raajjemv logo
ކޮވިޑް-19 ތުރުކީގެ ހާލަތު
ތުރުކީގައި ފައިޒަރ ވެކްސިން ޖަހަން ފަށައިފި
 
ތުރުކީގައި އަންނަނީ ރިކޯޑް މިންވަރަކަށް ކޮވިޑްގެ ކޭސްތައް ރިޕޯޓްކުރަމުން
 
ތުރުކީއަށް ފައިޒަރ ވެކްސިންގެ 2.8 މިލިއަން ޑޯޒް ވަނީ ލިބިފައި
 
ތުރުކީގައި މީގެކުރިން ޖަހާފައިވަނީ ޗައިނާގެ ސިނޯވެކް ވެކްސިން
އާއިޝަތު ޝިއުރާ
2,767
ކ. މާލެ |
3 އޭޕްރިލް 2021 | ހޮނިހިރު 06:57
ތުރުކީގައި ކުރިޔަށް ގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން
ރޮއިޓަރސް

ތުރުކީގައި ރިކޯޑް މިންވަރަށް މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުން އަންނައިރު އެގައުމުގައި ފައިޒަރ ވެކްސިން ޖަހަން ފަށައިފިއެވެ.

ހުކުރު ދުވަހު ފައިޒަރ ވެކްސިން ޖަހަން ފަށާފައިވާއިރު މިއީ އެގައުމުގައި ޖަހާ ދެވަނަ ވެކްސިނެވެ. ތުރުކީގައި މީގެކުރިން ޖަހާފައިވަނީ ޗައިނާގެ ސިނޯވެކް ވެކްސިނެވެ. އެގޮތުން މިހާތަނަށް އައިއިރު އެވެކްސިންގެ 16.6 މިލިއަން ޑޯޒް ތުރުކީއަށް ވަނީ ލިބިފައެވެ.

ތުރުކީގައި ވެކްސިން ޖެހުމުގައި އިސްކަންދީފައިވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ސިއްހީ މަސައްކަތްތެރިންނަށެވެ.

ތުރުކީއަށް ފައިޒަރ ވެކްސިންގެ 2.8 މިލިއަން ޑޯޒް ވަނީ ލިބިފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އެއަދަދު 4.5 މިލިއަން ޑޯޒަށް އަރާނެކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ދެ ވެކްސިނެއް ލިބިފައިވުމާއެކު ޖަހާނެ ވެކްސިނެއް ކޮންމެ މީހަކަށްވެސް އަމިއްލައަށް ކަނޑައެޅޭނެކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެމުން ގެންދަނީ ޖޫން މަސް އަންނަންވާއިރު ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތުރުކީގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިޔުމާއެކު އަނެއްކާވެސް ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ހުރިހާ ޕްރޮވިންސެއްގައި ކަހަލަ ގޮތަކަށް ހަފްތާގެ ބަންދުތަކުގައި މީގެކުރިން ކުރިޔަށް ގެންދިޔަ ލޮކްޑައުންތައް އަލުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ތުރުކީ އަކީ މިވަގުތު މުޅި ދުނިޔޭގައި ފަސް ވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގައި 3.4 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މަރުވި މީހުންގެ އަދަދު 31،892ށް އަރައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް