ކ. މާލެ
|
3 އޭޕްރިލް 2021 | ހޮނިހިރު 19:16
ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު
ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު
އެފްއޭއެމް
ދަ ގްރާންޑޭ އާއި ގްރީންގެ މެޗު
ދަ ގްރާންޑޭ މެޗަކީ ކުރިއަށް އަރަން ލިބޭ ރަނގަޅު ފުރުޞަތެއް: ނިސްތާރު
 
ފުރަތަމަ ބުރުގައި ކުޅުނު މެޗުން ގްރީން ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައި
 
ދަ ގްރާންޑޭ އާއި ގްރީން ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ 21:00 ގައި

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗަކީ ތާވަލުގެ ކުރިއަށް އަރަން ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާއިރު، ތާވަލުގެ ތިންވަނައިގައި ދަ ގްރާންޑޭ އޮތީ ކުޅުނު 10 މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. އަދި ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި 10 މެޗުން 14 ޕޮއިންޓާއެކުއެވެ. އެހެންކަމުން މި މެޗުން މޮޅުވެގެން ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުޞަތު ދަ ގްރާންޑޭއަށް އޮތްއިރު، ދަ ގްރާންޑޭ ބަލިކޮށްގެން ތާވަލުގެ ތިންވަނައަށް ޖެހިލުމުގެ ފުރުޞަތު ގްރީން ސްޓްރީޓްސްއަށް އެބައޮތެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ދަ ގްރާންޑޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިސްތާރު ބުނީ މި މެޗަކީ ތާވަލުގެ ކުރިއަށް އަރަން ގްރީން ސްޓްރީޓްސްއަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށާއި، ހަމަ އެގޮތުން އެ ފުރުޞަތު ދަ ގްރާންޑޭއަށް އެބައޮތް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މެޗަކީ ވަރަށް ވަރުގަދަ މެޗަކަށް ވެގެންދާނެ ކަމަށްވެސް ނިސްތާރު ވަނީ ބުނެފައެވެ.

ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމާ ގުޅޭގޮތުން ނިސްތާރު ބުނީ މީގެ ކުރިންވެސް މި ހާލަތު އަންނާނެކަން އެނގޭ ކަމަށާއި، އެހެންކަމުން އެ ކަމަށް މީގެ ކުރިން ގްރީން ސްޓްރީޓްސްއިން ތައްޔާރުވި ކަމަށެވެ. އެގޮތުން ކުޅުންތެރިން ރޮޓޭޓް ކުރެވޭނެ ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި، އެހެންކަމުން ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ އެ ޓީމަށް އޮތް ބޮޑު މައްސަލައެއް ނޫން ކަމަށްވެސް ނިސްތާރު ވަނީ ބުނެފައެވެ.

ލީގުގެ ދެވަނަ ބުރުގައި ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާއިރު، ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ގްރީން ސްޓްރީޓްސް ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ 21:00 ގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް