ކ. މާލެ
|
3 އޭޕްރިލް 2021 | ހޮނިހިރު 14:37
ޖޯޖް ފްލޮއިޑް ސްކެއާ
ޖޯޖް ފްލޮއިޑް ސްކެއާ
ރޮއިޓަރސް
ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލަ
ޑެރެކް ޝޯވިންގެ ޝަރީއަތް: ބިޑި އަޅުވާފައި ހުރި މީހެއްގެ ފަރާތުން އަނިޔާއެއް ލިބިދާނެތަ؟
 
ޑެރެކް ޝޯވިންއާ ދެކޮޅަށް ހުކުރު ދުވަހު ހެކިބަސް ދިނީ ލެފްޓިނެންޓް ރިޗާޑް ޒިމާމެން
 
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހާގެ ހާލު ބެލުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ހެކިވެރިޔާ ބުނި
 
ދިފާއީ ވަކީލު ބުނީ އެއްވެ ތިބި މީހުން ލަވަމުން ދިޔަ ހަޅޭކުގެ ސަބަބުން، ޑެރެކް ޝޯވިންގެ ސަމާލުކަން ގެއްލުނީ ކަމަށް

ބިޑިއަޅުވާފައި ހުރި މީހެއްގެ ފަރާތުން އެހެން މީހަކަށް އަނިޔާއެއް ދެވިދާނެ ކަމާމެދު، އެމެރިކާގެ ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްގައި، މިނިއާޕޮލިސް ފުލުހުންގެ އިދާރާގެ އިސް ފުލުސް އޮފިސަރަކު ސުވާލު އުފައްދައިފިއެވެ.

ޖޯޖް ފްލޮއިޑްގެ ބުރަކަށްޓަށް ކަކުލުން އެރި މިނިއާޕޮލިސް ފުލުހުންގެ އިދާރާގެ ކުރީގެ ފުލުސް އޮފިސަރު ޑެރެކް ޝޯވިންއާ ދެކޮޅަށް ހެކިބަސްދެމުން، ލެފްޓިނެންޓް ރިޗާޑް ޒިމާމެން ބުނީ، ބިޑި އެޅުވުމާއެކު ހައްޔަރުކުރެވޭ މީހާގެ ފަރާތުން އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ދެން ނޯންނާނެ ކަމަށެވެ.

އޭނާވަނީ 'ޕްރޯން ޕޮޒިޝަން' ނުވަތަ ބަންޑުން ބޭއްވުމުގެ ނުރައްކާތެރިކަން ޝަރީއަތަށް ކިޔައިދީފައެވެ. އޭނާ ބުނީ ބިޑިއެޅުވުމަށްފަހު ބަންޑުން ބޭއްވުމުގެ މާނައެއް ނެތްކަމަށާއި، އެގޮތަށް ބޭއްވުމުން މީހާއަށް ނޭވާ ބަންދުވާނެ ކަމަށެވެ.

މީގެ އިތުރުން، ބަންޑުން ވައްޓާލުމަށްފަހު ކަނދުރާއަށް ކަކުލުން އަރާ އެހާއިރު މަޑުކުރަން ޖެހޭވަރުގެ ނުރައްކަލެއް، ޖޯޖް ފްލޮއިޑް ގެ ކިބައިން ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، އޮތްކަމަށް ނުދެކޭކަމަށް އޭނާ ބުންޏެވެ.

ވަގުތުން ދުރަށް ދައްކަމުންދިޔަ އަޑުއެހުމުގައި، ޒިމާމެން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހާގެ ހާލު ބެލުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި، އެމީހުންނަށް ހާނިއްކައެއް ލިބިއްޖެ ހިނދެއްގައި ދޭންޖެހޭ ފުރަތަމަ އެހީ ދެވޭ ފެންވަރަށް ފުލުހުންނަށް ތަމްރީން ލިބިފައިވާނެ ކަމަށެވެ.

މި އަޑުއެހުމުގައި ދިފާއީ ވަކީލު ބުނީ، ޖޯޖް ފްލޮއިޑްގެ ވިންދު ބެލުމަށް ގޮވާ އެއްވެ ތިބި މީހުން ލަވަމުން ދިޔަ ހަޅޭކުގެ ސަބަބުން، ޑެރެކް ޝޯވިންއާއި އެވަގުތު އޭނާގެ ކައިރީގައި ތިބި އެހެން ފުލުހުންގެ ސަމާލުކަން ގެއްލި، ފްލޮއިޑަށް އަޅާނުލެވުނީކަމަށެވެ.

އެހެން ނަމަވެސް ޒިމާމެން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ، އެއްވެތިބި މީހުންގެ ފަރާތުން ހަމަލާއެއް ނާންނަމަ، އެއީ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއްކަމަށް ބަލައެއް ނުގަނެވޭނެ ކަމަށެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ ހޯމަދުވަހުއެވެ.

އެމެރިކާގެ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޝޯވިން، ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ ކަނދުރާއަށް ކަކުލުން އަރައިގެންހުރި މަންޒަރުދުށް މީހަކު ވަނީ، ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެއާއެކު އެ ހާދިސާ ދުނިޔޭގެ ސަމާލުކަމަށް އައިސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް، ގިނަ މުޒާހަރާތަކެއް ކުރެވުނެވެ. އަދި ފުލުހުންގެ ހަރުކަށިކަމާއި ދެކޮޅަށް އެއްވުން ތަކެއް ބޭއްވުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް