ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 10:35
މިފަހަރުގެ އިންތިޚާބާ ދިމާކޮށް މާލޭ މަގެއްގައި ދިދަފަތި ދަމާފައި
މިފަހަރުގެ އިންތިޚާބާ ދިމާކޮށް މާލޭ މަގެއްގައި ދިދަފަތި ދަމާފައި
ރާއްޖެއެމްވީ
އިންތިޚާބުގެ ކެމްޕެއިން
ކޮވިޑްގެ ބަނަކަމާއެކުވެސް އިންތިޚާބުގެ ކުލަވަރު މާލޭގެ މަގުތަކަށް
 
ކޮވިޑްގެ ސަބަބުން މިފަހަރުގެ އިންތިޚާބުގެ ކެމްޕެއިނަށް ވަނީ ހީނަރުކަން އައިސްފައި
 
ކޮންމެ އިންތިޚާބަކާ ދިމާކޮށްވެސް ކެމްޕެއިންގެ ފޯރި ވަރަށް ގަދަވެގެންދޭ

ކުރިއަށް އޮތީ އަނެއްކާވެސް އިންތިޚާބެކެވެ. ދިވެހިންނަށް އިންތިޚާބުތަކަކީ ބީރައްޓެހި އެއްޗެއް ނޫނެވެ. ވަކިން ޚާއްސަކޮށް 2008 ވަނަ އަހަރު އައު ގާނޫނުއަސާސީގެ ދަށުން ގިނަ ޕާޓީތަކެއް އެކުލެވިގެން އިންތިޚާބުތައް ބާއްވަން ފެށިފަހުން އިންތިޚާބުތަކުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ސިޔާސީ ވާދަވެރިކަމާއި ސިޔާސީ ވިސްނުން ދިވެހިންގެ ތެރޭގައި އޮތް މިންވަރަކީ ފޮރުވިފައިވާ ކަމެއް ނޫނެވެ. އެވިސްނުމުގެ ތެރެއިން ސިޔާސީ ކަންކަން އެންމެ ބޮޑަށް ފެންނަ ދުވަސްވަރަކީ އިންތިޚާބުތައް ބޯމަތިވަމުން އަންނަ ދުވަސްވަރެވެ. ކޮންމެ ގެއެއްގެ ސިޓިން ރޫމްގަޔާއި ސައިހޮޓާ ރެސްޓޯރެންޓްތަކުގެ މޭޒު ދޮށުގަޔާއި މަގުމަތީގަޔާއި ޖޯލިފަތިތަކުގައި އަދި ހޮޅުއަށިތަކުގައިވެސް އެދުވަސްވަރު އެނޫން ވާހަކައެއް ނުދައްކައެވެ.

ގާތްތިމާގެ ކަމުގެ މަތިވެރި ގުޅުމާއި އެކުވެރިކަމުގެ އެތައް ދުވަހެއްވީ ސާފު ގުޅުން އެއްކިބާކުރުމަށްފަހު ސިޔާސީ ގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ހޫނު ޒުވާބުތަކާއި މޫނު ކެނޑިފައި ތިބޭ ތިބުމާއި ގަޔަށް ބޮލަށް އަރާ ހިސާބަށް ކަންކަން ދާދިޔުމަކީ ދިވެހިންގެ ތެރެއިން އާންމުކޮށް ފެންނަ ކަންތައްތަކެވެ. އެހާވެސް ބޮޑަށް ސިޔާސީ ފިކުރު ވަނީ ދިވެހިންގެ ތެރޭގައި ވަކި ހިއްޕާލާފައެވެ.

އިންތިޚާބެއް ބޯމަތި ވަމުން އަންނައިރު ކެންޑިޑޭޓުން ކުރާނެ ކަންކަމުގެ ލީފްލެޓް ތަކާއި ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނަރ ތަކާއި ދިދަތަކުން މަގުތައް ފުރާލައެވެ. އިންތިޚާބަށް ކެމްޕެއިން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ހުޅުވާލުމުގެ އެތައް ދުވަހެއް ކުރިން ކެމްޕެއިން ފަށައެވެ. ޖަގަހަތައް ހުޅުވައި ކެމްޕެއިންގެ ލަވަތައް ހަދައެވެ. ފާރުތަކުގައި ކުލަ ލައި ބޮޑެތި ދިދަ ނަގައެވެ. ލައުޑް ސްޕީކަރުން ކެމްޕެއިން ލަވަތައް ޖަހައި ޖަގަހަ ތެރޭގައި ކެންޑިޑޭޓުންނަށް ތާއީދުކުރާ މީހުން އެއްވެ އެކި ކަހަލަ ހަރަކާތްތައް ބާއްވައެވެ. ވޯޓު ހޯދުމަށްޓަކައި ދޮރުން ދޮރަށް ހިނގައި މީހުންނާ ބައްދަލުކޮށް ވާހަކަދައްކައެވެ. ގެތަކަށް ގޮސް އެގޭގޭގެ މީހުންނާ ބައްދަލުކޮށް ދާއިރާގެ މީހުންނާއެކު ވެސް ބައްދަލުވުންތައް ބާއްވައެވެ. ގުޅައި މެސެޖްކޮށް ހާލު ބަލައެވެ. ކެމްޕެއިން ޓީމުތައް ރަށްރަށަށް ގޮސް ބޮޑެތި ހަރަކާތްތައް ބާއްވައެވެ. މިއީ އާންމުކޮށް އިންތިޚާބެއް ބޯމަތިވެފައި އޮންނައިރު ކަންކަން ހިނގަމުންދާ ގޮތެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން

ނަމަވެސް އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕެއިން ފެންނަނީ އެހެން ފަހަރުތަކާ ތަފާތުކޮށެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިންތިޚާބު ބޭއްވޭނެ ކަމާމެދުވެސް އެތައް ސުވާލުތަކެއް ކުރިމަތިވިއެވެ. އެންމެ ފަހުން އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް މިވަނީ ތައްޔާރުވެފައެވެ. 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހުނު އިންތިޚާބު ފަސްވެގެންގޮސް މިއަހަރު ބާއްވާއިރު އިންތިޚާބެއް ބޯމަތިވެގެން އެހެން ފަހަރުތަކުގައި އުޅޭއިރު ފެންނަ މަންޒަރުތަކާއި މިފަހަރުގެ މަންޒަރުތައް ވަރަށްވެސް ތަފާތެވެ. މިހާރު އޮތީ މާސްކު އެޅުމާއި ގައިދުރުކުރުމެވެ. ކަރަންޓީނުގެ ބިރުވެރިކަމެވެ.

ކުރީގައި ކޮންމެ ދެ ގެއެއް ދޭތެރޭ ކަހަލަ ގޮތަކަށް ފެންނަ ޖަގަހަތައް މިފަހަރު ފެންނާކަށްނެތެވެ. ކެމްޕެއިން ޓީމުތައް ރަށްރަށަށްގޮސް ކިޔާ މަރުހަބާ އާއި ބާއްވާ ބޮޑެތި ޖަލްސާތަކެއް މިފަހަރަކު ނުފެނެއެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ގިނަ ބަޔަކު އެއްވެގެން ބޮޑެތި އެއްވުންތަކެއް ބޭއްވޭކަށްނެތެވެ. ބޮޑެތި ޖަލްސާތައް ނުބާއްވައެވެ. މިފަހަރު އެއިން އެއްވެސް ކަމެއް ނެތެވެ. ބަދަލުގައި ފެންނަނީ ޒޫމް މެދުވެރިކޮށް ކުރިޔަށް ގެންދާ ކެމްޕެއިން ހަރަކާތްތަކެކެވެ. މިފަހަރު އެކަކު އަނެކަކު ސީދާ ބައްދަލުވެގެން ކުރިޔަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ބަދަލުގައި ފެންނަމުންދަނީ އޮންލައިންކޮށް ނުވަތަ ސޯޝަލް މީޑިޔާގައި ކުރާ ކެމްޕެއިންތަކެވެ. ސޯޝަލް މީޑިޔާގެ ކޮންމެ ޕްލެޓްފޯމަކުންވެސް މިހާރު ފެންނަނީ އިންތިޚާބާއި ގުޅުންހުރި ކެންޑިޑޭޓުންނާއި ގުޅުންހުރި އެކިކަންކަމެވެ.

މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް މާލޭގައި ކެމްޕެއިން ޕޯސްޓަރުތަކެއް ހަރުކޮށްފައި

ވެރިރަށް މާލެއަށް ބަލާލާއިރު ކުރީގައި ކޮންމެ އިންތިޚާބެއް ބޯމަތިވިޔަސް މާލޭގެ ހުރިހާ މަގެއް ކަހަލަ ގޮތަކަށް ފެންނާނީ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުގެ ކުލަތަކުން ޖަރީކޮށްފައިވާ މަންޒަރުތަކެވެ. ކެމްޕެއިންގެ ބޮޑެތި ޕޯސްޓަރުތަކާއި ދިދަފަތިތަކުން މަގުތައް ފުރާލާފައި އޮންނައިރު އުޑުވެސް ނުފެނެއެވެ. ވާދައަށް އެއް ބަޔަކަށްވުރެ މަތިން އަނެއްބަޔަކު ދިދަފަތި ދަމައި ބެނާރތައް ހަދައެވެ. އެއް ބަޔަކަށްވުރެ ބޮޑެތި ބެނާރ ތަކާއި ޕޯސްޓަރުތައް އަނެއްބަޔަކު ހަދައި ބޮޑު ވާދަވެރިކަމެއް އެކަމުގައިވެސް އޮވެއެވެ. ނަމަވެސް މިފަހަރު އެކަންކަން އަދިކިރިޔާ މާލޭގެ މަގުތަކުން ފެންނަން ފެށީއެވެ.

މިފަހަރުގެ އިންތިޚާބާ ދިމާކޮށް މާލޭގެ މަގެއްގައި ދިދަފަތި ދަމާފައި

ކޮވިޑްގެ ބަނަ ވިލާތައް އަދިވެސް އޮތީ ބޯމަތީގައެވެ. ނަމަވެސް އެވިލާގަނޑުތަކާއެކުވެސް ކޮންމެސް ވަރަކަށް ކެމްޕެއިންގެ ކުލަތައް މާލޭގެ މަގުތަކުން މިވަނީ ފެންނަން ފަށާފައެވެ. ވޯޓުލާން ދިހަ ވަރަކަށް ދުވަސްވީއިރު މާލޭގެ ބޮޑެތި މަގުތަކުގައި މިހާރު ހުރީ ދިދަފަތިތައް ދަމާފައެވެ. ޕޯސްޓަރުތައް ހަރުކޮށްފައެވެ. ބެނާރތައް ދަމާފައެވެ. މިހާރު މާލޭގެ މަގުތަކަށް ނިކުމެލުމުން އިންތިޚާބެއް ބޯމަތީގައި އޮތްކަމުގެ އިހުސާސްކުރެވޭ ވަރުވެއެވެ. ވާދަކުރާ ކެންޑިޑޭޓުންނަކީ ކޮބައިކަން އެނގޭވަރު ވެއްޖެއެވެ. ކުރީގެ އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް މަގުތައް މަތިން ފެންނަވަރުން އެމީހުން ހިތުދަސްވާވަރުވެއެވެ. ނަމަވެސް މިފަހަރު އެވަރަށް ދުވަސް ނުލިބުނަސް އެކަމަށް ފިކުރު ކޮށްލެވޭވަރުވާނެ ކަންނޭގެއެވެ.

ކޮންމެއަކަސް އިންތިޚާބެއް ނިމިގެންދަނީ އެކަމުގެ އެތައް ނިޝާންތަކެއް ދޫކޮށްފައެވެ. ފާރުތަކުގައި ލާފަހުންނަ ކުލަތަކާއި ހަރުކޮށްފައި ހުންނަ ޕޯސްޓަރުތަކާއި ނަގާފައި ހުންނަ ބޮޑެތި ދިދަތަކެވެ. އެއެއްޗެހިން ކުލަ ދަންދެންވެސް ހުންނަތަން ފެނެއެވެ. މިފަހަރުގެ އިންތިޚާބު ނިމިގެންދާއިރުވެސް ކޮންމެސް ވަރަކަށް މިމަންޒަރު ފެންނާނެއެވެ. ކުރީގައި ފެނުނުވަރަށް ނުފެނުނަސް ކޮވިޑާއެކު އިންތިޚާބެއް ބޭއްވިކަން ތާރީޚުގައި ލިޔެވިގެންދާ ވަރަށް ފޮޓޯތަކާއި ވީޑިއޯތައް ލިބޭ ވަރުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް