ކ. މާލެ
|
17 މާރޗް 2021 | ބުދަ 15:01
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ރާއްޖެ އެކަހެރިވީ ޔާމީނުގެ ސިޔާސަތުގެ ސަބަބުން
ދިވެހިރާއްޖެ އެކަހެރިވީ ރައީސް ޔާމީނުގެ ސިޔާސަތުގެ ސަބަބުން: ފޮރިން މިނިސްޓަރ ޝާހިދު
 
މި ސަރުކާރު ވެރިކަމަށް އައީ ބައިނަލްއަގްވާމީ ގުޅުންތައް ހަރުދަނާ ކުރާނެ ކަމުގެ ވައުދާއެކު
 
މި ސަރުކާރަކީ ހުޅުވިފައިވާ ސިޔާސަތެއް ގެންގުޅޭ ސަރުކާރެއް
 
ރައީސް ޔާމީނުގެ ވެރިކަމުގައި ގައުމުތަކާއި ގުޅުން ދެމެހެއްޓުމަށް މަސައްކަތެއް ނުކުރައްވާ

ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ އެކަހެރިވީ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އަރިހުގައި ޤަތަރަށް ވަޑައިގެން، އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައެވެ. ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ އެކަހެރިވެފައި އޮތް އޮތުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ދިވެހިރާއްޖެ އެކަހެރިވެފައި އޮތީ، ރައީސް ޔާމީނުގެ ވެރިކަމުގައި ބައިނަލްއަގްވާމީ މަސްރަޙުގައި ރާއްޖެ ބައިވެރި ނުކުރެއްވުމާއި، ގައުމުތަކާއެކު ގުޅުން ދެމެހެއްޓުމަށް މަސައްކަތް ނުކުރެއްވުމުގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައާ އެކަހެރި ސިޔާސަތެއް ގެންގުޅުއްވުމުގެ ސަބަބުން ކަމަށެވެ.

އަދި މިހާރުގެ ސަރުކާރަކީ ހުޅުވިފައިވާ ސިޔާސަތެއް ގެންގުޅޭ ސަރުކާރެއް ކަމަށް ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރު ބޭނުންވަނީ ގަލްފުގެ ގައުމުތަކާއި ވިލާތުގެ އިއްތިހާދާއި އޭޝިއާގެ ގައުމުތަކާއެކު އާއިލާގެ ބައެއްގެ ގޮތުގައި މަސައްކަތް ކުރަން ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ، ބައިނަލްއަގްވާމީ ގުޅުންތައް ހަރުދަނާ ކުރާނެ ކަމުގެ ވައުދާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ކުރިއެރުވުމާއި ކޮރަޕްޝަން ނައްތާލައި ހެޔޮ ވެރިކަމެއް ކުރުމުގެ ވައުދާއެކު ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ސަރުކާރަކީ ހުޅުވިފައިވާ ސިޔާސަތެއް ގެންގުޅޭ ސަރުކާރެއް. އަޅުގަނޑުމެން ބޭނުން ވަނީ ގަލްފުގެ ގައުމުތަކާއި ވިލާތުގެ އިއްތިހާދާއި އިންޑިއާއާއި ޕާކިސްތާން އަދި އާސިއާންގެ ގައުމުތަކާއި ޗައިނާއާއެކުވެސް، އާއިލާގެ ބައެއްގެ ގޮތުގައި ތިބެގެން މަސައްކަތް ކުރުމަށް. އަޅުގަނޑުމެން ވެރިކަމަށް އައީ، ބައިނަލްއަގްވާމީ ގުޅުންތަކާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ކަންކަން ހަރުދަނާކޮށް އަދި ކޮރަޕްޝަން ނައްތާލުމާއި ހެޔޮ ވެރިކަމެއް ކުރުމުގެ ވައުދާއެކު: އަބްދުﷲ ޝާހިދު

ޤަތަރަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މިނިސްޓަރ ޝާހިދުގެ އިތުރުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، ޞަބްރާ އިބްރާހީމް ނޫރައްދީން، އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް