ކ. މާލެ
|
8 މާރޗް 2021 | ހޯމަ 18:15
މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދު
މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދު
ރާއްޖެއެމްވީ
މާލެ ސިޓީ ކައުންސިލުން ހުޅުމާލެއާއި ހަވާލުވުން
"މާލެ ސިޓީ ކައުންސިލުން ހުޅުމާލެއާއި ހަވާލުނުވެވިވަނީ ބަޖެޓް ނުލިބުމުން"
 
އެޗްޑީސީން ތަރައްޤީކޮށްފައިވާ ޕޯޓަލްތައް މާލެ ސިޓީއަށް ބޭނުންކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ވަނީ ފަށާފައި
 
ސިޓީ ކައުންސިލަށް ބިމެއް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށް
 
ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް މިހާތަނަށް އައިއިރު 2 ބައްދަލުވުމެއް ވަނީ ބާއްވާފައި

މާލެ ސިޓީ ކައުންސިލުން ހުޅުމާލެއާއި ހަވާލުނުވެވިވަނީ އެކަމަށް ބަޖެޓް ނުލިބުމުންކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލެ ރައްޔިތުންނާ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުކުރެއްވުމުގައި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިއްވަވަމުން މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވަނީ މާލެ ސިޓީގެ އިޙްތިޞާޞްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް މިހާތަނަށް އައިއިރު 2 ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާއި މިހާރު ހަވާލުވެފައިވާ އެޗްޑީސީއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މޭޔަރ ޝިފާ ވިދާޅުވިއެވެ. އެގޮތުން ސިޓީ ކައުންސިލަށް ބިމެއް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް ވިދާޅުވިއެވެ. ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަރުޙަލާކުރިއަށްދާއިރު، މިކަމުގައި ސަރުކާރާއި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ޝިފާ ވިދާޅުވިއެވެ. އެގޮތުން އެޗްޑީސީން ތަރައްޤީކޮށްފައިވާ ޕޯޓަލްތައް މާލެ ސިޓީއަށް ބޭނުންކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް އަހަރީ ރިޕޯޓްގައި ވަނީ އިއްވާފައެވެ. އެގޮތުން ހުޅުމާލޭގެ ލޭންޑް ސެކްޝަންގެ މަސައްކަތް މިވަގުތު ކުރަމުންދަނީ ސިޓީ ކައުންސިލުންކަމަށް ވަނީ ހާމަކޮށްފައެވެ. މޭޔަރ ޝިފާވަނީ ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތަކާއި މާލެސިޓީ ކައުންސިލުން ހަވާލުނުވެވިވަނީ އެކަމަށް ކައުންސިލަށް ބަޖެޓް ނުލިބުމުންކަމަށް ވިދާޅުވެފައެވެ.

ބަޖެޓް ނެތުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލުން ހުޅުމާލެއާއި ހަވާލުނުވެވިވާކަމަށް ބުނެފައިވާއިރު، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއް ސައްތާރު ވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ހުޅުމާލެއާ ހަވާލުވާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް ވިދާޅުވެފައެވެ. އަދި ހުޅުމާލެއާއި ސިޓީ ކައުންސިލުން ހަވާލުވުމަށް ފަހު ސިޓީ ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި އޮންނާނީ ރައްޔިތުންގެ މަޝްވަރާއާއެކު ހުޅުމާލޭ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ކުރަންޖެހޭ ކަންކަން ނިންމުން ކަމަށް އަނަސް އަބްދުއް ސައްތާރު ވިދާޅުވިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ ލާމަރުކަޒީ ނިޒާމް އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށް ކަމަށާއި، އެމްޑީޕީގެ ކެނޑިޑޭޓުންނަކީ މި ނިޒާމަށް ފަރިތަ ކެނޑިޑޭޓުން ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު ހުޅުމާލެ ވެގެންދާނީ ވަކި ކައުންސިލަރަކު ހުންނަވާ ތަނެއްގެ ގޮތުގައިކަމަށް އަނަސް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ހުޅުމާލޭގައި ދެމުންދާ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި، އަންނަ ބަދަލުތަކާއިއެކު އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރުމަށް އެޗްޑީސީ އާއި، މާލެ ސިޓީ ކައުންސިލުން 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެއްބަސްވެފައެވެ. ލާމަރުކަޒީ ޤަނޫނަށް ގެނައި ބަދަލުތަކާއިއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދޫކޮށްލާފައިވާއިރު، ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ކަންކަމާއި، މުނިސިޕަލް އެންމެހާ ޚިދުމަތް ދިނުމުގެ މަސްއޫލިއްޔަތަކީ ކައުންސިލްތަކުގެ ޒިންމާއެއްކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ޤާނޫނުން ބޮޑެތި ބާރުތައް ކައުންސިލްތަކަށް ދީފައިވީނަމަވެސް، ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު އެޗްޑީސީގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނަގޮތައް ވަނީ އެއްބަސްވެފައެވެ. ގާނޫނަށް ގެނައި ބަދަލުތަކާއިއެކު ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާއި، ބިންތަކާއި އެނޫންވެސް އެންމެހާ މަސައްކަތް ކުރުމަށް އުފައްދާފައިވާ އެޗްޑީސީއާއި މާލެ ސިޓީ ކައުންސިލާއިއެކު އެއްބަސްވުމެއްގެ ދަށުން އެ ކަންކަން އެޗްޑީސީން ކުރާގޮތައް އޭރު ވަނީ އެއްބަސްވެފައެވެ.

އެޗްޑީސީއަކީ ހުޅުމާލޭގެ މުނިސިޕިލް އެންމެހައި ހިދުމަތާއި، ބިންތަކާއި، ފްލެޓްތަކުގެވެސް މަސްއޫލުވެރިފަރާތެވެ. ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކަކީ މުޅި ރަށް ނުވަތަ މުޅި ސިޓީގެ ހުރިހާ ކަމެއް، އެ ތަނެއްގެ ރައްޔިތުން ބޭނުންވާގޮތަކަށް ރާވައި ހިންގުމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް، އެތަނެއްގައި ދިރިއުޅޭ ބައެއްގެ އަތްމައްޗަށް ދޫކޮށްލެވޭ ގޮތަށް ފާސްކޮށްފައިވާ ޤާނޫނެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
100%
0%
0%
ކޮމެންޓް