raajjemv logo
ބޯހިޔާވަހިކަން
މާލެއިން ބިންކޮޅު ދޫކޮށްލާ މީހުންނަށް ގޯތި ދޫކުރުމުގެ މަޝްރޫއެއް ފަށަނީ
 
ފްލެޓު ދޫކުރުމުގެ އައު ކްރައިޓީރިއާއެއް ހަދައި އާންމުންގެ ހިޔާލު ހޯދާނެ
 
އަންނަ އަހަރު ނިމެންވާއިރަށް ބައެއް ޔުނިޓުތައް އާންމުންނަށް ދޫކުރެވޭނެ
 
އަމާޒަކީ 15،000 ހައުސިން ޔުނިޓު އެޅުން
ޝުރުފާ މުހައްމަދު
7,745
ކ. މާލެ |
7 މާރޗް 2021 | އާދީއްތަ 23:54
ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރައީސް ޞާލިޙް ވާހަކަ ދައްކަވަނިކޮށް
އެމްޑީޕީ

މާލެއިން ބިންކޮޅު ދޫކުރާ މީހުންނަށް އެހެން ތަންތަނުން ބިން ދިނުމުގެ މަޝްރޫއެއް ފަށާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރަށްވެހި ފަތިސް ކެމްޕޭން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ބޯހިޔަވާހިކަމަށް ވަރަށް ބޮޑެތި ތަސައްވަރުތައް އެބަހުރި ކަމަށެވެ. އެގޮތުން ފެލްޓުތަކާއި އެޕާޓްމަންޓުތަކުގެ އިތުރުން މާލެ ސަރަހައްދުން ބިންކޮޅުކޮޅު ދޫކޮށްލާ މީހުންނަށް އެހެން ތަންތަނުން ބިން ދިނުމުގެ މަޝްރޫއެއް ރާވާފައިވާ ކަމަށާއި މި އަހަރުގެ މެދު ތެރޭގައި އެ މަޝްރޫއު އިއުލާންކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިރާސާތައް ދައްކާގޮތުން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ 17،000އެއްހާ އާއިލާ އެބަތިބި ކަމަށެެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އަޅާފައިވާ 7،000 ފެލްޓުގެ ހިޔާ މަޝްރޫގެ ފްލެޓުތައް ދީ ނިންމުމުންވެސް އަދިވެސް ބޯހިޔާވަހިކަން ބޭނުންވާ 10،000 އާއިލާ ތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން 5،000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަަމަށެވެ. އަދި އިތުރު 5،000 ހައުސިން ޔުނިޓުގެ މި އަހަރު ފަހުކޮޅު ފެށޭނެ ކަމަށް ބެލެވޭ ކަމަށާ އެންމެ ލަސްވެގެން އަންނަ އަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރުވެސް 1،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އިންޑިއާގެ ކުންފުންޏަކާއެކު އިތުރު 2،000 ހައުސިން ޔުނިޓުގެ އެއްބަސްވުމުގައި ހޯމަ ދުވަހު ސޮއި ކުރާނެ ކަމަށާއި، އެ ނޫންވެސް އިތުރު 2،000 ޔުނިޓެއް އިންޑިއާގެ އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ޗައިނާގެ ދެ ކުންފުންޏަކަށް 1،700 އަދި 1،300 ހައުސިން ޔުނިޓުގެ ދެ މަޝްރޫއެއް ހަވާލުކުރަން މަސައްކަތްކުރާ ކަމަށާއި އެޗްޑީސީން ވެސް 115 ހައުސިން ޔުނިޓުގެ މަސައްކަތް ޓެންޑަރ ކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން 15،000 ހައުސިން ޔުނިޓު މާލެ ސަރަހައްދުގައި އެޅުން ކަމަށެވެ. އޭގެ ތެރެއިން 3،000 ޔުނިޓަކީ ކައުންސިލް ހައުސިންގ ޔުނިޓްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ މި ސަރުކާރުން ހަދާ ހައުސިން ޔުނިޓުތަކުގެ ސައިޒު މިހާރު ހުރި ޔުނިޓުތަކަށް ވުރެ ބޮޑުވާނެ ކަމަށެވެ. އަދި އަގު ވެސް 6،000ގައި ހިފެހެއްޓުމަށް މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. ފްލެޓުތައް އަޅަނީ ތިން ފަންތިއަކަށް ބަހާލައިގެން ކަމަށާއި އޭގެ ތެރެއިން އާދައިގެން ފަންތީގެ އަގު ހުންނާނީ 6،000ގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓުތައް ދޫކުރުމުގައިވެސް މި ސަރުކާރުން ގެންގުޅެނީ ހަރުދަނާ އުސޫލެއް ކަމަށެވެ. އެގޮތުން ފްލެޓު ދިނުމުގެ ކްރައިޓީރިއާ ބަދަލުކޮށް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މިހާރުވެސް އޭގެ ޑްރާފްޓެއް އެކުލަވާލާފައިވާކަމަށާއި އެއަށް އާންމުންގެ ހިޔާލުވެސް ހޯދާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން އަޅާ ހައުސިން ޔުނިޓުތައް އަންނަ އަހަރު ނިމެންވާއިރަށް އޭގެއިން ބައެއް ތަންތަން އާންމުންނަށް ދޫކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
27%
އަންތަރީސް ވެއްޖެ
13%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
27%
ރުޅި ގަދަ ވެއްޖެ
33%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް