ކ. މާލެ
|
27 މާރޗް 2021 | ހޮނިހިރު 13:25
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ދޮރުން ދޮރަށް ކެމްޕޭންތައް ހިންގޭއިރު ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ހާޒިރުވެގެން ނުކިޔެވެންވީ ކީއްވެ؟
 
ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ކިޔެވުން ކުރިއަށް ދަނީ އޮންލައިންކޮށް

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެހެން ޤައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖެއަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ކުރިއެވެ. ތައުލީމީ ދާއިރާއިން ފެށިގެން ގޮސް ފަތުރުވެރިކަމުގެ ދާއިރާއާ ހަމައަށް މިކަމުގެ އަސަރު ފޯރިއެވެ. ޤައުމު އަނދަވަޅަކަށް ވެއްޓިގެން ދިޔައެވެ. މިދިޔަ އަހަރު އެއްކޮށް މި އަނދަވަޅު ތެރޭގައި އުޅެން ޖެހުނުއިރު މިއަހަރަކީ އަނދަވަޅުން އަރައިގަންނާނެ ނުވަތަ އަރައިގަންނަން މަސައްކަތް ކުރަމުންދާ އަހަރެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ. ކޮވިޑް-19 ގެ ހާލަތަކީ ދިގު ދެމިގެންދާނެ ހާލަތަކަށް ބަލައި އެންމެން ވެސް ކޮވިޑާއެކު ދިރިިއުޅުމަށް ދަސްކުރުމަށް ގިނަ ޤައުމުތަކުން ދިޔައީ ގޮވާލަމުންނެވެ. ރާއްޖެއިން ވެސް ބުނަމުންދިޔައީ ކޮވިޑާއެކު ދިރިއުޅެން ދަސްކުރަން ވެއްޖެ ކަމަށެވެ. ނިއު ނޯމަލްގައި އުޅެން ވެއްޖެ ކަމަށެވެ.

މި އުސޫލުގެ ދަށުން ރާއްޖޭގެ ބޯޑަރުތައް ހުޅުވި، އެހެން ދާއިރާތަކުގެ މަސައްކަތް ވެސް މަޑުމަޑުން ހިނގައިގަތެވެ. ތައުލީމީ ދާއިރާއަށް ބަލާލާއިރު އެންމެން ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ ދާއިރާ ވެގެން ދިޔައެވެ. ކިޔެވުމުގެ ވައްޓަފާޅިއަށް މި އައި ބަދަލާ ގުޅިގެންނާއި އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދަން ޖެހުމުގެ ސަބަބުން މިދާއިރާއަށް ހެޔޮ ބަދަލުތަކެއް ވެސް އައެވެ. އެހެންނަމަވެސް އެންމެ އެދެވޭ ގޮތުގައި މި ބަދަލުތަކުގެ ބޭނުން ނުހިފި ދަރިވަރުންނަށް ގޮންޖެހުންތަކާއި ވެސް ކުރިމަތިލާން ޖެހުނެވެ. "އެ ގޮންޖެހުންތައް ދިމާވީ ރާއްޖޭގެ އިންޓަރނެޓްގެ މައްސަލައާ" ގުޅިގެންނެވެ. އެއްފަހަރު އިންޓަރނެޓް ސްލޯވުމުން ކްލާހަށް ނުވަދެވިދާނެއެވެ. ގޭގައި ވައިފަައި މައްސަލަ އުޅޭތީ ކްލާހަަށް ނުވަދެވިގެން އުޅެން ޖެހިދާނެއެވެ. ކްލާހަށް ވަދެ ކުދިން ހަމަވިކަމުގައި ވިނަމަވެސް ދެން މުދައްރިއްސުންނާއި ދަރިވަރުން މި ގޮވަން ޖެހެނީ "ކޮބާ އަޑު ލިބޭތަ؟ ކޮބާ މިސްގެ ނުވަތަ ސަރގެ އަޑު ލިބޭތަ؟" މި ގޮވުމެއްގައި އެތައް މިނެޓްތަކެއް ބޭކރުވެގެން އެބަދެއެވެ. އަދި އިންޓަރނެޓްގެ މައްސަލައާ ހުރެ ބައެއް ކުދިންނަށް ކްލާހަށް ވަދެވެންދެން ގިނަ ފަހަރަށް ކްލާސް ނުފައްޓާ އެބަ މަޑުކުރަން ޖެހެއެވެ.

ކަން މިހެން އޮތްއިރު ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާ ލުއިތަކެއް ދެވުނެވެ. މުހިންމު ކަންތައްތަކަކީ ކޮބައިތޯ ބަލާ، އެކަންތައްތަކަށް މިންގަނޑުތައް ކަނޑައެޅިގެންދިޔައެވެ. މި މުހިންމު ކަންތައްތަކުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ އިންތިޚާބު ބޭއްވުމަށް ޖާގަ އެބައޮތް ކަަމަށް ވެސް ކަނޑައެޅުނެވެ. މިކަމުގެ ދަށުން އެންމެ ފުރަތަމަ ކަނޑައެޅީ ކަރަންޓީންވުމަކާ ނުލައި ކެމްޕޭން ކުރުމަށް ދެވޭނެ ކަމަށެވެ. އެހެންނަމަވެސް ވަރަށް ގިނަ ރައްުޔިތުންތަކެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ 5 މީހުންނަށް ކެމްޕޭން ކުރުމަށްޓަކައި ދޮރުން ދޮރަަށް ކެމްޕޭން ކުރުމަށް ދެވޭނެ ގޮތަށް ބަދަލުކޮށް، ކަރަންޓީންވުމަކާ ނުލައި ކެމްޕޭން ކުރުމަށް ކަނޑައެޅި އުސޫލު ބާތިލްކޮށްފައެވެ. އެހެން ނަޒަރަކުން ވިސްނާއިރު ކެމްޕޭން ވެސް އޮންލައިންކޮށް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ވަކި ދޮރުން ދޮރަށް ހިނގާ މީހުންނާއި ބައްދަލު ކުރުން މިދަނޑިވަޅުގައި އެހާ މުހިންމުތޯއެވެ. ކޮންމެއަކަސް މިވެސް ބައެއް މީހުންނަށް މުހިންމު ކަންތައްތަކަށް ވެދާނެއެވެ.

ދެން އުފެދިގެން ދިޔަ ސުވާލަކީ ދޮރުން ދޮރަށް ކެމްޕޭންތައް ހިންގޭއިރު ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ހާޒިރުވެގެން ނުކިޔެވެންވީ ކީއްވެ ހެއްޔެވެ. ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގެ ދަރިވަރުން ވެސް ސްކޫލްތަކަށް ހާޒިރުވެގެން ކިޔެވުން ކުރިއަށް ގެންދެވޭއިރު ކޮލެޖްތަކާއި ޔުނިވަރސިޓީތަކަަށް އެ ފުރުސަތު ނުދޭންވީ ކީއްވެގެންތޯއެވެ. ދޮރުން ދޮރަަށް ކެމްޕޭން ކުރުމަށް ދެވޭނެ ގޮތަށް ވެސް ހުއްދަ ދިނީއެވެ. ދެން އިވިގެން ދިޔަ އެންމެ އުފާވެރި ޚަބަރަކީ އެލްކޭޖީ އިން ފެށިގެން ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔެވުމުގެ ފުރުސަތު އޭޕްރިލް މަހުން ފެށިގެން ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމިކަމެވެ. އެހެންނަމަވެސް ކޮލެޖްތަކާއި ޔުނިވަރސިޓީތަކާއި ދޭތެރޭގައި މިގޮތަކަށް ނުނިންމައެވެ. ޔުނިވަރސިޓީތަކާއި ސްކޫލްތަކުގައި ކިޔަވަނީ ވެސް ހަމަ ދަރިވަރުންނެވެ. އެހެންކަމުން ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ކިޔެވުމުގެ ފުރުސަތު ދޭން ނިންމިއިރު މި ފުރުސަތު ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ނުލިބެންވީ ކީއްވެގެންތޯއެވެ. ކޮންމެ ކުއްޖެއްގެ ގޭގައި ލެޕްޓޮޕެއް ނުވަތަ ވައިފައި އިންޓަރނެޓް ކަނެކްޝަނެއް ނުހުރެދާނެއެވެ. އަދި ބައެއް ގޭގައި މިފަދަ ވަސީލަތްތައް ހުއްޓަސް ކިޔެވުމަށްޓަކައި އެންމެ އެކަށީގެންވާ މާހައުލެއް ނުހުރެދާނެއެވެ. ހިތުގައި އުފެދޭހާ ވެސް ސުވާލަކީ ދޮރުން ދޮރަށް ކެމްޕޭންތައް ހިންގޭއިރު ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ހާޒިރުވެގެން ނުކިޔެވެންވީ ކީއްވެގެންތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
0%
0%
17%
0%
50%
ކޮމެންޓް