ކ. މާލެ
|
3 އޭޕްރިލް 2021 | ހޮނިހިރު 18:59
އަމީނީ މަގު، ގައު އެތުރުމުގެ މަސައްކަތުގެ ތެރެއިން
އަމީނީ މަގު، ގައު އެތުރުމުގެ މަސައްކަތުގެ ތެރެއިން
އަމްނާ އިމާދު
މަގޭ ރިޕޯޓު- މާލެ ސިޓީގެ މަގުތައް
ބާރުލިބި ފެއިލްވި ބޭފުޅަކަށް އާމާން ހިތް ފަސޭހަ މަގުތަކެއް ގާއިމްކޮށްދެވޭނެތަ؟
 
މާލޭގެ މަގުތަކުގައި އަޑިގުޑަންތައް ވަރަށް ގިނަ
 
ރައީސް ޔާމީންގެ ވެރިކަމުގައި 13 މަގެއްގެ ގާތަށް ނެގުމަށްފަހު ލެވެލް ކުރުމަށް ނިންމި
 
މާލޭގެ މަގުތަކުގައި ބެނާތައް ގިނަ

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުގެ މައްސަލަތައް ހައްލުކޮށް މާލޭގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ މީހުންނާއި ދުއްވާ އުޅަނދުތަކަށް ފަހިވާގޮތަށް ތަރުތީބުކުރެވިފައިވާ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ވާހަކައަކީ އައު ވާހަކައަކަށް ނުވާނެއެވެ. ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ފެށިގެން މިއަދާ ހަމައަށް މަގުތަކުގެ މަޝްރޫއުގެ ވާހަކަތަކަށް ނިމުމެއް ނާދައެވެ. ޚާއްސަ ގޮތެއްގައި އިންތިޚާބުތަކާއި ދިމާކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ ވާހަކައިގެ އަޑު ގަދަވެގެންދާ ބީދައިން މިފަހަރު ވެސް އެއަޑު ވަނީ ގަދަވެފައެވެ.

މާލޭގެ މަގެއް މައްޗަށް ނުކުންނައިރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައި ގަންނަނީ މަގުތަކުގެ އެކި ދިމަދިމާލުގައި ހަރުކޮށްފައި ހުންނަ ބެނާތަކަށެވެ. ބެނާތަކުގައި ލިޔެފައިވާ މެސެޖްތަކަށް މިއަދު ބައެއް މީހުން މަލާމަތްކޮށް ޖޯކުޖަހައެވެ. ރުޅި ގަދަވެ އެއްޗެހި ކިޔާ މީހުން ވެސް މަދެއް ނުވާނެއެވެ. އެއީ ފަސްއަހަރު ދުވަހު ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމުގެ ފުރުސަތު ލިބުނު މީހަކު އެދުވަހު އެކަންތައް ނުކޮށްދީ މިއަދު ނުކުމެ ''ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކުރެވިފައިވާ ހިތްފަސޭހަ އަމާން މަގުތައް'' ގާއިމްކޮށްދޭނަމޭ ބުނެ ބެނާތައް ހަރުކުރުމުން އުފާފާޅުކުރާނެ މީހަކު ހުންނާނެކަމާއި މެދު ސުވާލު އުފެދޭނެ ނޫންތޯއެވެ.

ދުވާރު މައްޗާއެކު ހޮޅިތައް އަޅާފައި އޮތުމުން ހިނގާބިނގާވެ އުޅޭމީހުންނަށް ވަރަށް ދަތިވޭ,

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތް އިފްތިތާހު ކުރިއެވެ. މިމަޝްރޫއުގެ ތެރެއިން މާލޭގެ ބޮޑެތި މަގުތައް ހިމެނޭ ގޮތަށް 13 މަގެއްގެ ގާތަށް ނެގުމަށްފަހު ލެވެލް ކުރުމަށް ނިންމިއެވެ. އަދި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހުރިހާ ކާނުތައް ސާފު ކުރުމާއި، ކާނުތައް ބޮޑު ކުރަން ނިންމިއެވެ. މިމަޝްރޫއާއެކު މާލޭގެ މަގުތަކުން ވެހިިކަލް ދުއްވުމަށާއި، ހިނގާބިގާވެ އުޅޭ މީހުންނަށް ވަރަށް ފަސޭހަވާނެ ކަމަށް އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އެކިއެކި މަސައްކަތްތައް ކުރުމަށް މަގުތައް ކޮންނަން ޖެހޭ ޖެހުމަށް ވެސް ހައްލު ލިބޭނެ ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް މިމަޝްރޫއުގެ ތެރެއިން ނިންމި ހަމައެކަނި މަގަކީ މަޖީދީ މަގެވެ. ބާކީ 12 މަގަށް ވީ ގޮތެއް ނޭނގެއެވެ.

އަމީނީ މަގު، އަޑިގުޑަންތައް ވަރަށް ގިނަ

މަޖީދީމަގު ނެގުމަށްފަހު ދެން އެންމެ ކާރުބާރުބޮޑު އެއްމަގު ކަމަށްވާ އަމީނީ މަގަށް ނަޒަރު ހިންގާލަމާތޯއެވެ. އެމަގަކީ ދުވަހަކު ވެސް ކޮނެ ނިމުނު މަގެއް ނޫނެއެވެ. މަގުގެ ކޮންމެވެސް ހިސާބެއް އަބަދުވެސް އޮންނަނީ ކޮނެފައެވެ. އަޑިގުޑަންތައް ގިނަވެ ވެހިކަލް ދުއްވަން އިންތިހާއަށް އުނދަގުލެވެ. ގަދަ ކަނޑަކަށް ނުކުތުމެކޭ އެއްފަދައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޕެލެޓްތަކާއި ހޮޅިތަކުން ސަލާމަތް ނުވެއެވެ. ދުވާރު މައްޗާއެކު ހޮޅިތައް އަޅާފައި ހުންނައިރު ހިނގާބިނގާވެ އުޅޭމީހުންނަށް ދުވާރު ބޭނުން ކުރެވޭ ވަރެއް ވެސް ނޫނެއެވެ. އަމީނީ މަގުގެ އިތުރުން މާލޭގެ އެތެރޭގެ މަގުތަކުގެ ވެސް ހާލަތެވެ.

އަމީނީ މަގު، ހޮޅިވަލުމުގެ މަސައްކަތުގެ ތެރެއިން

މިއީ ރައްޔިތުންނާއި ގުޅުންހުރި ބޮޑު މައްސަލައަކަށްވާތީ 26 ޖެނުއަރީ 2020ގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ ބިޔަ މަޝްރޫއެއް ހިންގަން ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މާލޭ ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ އާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް އަލުން ގާ އަތުރައި، މަގުތައް ބަދަލުކުރުމަށް 462 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާ މިމަޝްރޫއުގެ މަސައްކަތްތައް މިހާރު ކުރިއަށް ދެއެވެ. ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ފެންބޮޑުނުވާނެ ކަމަށް ޔަގީންކަން ދިން މަގުތަކުގައި ވެސް ފެންބޮޑުވާ މައްސަލަ ހައްލު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.

ގައު އެތުރުމުގެ މަސައްކަތުގެ ތެރެއިން

މިމަޝްރޫއުގައި، 18 ކިލޯ މީޓަރުގެ މަގުތައް ހަދާއިރު، އެއީ އެކި ސަރަހައްދުތަކުން 416 މަގެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ. ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން، އުޅަނދުތައް ޕާކް ކުރުމަށް 21 ތަނެއް ކަނޑައަޅާފައިވެއެވެ.

މިހާރު ރައްޔިތުން ތިބީ މިމަޝްރޫއުގެ މަސައްކަތްތައް ނިމޭނެ ދުވަހަކަށެވެ. އެތައް ހާސް ބަޔަކު މިސިޓީގައި ދިރިއުޅެމުންދާއިރު، ބޭނުންވަނީ އަމާން މަގުތަކެކެވެ. ފަސް އަހަރު ދުވަހު މަގުތައް ތަރައްގީކުރުމުގެ ފުރުސަތު ދިން ލިބުނު މީހަކު ފެއިލްވެ، އަނެއްކާވެސް އިންތިޚާބެއް ބޯމަތިވަމުން އަންނައިރު ހިތް ފަސޭހަ އަމާން މަގުތަކެއް ގާއިމްކޮށްދޭނަމޭ ބުނެ ބެނާތައް ހަރުކުރީމާ ދެން ޖޯކުޖެހުން ގިނަވާނެ ނުންތޯއެވެ.!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
20%
0%
0%
0%
0%
80%
ކޮމެންޓް
3 އޭޕްރިލް 2021 | ހޮނިހިރު 21:43
ވަރަބިދުނުކޮތަރު
ތަންދޮރު އެގެނީ އިބްރާހީމް މުހައްމަދު ސޯލިހަށްތަ ؟ ސިވިލް އިންޖިނޭރުކަން ކިޔަވައިގެން ހުންނެވީއިބްރާހީމް މުހައްމަދު ސޯލިހުތަ ؟ މާލޭގެ މަގުމައްޗަކު ފެން ބޮޑު ނުވާގޮތް ހެދީއިބްރާހީމް މުހައްމަދު ސޯލިހޭކާކު ދެނެހުރިކަމެއްތީ .