ކ. މާލެ
|
8 މާރޗް 2021 | ހޯމަ 19:28
ހިރިލަންދޫ އާއި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ހިރިލަންދޫ މޮޅުވީ 4-1 ން
ހިރިލަންދޫ އާއި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ހިރިލަންދޫ މޮޅުވީ 4-1 ން
ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީ
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް
ގުރައިދޫ އަތުން ހިރިލަންދޫއަށް ފަސޭހަ މޮޅެއް
 
ގުރައިދޫ އަތުން ހިރިލަންދޫ މޮޅުވީ 4-1 ން
 
ކުޅުނު ދެ މެޗުންވެސް ހިރިލަންދޫ ވަނީ މޮޅުވެފައި

ތ. ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021" ގައި ހޯމަ ދުވަހު ކުޅުނު މެޗުން ގުރައިދޫ އަތުން ހިރިލަންދޫ މޮޅުވެއްޖެއެވެ.

މި މުބާރާތަކީ ތ. އަތޮޅުގެ 21 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ހިރިލަންދޫ މޮޅުވީ ގުރައިދޫ އަތުން ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.

ވިލުފިށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ހިރިލަންދޫން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި ހިރިލަންދޫއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިޔާނެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ހިލޭ ޖެހުމަކުން ޒިދާން ވަނީ ގުރައިދޫއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ހިރިލަންދޫން ދެވަނަ ފަހަރަށް ލީޑު ނެގީ 37 ވަނަ މިނެޓުގައި ނިޝާހް ކާމިޔާބުކުރި ލަނޑުންނެވެ. އަދި ދެވަނަ ހާފުގައި ނިޝާހް ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ.

ހޯމަ ދުވަހު ކުޅުނު މެޗުން ހިރިލަންދޫ މޮޅުވިއިރު، މުބާރާތުގައި ހުކުރު ދުވަހު ކުޅުނު މެޗުން ހިރިލަންދޫން ވަނީ 4-0 ގެ ނަތީޖާއަކުން ދިޔަމިގިލި ބަލިކޮށްފައެވެ. މި ނަތީޖާއާއެކު ތާވަލުގެ ކުރީގައި އޮތް ވިލުފުއްޓާއި ހިރިލަންދޫއަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ގުރައިދޫ އާއި ދިޔަމިގިއްޔަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ތ. އަތޮޅުގެ ހަތަރު ރަށެއް ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ، ލީގު ބުރުގެ އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ ސްޕޯޓްސްއެވެ. އަދި މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް އިންކްޑް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޖާޒީ ޕާޓްނަރަކީ ދަ ޑަބްލިއު ސްޕޯޓްސްއެވެ. މީގެ އިތުރުން ލައިވް ކަވަރޭޖް ޕާޓްނަރަކަށް ޗޮކޮލެޓް ކެފޭ އެންޑް ބިސްޓްރޯ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ.އެމްވީއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް