ކ. މާލެ
|
25 މާރޗް 2021 | ބުރާސްފަތި 12:56
ޗައިނާއިން ހަދިޔާކުރި ސިނޯފަރމް ވެކްސިންއާ ހަވާލުވަނީ
ޗައިނާއިން ހަދިޔާކުރި ސިނޯފަރމް ވެކްސިންއާ ހަވާލުވަނީ
ސޯޝަލް މީޑިއާ
ސިނޮފަރމް ވެކްސިން ރާއްޖެ ގެނައުން
ޗައިނާގެ ކުންފުނިތަކުގެ އެހީގައި ސިނޮފަރމް ވެކްސިން ރާއްޖެ ގެނެސްފި
 
ފްލައިޓް ޗާޓާކުރުމުގައި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ ކުންފުނިތަކުން ޚަރަދުގެ ބައިތައް ސްޕޮންސަރކޮށްދީފައިވޭ
 
ދެވަނަ ބެޗް މިމަހުގެ 30 ވަނަ ދުވަހު ރާއްޖެ ގެންނާނެ
 
މި ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެ ގެނެސްފައިވަނީ މާރޗް މަހުގެ 24 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި

ހުއްދަ ދިންތާ އެންމެ 10 ދުވަސްތެރޭގައި ސިނޮފަރމް ވެކްސިން ރާއްޖެ ގެނެސްފިއެވެ.

ޗައިނާގެ ސިނޮފަރމް ވެކްސިންގެ ފުރަތަމަ ބެޗް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފައިވަނީ މާރޗް މަހުގެ 24 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޗައިނާއިން ވަނީ އެ ޤައުމުން އުފައްދާ ސިނޮފަރމް ވެކްސިންގެ 2 ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. ސިނޮފަރމް ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެއާ ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީގައި ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ރާއްޖެއަށް ދިމާވި ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ޞާލިޙްގެ އިސްނެންގެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ރާއްޖެއަށް ވެކްސިންގެ ޔަޤީންކަން ކަށަވަރުކުރުމަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ކަށަވަރުކުރުމަށް މަސައްކަތްކުރެއްވިކަން ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ޗައިނާ ސަރުކާރާއެކު ކުރި މަސައްކަތުގެ ދަށުން ޗައިނާގެ ސިނޮފަރމް ވެކްސިން ރާއްޖޭގައި އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދިންތާ އެންމެ 10 ދުވަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވާކަން ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުން އަމާޒުހިފީ މި ވެކްސިން ވީ އެންމެ އަވަހަކަށް ރާއްޖެ ގެނައުމަށްކަން ފާހަގަކުރައްވައި ފޮރިން މިނިސްޓަރ ވިދާޅުވީ، މި އަމާޒުގެ ދަށުން ޤައުމީ އެއަރލައިން "މޯލްޑިވިއަން" ގެ ފްލައިޓެއްގައި، މާރޗް މަހުގެ 24 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވެކްސިންތައް ރާއްޖެ ގެނެސްފައިކަމަށެވެ. މި ފްލައިޓް ޗާޓާކުރުމުގައި ހިނގި ބައެއް ޚަރަދު، ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ ކުންފުނިތަކުން ސްޕޮންސަރކޮށްދީފައިވާކަން ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދެ ލައްކަ ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒް ވެކްސިން މިހާރު ރާއްޖެ ގެނެސްފައިވާއިރު، ބާކީ ބައި މިމަހުގެ 30 ވަނަ ދުވަހު ރާއްޖެ ގެންނާނެކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ސިނޮފާމްގެ 18،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ވަނީ މީގެ ކުރިން ވެސް ލިބިފައެވެ. އެގޮތުން މިމަހުގެ 23 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު، މި ބުރުގައި ޖަހަނީ ސިނޮފަރމް ވެކްސިނެވެ. ޗައިނާގެ ސިނޮފަރމް (ބެއިޖިންގ ބައޯ އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްސްޓްސް ކޮމްޕެނީ ލިމިޑެޓް)އިން އުފައްދާފައިވާ މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިހާރު ވެސް 20 ޤައުމަކުން ދީފައިވާކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި 18 އަހަރުން ދަށުގެ ކުދިންނާއި، 60 އަހަރުންމަތީގެ މީހުންނާއި، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އިތުރުން، ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށިވާފަދަ ބޭސް ބޭނުން ކުރަން ޖެހޭ މީހުންނާއި، މާބަނޑު އަންހެނުންނަށް ސިނޮފަރމް ވެކްސިން ނުޖަހާނެ ކަމަށެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ބަލީގެ އަލާމާތްތައް ފެންނަން ފެށިތާ 28 ދުވަސްފަހުން ވެކްސިން ޖެހިދާނެކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައި (އޯރގަން ޓްރާންސްޕްލާންޓް) ވާ މީހެއްނަމަ، ޓްރާންސްޕްލާންޓަށް 3 މަސް ފުރުމުން މި ވެކްސިން ޖެހިދާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެޗްޕީއޭއިން ބުނީ، ދެ ޑޯޒް ޖަހާ މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ 3-4 ހަފްތާ ފަހުންކަމަށެވެ. މި ވެކްސިންގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ވަރުބަލިވުމާއި، ގައި ހިރުވުމާއި، ބޮލުގައި ރިއްސުމާއި، ހުން އައުމުގެ އިތުރުން، ހޮޑުލެވުމާއި، ހުޅުތަކާއި ގައިގެ މަސްތަކުގައި ރިއްސުންފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް މިއީ ވެކްސިން ޖެހުމުން އާންމުކޮށް ވެސް ދިމާވާނެ މައްސަލަތަކެއްކަން އެޗްޕީއޭއިން ފާހަގަ ކޮށްފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
20%
60%
0%
0%
20%
0%
ކޮމެންޓް