raajjemv logo
ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުން
މާލޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދެނީ މި މަހުގެ 15އާ ހަމައަށް
 
ރާއްޖޭގައި އަދި ޖަހަނީ ކޮވިޝީލްޑް ވެކްސިން އެކަނި
 
މިހާތަނަށް 150،000ށް ވުރެ ގިނަ މީހުން މުޅި ރާއްޖެއިން ވެކްސިން ޖަހައިފި
 
ދެވަނަ ޑޯޒު ޖަހާނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުން
ޝުރުފާ މުހައްމަދު
7,566
ކ. މާލެ |
8 މާރޗް 2021 | ހޯމަ 18:26
ކޮވިޑް-19 ވެކްސިން ޖެހުން
ރައީސް އޮފީސް

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދެނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށްކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރ. އނގޫފާރު ހޮސްޕިޓަލުގެ އެކްސްޓެކްޝަން އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ މިދިޔަ މަހު އެކެއްގައި ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން ފަށައިގެން ކުރިއަށްދާއިރު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ކޮންމެވެސް އެއް ހިސާބަކުން ދެވަނަ ޑޯޒު ޖަހަން ފަށަން ޖެހޭނެކަން ފަހަގަކުރައްވައި ވިދާޅުވީ ބަލި ހަލުވިކަމާއެކު ފެތުރެމުންދާއިރު ބަލިން ފުރިހަމަ ރައްކާތެރިކަން ލިބޭނީ ވެކްސިންގެ ދެ ޑޯޒުވެސް ފުރިހަމަކޮށްގެން ކަމަށެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ދުވާލެއްގެ މައްޗަށް 10،000 ޑޯޒު ވެކްސިން ޖެހުމުގެ ގާބިލްކަން ރާއްޖޭގައި އެބަހުރި ކަމަށާއި މި މުއްދަތުގެ ތެރޭގައި މާލޭގައި 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމާލެވޭނެ ކަމަށެވެ.

އެހެންވީމަ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އަޅުގަނޑުމެން ހިޔާލު ކޮށްގެން މި ތިބީ މާލޭގައި ފުރަތަމަ ޑޯޒް ޖެހުން 15 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަން. ދެން އަޅުގަނޑުމެން މާލޭގައި ފައްޓާނީ ދެ ވަނަ ޑޯޒް ޖެހުން
ހެލްތު މިނިސްޓަރ ނަސީމް

މިނިސްޓަރ ނަސީމް މިހެން ވިދާޅުވިއިރު، ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ނިންމާފައި ވަނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ. މިދިޔަ މަހު އެކެއްގައި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން ފެށިއިރު އެ އުސޫލުން ބަލާ ނަމަ ދެވަނަ ޑޯޒު ޖަހަން ފަށަން ޖެހޭނީ މޭ މަހުގެ ތެރޭގައެވެ. ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒު މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް އިންޑިއާއިން ގެނެސްފައިވާއިރު އެ ޑޯޒުތައް ހުސްވަންދެން ވެކްސިން ޖަހާނެ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ. އަދި އޭގެ ފަހުންވެސް އިންޑިއާއިން ވަނީ ކޮވިޝީލްޑްގެ އިތުރު އެއް ލައްކަ ޑޯޒު ރާއްޖެއަށް ގެނެސްފައެވެ.

ޗައިނާގެ ސިނޮފާމް ވެކްސިންވެސް ހެޔޮ އެދޭ ފަރާތްތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވީ ނަމަވެސް އެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައެއް ނުވެއެވެ.

ރާއްޖޭގައި މިހާތަނަށް 150,000ށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާއިރު އޭގެ ތެރެއިން 89،000 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 62،550 މީހުންނެވެ. މާލެ ސަރަހައްދުގައި ހުކުރު ނޫން އެހެން ހުރިހާ ދުވަހެއްގައިވެސް ވެކްސިން ޖެހުމުގެ ހިދުމަތް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
44%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
22%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
33%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް