ކ. މާލެ
|
3 އޭޕްރިލް 2021 | ހޮނިހިރު 08:42
އިންޑިޔާގައި ބަޔަކު މަގުމަތީގައި ހިނގާފައިދަނީ
އިންޑިޔާގައި ބަޔަކު މަގުމަތީގައި ހިނގާފައިދަނީ
އިންޑިއާ ޓައިމްސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
އިންޑިޔާގެ މަހާރާޝްތުރާ ސްޓޭޓުގައި ކޮވިޑުގެ ހާލަތު ގޯސްވެ ލޮކްޑައުންއަކަށް ދާންޖެހިދާނެކަމުގެ ބިރު
 
ހާލަތު މިހާރަށްވުރެ ރަނގަޅުނުވާނަމަ ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ލޮކްޑައުން އަކަށްދާން ޖެހިދާނެ
 
މުޅި އިންޑިޔާގައި 12.3 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވޭ
 
މަހާރާޝްތުރާ ސްޓޭޓްގައި ކޮވިޑުގެ ހާލަތު އަންނަނީ މީގެ ހަމަސް ކުރީގެ ހާލަތަށް ބަދަލުވަމުން

ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާ އިންޑިޔާގެ މަހާރާޝްތުރާ ސްޓޭޓްގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދޭނަމަ އެސްޓޭޓް ލޮކްޑައުން ކުރަންޖެހިދާނެ ކަމުގެ އިންޒާރު ޗީފް މިނިސްޓަރ ދެއްވައިފިއެވެ.

ގިނަ މީހުން އެއްވެ އުޅުމާއި އަދި އެއްތަނުން އަނެއް ތަނަށް ދިޔުމުގައި ކޮންޓްރޯލެއް ނުގެންގުޅޭނަމަ ލޮކްޑައުން އަކަށް ދާންޖެހިދާނެކަމަށް ޗީފް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މަހާރާޝްތުރާ ސްޓޭޓްގައި ކޮވިޑްގެ ހާލަތު އަންނަނީ މީގެ ހަމަސް ކުރިން ހުރި ހާލަތަށް ބަދަލުވަމުންނެވެ.

އިންޑިޔާގެ ވިޔަފާރީގެ މައި މަރުކަޒުކަމުގައިވާ މުމްބާއީގައި އަންނަނީ ހަލުވި ކަމާއެކު ވައިރަސް ފެތުރެމުންނެވެ. މުޅި އިންޑިޔާގައި 12.3 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވާއިރު ހުކުރު ދުވަހު އެކަނިވެސް 81،466 މީހަކަށް ވަނީ ވައިރަސް ޖެހިފައެވެ.

އެސްޓޭޓްގެ ހާލަތު ގޯސްވަމުންދިޔުމާއެކު ޓީވީ މެދުވެރިކުރައްވާ ވާހަކަދައްކަވަމުން ޗީފް މިނިސްޓަރ އުދަވް ޗަކްރޭ ވިދާޅުވީ ހާލަތު މިހާރަށްވުރެ ރަނގަޅުނުވާނަމަ ކުރިޔަށް އޮތް ދެތިން ދުވަސްތެރޭގައި ލޮކްޑައުން އަކަށް ދާން ޖެހިދާނެކަމަށެވެ.

ޗީފް މިނިސްޓަރ އިތުރަށް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމުގައިވާ މާސްކު އެޅުމާއި ކޮންމެހެން ދަތުރުކުރަންޖެހިގެން ނޫނީ ދަތުރުނުކުރުން ފަދަ ކަންކަމަށް މީހުން ސަމާލުކަން ދެމުން ނުދާ ކަމަށެވެ.

މިހާރު ހާލަތު ބަދަލުނުވާނަމަ ކުރިޔަށް އޮތް 15 އާއި 20 ދުވަސް ތެރޭގައި ހޮސްޕިޓަލްތައް ބަލި މީހުންނާއިގެން ނުކަތާ ވަރު ވެގެންދާނެކަމަށް ޗީފް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިޔާއަކީ އެމެރިކާ އާއި ބްރެޒިލް ނެގުމަށްފަހު އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އިންޑިޔާގައި މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 163،396ށް އަރާފައެވެ. އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމާއެކު އެކި ސްޓޭޓްތަކުގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ.

މަހާރާޝްތްރާ އިން ހުކުރު ދުވަހު 47،828 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރިއިރު މިއީ ޕެންޑަމިކް ފެށުނު ފަހުން އެސްޓޭޓުން އެއް ދުވަހާ އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރި ދުވަހެވެ.

އިންޑިޔާގެ ދެކުނުގެ ސްޓޭޓެއް ކަމުގައިވާ ކަރްނާޓަކާ ގައި ވަނީ ޖިމްތައް ބަންދުކުރުމާއި ދީނީ ހަރަކާތްތައް ނުބޭއްވުމަށް އަންގާފައެވެ. އަދި ބާރތަކާއި ރެސްޓޯރެންޓްތަކުގައި ވަކި ވަރަކަށްވުރެ ގިނައިން މީހުންނަށް ޚިދުމަތް ނުދިނުމަށް ވަނީ އަންގާފައެވެ.

އިންޑިޔާއިން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް މިދިޔަ އަހަރު މުޅި ގައުމު ލޮކްޑައުންކޮށްގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް މުޅި ގައުމު ލޮކްޑައުންކުރުމުގެ ސަބަބުން ދިމާވަމުންދިޔަ އިގްތިސާދީ މައްސަލަތަކާއި ހެދި ފަހުން ވަނީ ފިޔަވަޅުތަކަށް ލުއި ދީފައެވެ. އަދި އަހަރުގެ ފަހުކޮޅު ވަނީ ކޭސްތައް ފެންނަ މިންވަރު ދަށަށް ގޮސްފައެވެ.

އަލުން ކޭސްތައް މައްޗަށް ދާން ފަށާފައިވާއިރު މިދިޔަ އަހަރު ލޮކްޑައުން ކޮށްގެން އެޅި ކަހަލަ ފިޔަވަޅުތަކެއް އެޅުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރް މޯދީއަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން ދިޔުމާއެކު އެގައުމުގައި ވަނީ ވެކްސިން ދިނުމުގެ ކަންކަން ހަލުވިކޮށްފައެވެ. އަނެއްކޮޅުން އިންޑިޔާގެ ރައްޔިތުންނަށް އެކަށީގެންވާ ހަލުވި މިނުގައި ވެކްސިން ނުދެވި އެހެން ގައުމުތަކަށް ގިނަ އަދަދަކަށް ވެކްސިން އެކްސްޕޯޓްކުރަމުން ގެންދާތީ ބޮޑުވަޒީރަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުންވެސް އަމާޒުވެފައެވެ.

ނިއު ދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކެޖްރަވަލް ވަނީ ހުރިހާ އުމުރުފުރައަކަށް ވެކްސިން ދިނުމުގެ ކަންކަން މިހާރަށްވުރެ ފުޅާކޮށް ކުރިޔަށް ގެންދިޔުމަށް މައި ސަރުކާރަށް ގޮވާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް