ކ. މާލެ
|
17 މާރޗް 2021 | ބުދަ 16:49
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ޤަތަރާއެކު ގުޅުން ބަދަހި ކުރުން
ކުރިމަގުގައި ޤަތަރާއި އެކު މުހިންމު މަސައްކަތްތަކެއް ކުރެވޭނެ: ފޮރިން މިނިސްޓަރ ޝާހިދު
 
ގަލްފަކީ އިގްތިސާދީ ތަރައްގީގެ މަރުކަޒެއް
 
ރައީސް ޞާލިޙު ޤަތަރަށް ކުރެއްވި ދަތުރުފުޅަކީ ޤަތަރާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އައު ފެށުމެއް
 
ޖިއޮގްރަފީގެ ގޮތުން ގަލްފުގެ ސަރަހައްދަކީ މުހިންމު ސަރަހައްދެއް

މުސްތަޤުބަލުގައި ޤަތަރާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ އެކު ޤަތަރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ޤަތަރުގެ މީޑިއާއަކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި، ރައީސް ޞާލިޙު ޤަތަރަށް ކުރެއްވި ދަތުރުފުޅަކީ ޤަތަރާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އައު ފެށުމެކެވެ. އަދި މިހާރުވެސް  ޤަތަރާއިއެކު ދަތުރުފަތުރުގެ އިންވެސްޓްމެންޓާގުޅޭ އެއްބަސްވުންތަކާއި، އޫރީދޫގެ އިންވެސްޓްމެންޓުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓްމެންޓްތައް އެބަހުރިކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ގަލްފުގެ ސަރަހައްދަކީ މުހިންމު ސަރަހައްދެއްކަން ފާހަގަ ކުރައްވަމުން، ޝާހިދު ވިދާޅުވީ، ޖިއޮގްރަފީގެ ގޮތުން ގަލްފަކީ މުހިންމު ސަރަހައްދަތަކަށް ވުމުގެ އިތުރުން، މިއީ އިގްތިސާދީ ތަރައްގީގެ މަރުކަޒެއް ކަމަށެވެ. އަދި ގަލްފުގެ ހުރިހާ ގައުމުތަކަކާ އެކު ސަރުކާރުން ގުޅުން ބާއްވަނީ،  ދިވެހިރާއްޖެ އޮތީ އިންޑިއާ ކަނޑުގެ މެދުގައި ކަމަށްވެފައި، އިންޑިއާ ކަނޑުގެ މެދުން ރާއްޖެއަށް ލިބިފައިވާ ދައުރުގެ ފައިދާ އެންމެނަށްވެސް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ލިބޭނޭހެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ހަމައެކަނި ސަރަހައްދީ ގޮތުން އަޅުގަނޑުމެންނާ ޖެހިގެން ތިބި އަވަށްޓެރި ބައެއް ނޫން. މިއީ އިގްތިސާދީ ތަރައްގީގެ މަރުކަޒެއް. އެއީ ހަމައެކަނި އިންޑިއަން އޯޝަންއާ ގުޅިފައި އޮތުމުން އެކަންޏެއް ނޫން. ދިވެހިރާއްޖެ މިއޮތީ އިންޑިއާ ކަނޑުގެ މެދުގައި. އެހެންވެ ގަލްފުގެ ހުރިހައި ގައުމުތަކާއެކު އަޅުގަނޑުމެން ގުޅުން މި ބާއްވަނީ، އިންޑިއާ ކަނޑުގެ މެދުގައި ރާއްޖެއަށް އޮތް ދައުރުގެ ފައިދާ އެންމެނަށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ލިބޭ ގޮތަށް.
މިނިސްޓަރ އަބްދުﷲ ޝާހިދު

އަދި މިހާރުގެ ސަރުކާރަކީ ހުޅުވިފައިވާ ސިޔާސަތެއް ގެންގުޅޭ ސަރުކާރެއް ކަމަށް ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރު ބޭނުންވަނީ ގަލްފުގެ ގައުމުތަކާއި ވިލާތުގެ އިއްތިހާދާއި އޭޝިއާގެ ގައުމުތަކާއެކު އާއިލާގެ ބައެއްގެ ގޮތުގައި މަސައްކަތް ކުރަން ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ، ބައިނަލްއަގްވާމީ ގުޅުންތައް ހަރުދަނާ ކުރާނެ ކަމުގެ ވައުދާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ކުރިއެރުވުމާއި ކޮރަޕްޝަން ނައްތާލައި ހެޔޮ ވެރިކަމެއް ކުރުމުގެ ވައުދާއެކު ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙުގެ ދެކަނބަލުންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ، ކުރީގެ ސަރުކާރުގައި ކަނޑާލާފައިވާ ޤަތަރާއި ރާއްޖޭގެ ސިޔާސީ ގުޅުން އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާއި ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް