ކ. މާލެ
|
31 މާރޗް 2021 | ބުދަ 12:31
ރ. ދުވާފަރުގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުން
ރ. ދުވާފަރުގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުން
ރާއްޖެއެމްވީ
ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތައް
މަގޭ ރިޕޯޓް: މިސަރުކާރުން މަޝްރޫޢުތައް ހިންގުމުގައި އާބާދީތަކަށް ހަމަހަމަކަން
 
ޕީއެސްއައިޕީއަށް އެންމެ ބޮޑު އަދަދެއް ބަޖެޓްކޮށްފައިވަނީ މިސަރުކާރުން
 
ނެޝަނަލް ޓެންޑަރ މެދުވެރިކޮށް މި ސަރުކާރުން މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ހަވާލުކޮށްފައިވޭ
 
ޖުމްލަ 1327 މަޝްރޫއެއް އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުން

ޒަމާނުއްސުރެވެސް ދިވެހިން ކުރަމުން އަންނަ ޝަކުވާ އަކީ ހަމައެކަނި ބޮޑެތި އާބާދީތައް ތަރައްގީކުރާ ކަމުގެ ޝަކުވާއެވެ. ވަކިން ޚާއްސަކޮށް މާލެ ސަރަހައްދު ތަރައްގީކުރާ ކަމުގެ ޝަކުވާއެވެ. ހުރިހާ ޚިދުމަތެއް މާލެއިން އެކަނި ލިބެން ހުރުމާއެކު އާބާދީގެ ބޮޑު ބައެއް މާލެ އަށް އަންނަން މަޖުބޫރުކުރުވާކަމުގެ ޝަކުވާއެވެ. ޒަމާނުއްސުރެ ކަންކަން ރޭވިފައި ހުރީވެސް އެމަގުންނެވެ. ކަންކަން ވަމުން އައީ ހަމައެކަނި މާލެ އިންނެވެ. މާލެއަށް އައިސްގެން ނޫނީ އައިޑީ ކާޑުުވެސް ނުހެއްދުނު ޒަމާން ދިވެހިން ދެކެފިއެވެ.

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން އެކި ހިސާބުގައި އެކި ރަށްރަށުގައި މީހުން ދިރިއުޅެމުން އަންނައިރު ހުރިހާ ރަށަކަށް ބޭނުންވާ ކަންކަން ކޮށްދިނުމަކީ ހުރިހާ ސަރުކާރުތަކަށްވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށް އޮވެއެވެ. އެއިން ކޮންމެ ރަށަކަށް އަރައިފޭބުމުގެ ދަތިކަން ހައްލުކޮށްދިނުމާއި، އެކަށީގެންވާ ތައުލީމީ ނިޒާމެއް ގާއިމުކޮށްދިނުމާއި ބޯހިޔާވަހިކަމާއި ސިއްހީ ނިޒާމު ގާއިމުކުރުމާއި ސާފު ބޯފެނާއި ނަރުދަމާ ނިޒާމު، ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ވެފައިވާކަމެއް ނޫނެވެ.

ރާއްޖެއަށް ލިބޭ އާމްދަނީ އާ އަޅާބަލާއިރު އަބަދުވެސް ކުރަންޖެހޭ ޚަަރަދު އޮންނަނީ ބޮޑުވެފައެވެ. ނަތީޖާއަކީ ދަރަނި ބޮޑުވެގެން ދިޔުމެވެ. އެހެންކަމުން ހުރިހާ ރަށްރަށަށް ވަކިން ޚާއްސަކޮށް ކުދި އާބާދީތަކަށް ބޭނުންވާ އެންމެ އަސާސީ ކަންކަންކަމުގައިވާ ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ރަނގަޅު ސިއްހީ ޚިދުމަތާއި ތައުލީމު ލިބުމުގައި ވަނީ އިންތިހާއަށް ދަތިތައް ކުރިމަތިވެފައެވެ. ނަމަވެސް އެއިން ކޮންމެ ރަށެއްގައިވެސް ދިރިއުޅެނީ ދިވެހިން ކަމަށްވާއިރު އެއިން ކޮންމެ ރައްޔިތަކަށްވެސް މި ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރެއްގެވެސް ވާޖިބެކެވެ.

މިސަރުކާރަށް ބަލާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަކީ އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއްނެތި ހުރިހާ އާބާދީތަކަށްވެސް ސަމާލުކަންދީގެން ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ސަރުކާރެކޭ ބުނުމުގެ ޖާގަ އެބައޮތެވެ. އެހެން ބުނެވެން އޮތީ ހިސާބު އަދަދުތަކުން އެކަން ފެންނާތީއެވެ.

ހަމައެކަނި ބަޖެޓަށް ބަލާލިނަމަވެސް އެކަން ފެންނަން އެބައޮތެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ވާހަކަ ދައްކާނަމަ އެންމެ ފުރަތަމަ 2013 ވަނަ އަހަރުގެ ބަޖެޓްގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ)ށް ޚަރަދުކުރުމަށް ފާސްކޮށްފައިވަނީ 3 ބިލިއަން ރުފިޔާއެވެ. 2014 ވަނަ އަހަރު ޕީއެސްއައިޕީއަށް ޚަރަދުކުރުމަށް ބަޖެޓްކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ. މީގެތެރެއިން އަތޮޅުތަކަށް ޚާއްސަކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. 2015 ވަނަ އަހަރަށް ބަލާއިރު އެއަހަރު ޕީއެސްއައިޕީއަށް ޚަރަދުކުރުމަށް ބަޖެޓްކޮށްފައިވަނީ 6.3 ބިލިއަން ރުފިޔާއެވެ. 2016 ވަނަ އަހަރު ޕީއެސްއައިޕީއަށް ޚަރަދުކުރުމަށް 9.1 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު 2017 ވަނަ އަހަރު ބަޖެޓްކޮށްފައިވަނީ 8 ބިލިއަން ރުފިޔާއެވެ. 2018 ވަނަ އަހަރު ޕީއެސްއައިޕީއަށް ބަޖެޓްކޮށްފައިވަނީ 7 ބިލިއަން ރުފިޔާއެވެ.

ދެން އޮތީ ހިނގަމުންމިދާ ސަރުކާރުން ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް ބަޖެޓްކޮށްފައިވާ އަދަދުތަކެވެ. 2019 ވަނަ އަހަރުގެ ޕީއެސްއައިޕީ އަށް ބަޖެޓްކޮށްފައިވަނީ 6.6 ބިލިއަން ރުފިޔާއެވެ. ޖެހިގެން އައި 2020 ވަނަ އަހަރުގައި ޕީއެސްއައިޕީ އަށް ބަޖެޓްކޮށްފައިވަނީ ތާރީޚުގައިވެސް އެންމެ ގިނަ އަދަދެއް ޕީއެސްއައިޕީއަށް ކަނޑައެޅި ބަޖެޓެވެ. އެއީ 10.1 ބިލިއަން ރުފިޔާއެވެ. ހިނގަމުންމިދާ 2021 ވަނަ އަހަރު ޕީއެސްއައިޕީއަށް ކަނޑައަޅާފައިވަނީ 8.3 ބިލިއަން ރުފިޔާއެވެ.

މިއީ ބަޖެޓުތަކަށް ބަލާއިރު ފެންނަން ހުރި އަދަދުތަކެވެ. ދެން މިހާރު ހިނގަމުންދާ މަޝްރޫޢުތަކަށް ބަލާލަމާތޯއެވެ. މިވަގުތުވެސް ޖުމްލަ 1327 މަޝްރޫއެއް އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންނެވެ. މީގެތެރެއިން ބައެއް މަޝްރޫޢުތައް ވަނީ ނިމިފައެވެ.

މިއަހަރުގެ މަރޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރުގެ ބަޖެޓުން ޕީއެސްއައިޕީއަށް ކަނޑައަޅާފައިވާ މިންވަރުން 533.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ކޮވިޑްގެ އެންމެ ދަތި އުނދަގޫ ދުވަސްވަރުވެސް މިސަރުކާރުން ވަނީ ސޮއިކޮށްފައި ހުރި މަޝްރޫޢުތައް މެދުކަނޑާނުލާ ކުރިޔަށް ގެންގޮސްފައެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ރަށްރަށުގައި މަގު ހެދުމާއި، ބަނދަރު ހެދުމާއި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚަށް ނިމި ރައްޔިތުންނަށް އެކަންކަމުގެ އިންތިޒާރުގައި ތިބެން ނުޖެހުމެވެ.

ވަކިވަކި އަތޮޅުތަކުގައި ހިނގަމުންދާ މަޝްރޫޢުތަކަށް ބަލާއިރު އެންމެ އާބާދީ މަދު ވ އަތޮޅުގައި 28 މަޝްރޫޢެއް ކުރިޔަށް ގެންދެއެވެ. ރަށްވެހިފަތިސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ ވ. އަތޮޅުގެ ތަރައްގީއަށް ހިންގަމުން އަންނަ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމަށެވެ. މާލެ ސިޓީގައި 105 މަޝްރޫޢެއް ހިނގަމުންދާއިރު އެންމެ ގިނަ މަޝްރޫޢުތައް ހިންގަމުން އަންނަ ހދ އަތޮޅުގައި 121 މަޝްރޫޢެއް އަންނަނީ ހިންގަމުންނެވެ.

ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ފެނާއި ނަރުދަމާއަށް ބަލާއިރު މިސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އެމަގަށް ވާސިލްވުމަށްޓަކައި މިހާތަނަށް މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި 2021 ވަނަ އަހަރު ފެނާ ނަރުދަމާގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިިމް އަމީރު ވަނީ މިއަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވެފައެވެ. މިއަހަރު ތެރޭގައި މަސައްކަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 16 އަތޮޅަކަށް ނިސްބަތްވާހެން، 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށްޓަކައި މަރޗް މަހުގެ 16 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. މިއާއެކު ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ހަވާލުނުކުރެވިވަނީ މިހާރު 30 ރަށް ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިސަރުކާރުގައި ރާއްޖޭގައި ހުރިހާ ރަށެއްގައި ސާފު ފެނާއި ނަރުދަމާ ގާއިމުކުރެވިގެންދާނެއެވެ. މިއީ ގިނަ ބަޔަކު ވަކިން ޚާއްސަކޮށް ކުދި އާބާދީތަކުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއްގައި ކުލަ ޖެހެމުންދާކަމުގެ ހެއްކެކެވެ. މީގެއިތުރުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ނެޝަނަލް ޓެންޑަރ މެދުވެރިކޮށް މި ސަރުކާރުން މިހާތަނަށް 12 ބިލިއަން ރުފިޔާގެ މަޝްރޫޢު ހަވާލުކޮށްފައިވާކަމަށެވެ.

މިފަދަ ކިތަންމެ މަޝްރޫޢެއް މިސަރުކާރުން އަންނަނީ ހިންގަމުންނެވެ. ތަރައްގީއަކީ ހަމައެކަނި އަޅާ ބޮޑެތި އިމާރާތްތަކެއް ނޫންކަމަށްވާއިރު މީހުންގެ ދިރިއުޅުމަށް ފަސޭހަވާނެ އެހެން ކަންކަމަށް މަގުފަހިވުމަކީވެސް ނުހަނު ބޭނުން ކަމެކެވެ. އެގޮތުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު މިސަރުކާރުން ފަހިކޮށްދީފައި އޮތުމަކީ އޭގެ ފައިދާ އެތައް އާއިލާތަކަކަށް ވެގެންދާނެ ކަމެއްކަން ކަށަވަރެވެ.

ކޮންމެއަކަސް ކިތަންމެ ކުޑަ އާބާދީއެއް އޮތް ރަށެއްގައި ދިރިއުޅުނުކަމުގައި ވިޔަސް ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތައް ލިބޭނެކަން މިސަރުކާރުން މިއަންނަނީ ސާބިތުކޮށްދެމުންނެވެ. ތަރައްޤީއަކީ ބޮޑު ރަށަކަށް ނުވަތަ ބޮޑު އާބާދީއަކަށް ނިސްބަތްވާތީ އެކަނި ލިބެންޖެހޭ އެއްޗެއް ނޫނެވެ. މީހުން މަދު އާބާދީއެއްގައި އަޅާ މަސް ބަނދަރެއްގެ ސަބަބުން މުޅި ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކަށް ފަސޭހަވެ އެތައް އާއިލާއަކަށް އާމްދަނީ ލިބޭ މަގަކަށް އެކަން ވެގެންދާތަން މިއަންނަނީ ފެންނަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
83%
0%
17%
0%
0%
ކޮމެންޓް