮތުން ލީގުގައި ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު، މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވެގެންދާނެ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މެޗުގައި ޔޫވީގެ ކުޅުން ގޯސް ނޫން ކަމަށާއި، ޔޫވީގެ ކޮޅަށް ވަން ދެ ލަނޑަކީވެސް އަމިއްލައަށް ހެދުނު ގޯސްތަކުން ވަން ދެ ލަނޑު ކަމަށެވެ. އަދި ލީގުގެ މިހާ ހިސާބުން ރެލިގޭޝަނަށް ތައްޔާރުވާން ޖެހޭ ކަމަށް ސާންތި ވަނީ ބުނެފައެވެ.

ޔޫވީ އަތުން ހޯދި މޮޅާއެކު ތާވަލުގެ ފަސްވަނައަށް ޓީސީ ޖެހިލީ ކުޅުނު 11 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަވަނައިގައި އޮތް ކުލަބު އީގަލްސްއަށް 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ޓީސީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މީގެ އިތުރުން ޓީސީ އަތުން ބަލިވި ޔޫވީ އޮތީ ތާވަލުގެ ފުލުގައި ކުޅުނު 11 މެޗުން ލިބުނު އެންމެ ތިން ޕޮއިންޓާއެކުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް