ކ. މާލެ
|
2 އޭޕްރިލް 2021 | ހުކުރު 17:12
މާލެ ސަރަޙައްދުގައި ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ޙަރަކާތްތެރިވަނީ
މާލެ ސަރަޙައްދުގައި ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ޙަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ކޮވިޑް-19އާ ގުޅިގެން ދިގު މުއްދަތަށް ކުރާ އަސަރު
ކޮވިޑް-19ން ރަނގަޅުވިޔަސް ދިގު މުއްދަތަކަށް ކުރާ އަސަރުތައް ގިނަ!
 
ކަސްރަތު ކުރުމާއި، ސިއްހަތަށް ފައިދާ ރަނގަޅު ކާނާ ކެއުމުގެ އިތުރުން ދިރިއުޅުމުގެ އާދަކާދަ ބަދަލުކުރަން ޖެހޭ
 
ނޭވާ ކުރުވުމާއި އާދަޔާ ޚިލާފަށް އިސްތަށި ފޭބުމުގެ މައްސަލަތައް ކުރިމަތިވޭ
 
އެންމެ ގިނަ މީހުންނަށް ދިމާވާ މައްސަލައަކީ ވަރުބަލިވުން

މިފަހުގެ ތާރީޚެއްގައި މުޅި ދުނިޔެ ސިއްސުވާލި ވަބާއަކީ ކޮވިޑް-19އެވެ. މިބަލިން މުޅި ދުނިޔެ އަޅުވެތި ކޮށްފައިވާއިރު، މި ބަލީގައި މިހާރުވެސް ގިނަ ބަޔަކު މަރުވެގެން ދަނީ މަރުވަމުންނެވެ. ބަލީގެ ހަގީގަތް ހޯދުމަށް ސައިންސްވެރިންގެ ތަހުލީލުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެއެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ކޮވިޑް-19ން ސަލާމަތްވުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.

ކުރެވުނު މަސައްކަތްތަކުން ބަލިން ދިފާއު ވުމަށް ވެކްސިނޭޝަން ޕްރޮގްރާމް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެށި ނަމަވެސް ބަލިން މިންޖުވެވޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކޮވިޑް-19ށް ހުށަހެޅެމުންދާއިރު، މިކުޑަކުޑަ ރާއްޖޭގެ ވެސް 24000ށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލުވެފައިވާ މިހާލަތުގައި ބައްޔަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންގެ ދިރިއުޅުމަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބަލިން ރަނގަޅުވާ މީހުންނަށް ސިއްހީ ގޮތުން ތަފާތު މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ. މީގެ ތެރޭގައި ކުރު މުއްދަތަށް ދިމާވާ މައްސަލަތަކާއި، ދިގު މުއްދަތަށް ދިމާވާ މައްސަލަތައް ހިމެނެއެވެ. ނަމަވެސް މިއީ ބައްޔަށް ޕޮޒިޓިވްވެ ރަނގަޅުވުމުން ދިމާވާ މައްސަލަތަކެއްކަން ގިނަ ބަޔަކަށް ފާހަގަނުކުރެވި ހިނގައިދާނެއެވެ.

އެކަމާއި ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ޑރ. މޫސާ ހުސެއިން ވިދާޅުވީ އެންމެ ގިނަ މީހުންނަށް ދިމާވާ މައްސަލައަކީ ވަރުބަލިވުން ކަމަށެވެ. ގައިގައި ވަރުނުހުރުމާއި، އަރާމު ކުރިކަމުގައިވީ ނަމަވެސް ހަށިގަނޑުން ވަރުބަލިކަމުގެ އިހުސާސް ނުފިލާ ހުރުން ހިމެނޭ ކަމަށް ޑރ. މޫސާ ހުސެއިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ މީހުންނަށް އެކަށީގެންވާ ގޮތަށް މަސައްކަތް ވެސް ނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ނޭވާ ކުރުވުމާއި، އާދަޔާ ޚިލާފަށް އިސްތަށި ފޭބުމުގެ މައްސަލަތައް ވެސްކުރި މަތިވާ ކަމަށް ޑރ. މޫސާ ހުސެއިން ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިން ދިގު މުއްދަތަކަށް ދިމާވާ ކަންތައްތައް އެބަހުރި. ބައްޔަކަށް ވެފައި މިހާރު ވެސް ރިސަރޗްތައް ކުރިއަށް ދަނީ. އެންމެ ފަހުން ހަދާފައި ހުރި ޑޭޓާއިން ދައްކާ ގޮތުން އެންމެ ބޮޑު ޕަސެންޓޭޖެއް ހުންނަ މީހުންގެ އެންމެ ބޮޑަށް ހުންނަ އަލާމާތްތަކަކީ ވަރަށް ވަރުބަލިވެފައި ހުންނަކަން. އެހެންވީމަ ގިނަ މީހުންނަށް ވަރުބަލިކަން އިހުސާސް ކުރެވިދާނެ. މަސައްކަތުގައި ބާރުނެތުމާއި ވަރުބަލިވުމާއި ކަމެއް ނުކުރެވުމާއި މަސައްކަތެއް ކޮށްލާއިރަށް ވަރަށް ބޮޑަށް ވަރުބަލި ވެފައި ހުރޭ. އެހެންވީމަ ޖެހޭނެ ރަނގަޅު ކާނާ ކާން. ގިނައިން ދިޔާތަކެތި ބޯން. ފެން، ކުރުނބާ ފަނިކަހަލަ.
އައިޖީއެމްއެޗްގެ ޑރ. މޫސާ ހުސެއިން

ޑރ.މޫސާ ހުސެއިން ވިދާޅުވާ ގޮތުގައި ސްޓްރެސްގެ އިތުރުން އެންޒައިޓީއަށް ވެސް މީހާ ހުށަހެޅިގެން ދެއެވެ. ބައެއް ހާލަތްތަކުގައި ކަރަންޓީނުގައި ހުންނަން ޖެހުމުގެ ސަބަބުން ނިދުމުގެ އާދައަށް ބަދަލު އައިސް ނުނިދޭ މައްސަލަތައް ގިނަ ބަޔަކަށް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ކަސްރަތު ކުރުމާއި، ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ކެއުމުގެ އިތުރުން ދިރިއުޅުމުގެ އާދަކާދަ ބަދަލުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ބައްޔަށް ޕޮޒިޓިވްވެ ރަނގަޅުވާ ބައެއް މީހުންނަކީ މީގެ ކުރިންވެސް އެންޒައިޓީ ފަދަ ކަންކަމަށް ޑައިގްނޯސްކޮށްފައިވާ މީހަކަށް ވެދާނެއެވެ. މިފަދަ މީހުންނަށް ބޮޑުވަރުވެދާނެ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވަމުން ގެންދަވައެވެ.

ފުއްޕާމޭތައް ލަކުނުލާފައި ހުރީމަ ނޭވާ ކުރުވުމެއް އެބަހުރޭ. ބައެއް ފަހަރު ވަރަށް ބޮޑަށް ހުރެއްޖެއްޔާ އެކަން އުމުރު ދުވަހަށް ހުރުން އެކަށީގެންވޭ. މިކަންތައްތަކަކީ ދުނިޔޭގެ އެކިކަންކޮޅުތަގެ މީހުންނަށް ވެސް ދިމާވާ ކަންކަން.
އައިޖީއެމްއެޗްގެ ޑރ. މޫސާ ހުސެއިން

ކޮވިޑް-19އާ ގުޅިގެން ފެންނަމުންދަނީ ވެސް ތަފާތު އާލާމަތްތައް ކަމަށްވާއިރު، ބައެއް މީހުންގެ ގައިން އެއްވެސް އާލާމާތެއް ނުފެނި ވެސް ދެއެވެ. ނަމަވެސް މިހާރުގެ ހާލަތުން ޑޮކްޓަރުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރަން އެބަޖެއެވެ. ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރި ކުރުމަށް ސްޓްރެސް ނުވަތަ އެންޒައިޓީ މެނޭޖްކުރުން ވަރަށް މުހިންމެވެ. ބައްޔަށް ހުށަހެޅޭ މީހުންނަށް ހިތްވަރު ދޭންޖެހެއެވެ. ބަލީގެ ހާސްކަމުން ދުރުކޮށްދިނުމަށް މަސައްކަތް ކުރަން ޖެހެއެވެ. ދިރިއުޅުމުގެ އާދަކާދަ ބަދަލުކޮށް ސިއްހަތަށް ގެއްލުން ދޭ އެންމެހައި ކަންކަމުން ދުރުވާން ޖެހެއެވެ.

ބަލިން ރަނގަޅުވުމަށްފަހު އާދަޔާ ޚިލާފަށް ވަރުބަލިވެ، ނުނިދޭ ކަމަށްވާނަމަ ޑރ. މުސާ ހުސެއިން އެ ވިދާޅުވިހެން ދިރިއުޅުމުގެ ވައްޓަފާޅިއަށް އަވަހަށް ބަދަލު ގެންނަންޖެހެއެވެ. ސިއްހީ ގޮތުން ރަނގަޅު އާދަކާދަ ދަމަހައްޓާނަމަ މިފަދަކަންކަމުން ދުރުވުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
0%
50%
0%
0%
17%
ކޮމެންޓް