ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 11:53
އިޒްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ޔޫސުފް ސޮފްވަލާން
އިޒްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ޔޫސުފް ސޮފްވަލާން
ޔޫސުފް ސޮފްވާން ރަޝީދު
ދިރާސީ އަހަރަށް ބަދަލުގެނައުން
ދިރާސީ އައު އަހަރު ފެށުން އޮގަސްޓް މަހަށް ބަދަލުކޮށްފި
 
މި ގެނެވުނު ބަދަލާއެކު ދަރިވަރުންގެ ކިޔެވުމަށާއި އިމްތިހާނުތަކަށް ބުރުލެއް ނާރާނެ
 
އަލަށް ގެނެވުނު ބަދަލާއެކު ޑިސެމްބަރު މަހުގައި 3 ހަފްތާ އަދި އަހަރުގެ މެދުތެރެއިން މަސް ދުވަސް ޗުއްޓީގެ ގޮތުގައި ލިބޭނެ
 
ދިރާސީ އައު އަހަރު ދެން ފެށޭނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު

ކޮވިޑް-19 އާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުމަށް ގެނައި ބަދަލު ދާއިމީކޮށް، ދިރާސީ އައު އަހަރުގެ ކިޔެވުން އޮގަސްޓް މަހުގައި ފަށާ ގޮތަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިގޮތަށް ނިންމަވާފައިވަނީ، ގިނަ ފަރާތްތަކަކުން ދިރާސީ އަހަރު ބަދަލުކުރުމަށް އެދެމުންދާތީ އާއި، ކޮވިޑް-19ގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށާއި ޖުމުލަ ތަރައްޤީއަށް ދިމާވެފައިވާ ބޮޑު ގެއްލުމުން އަރައިގަތުމަށް 2020 ވަނަ އަހަރު ފެށުނު ދިރާސީ އަހަރު 2021 ވަނަ އަހަރުގެ ޖޫންގައި ނިމޭގޮތަށް ފަސްކޮށްފައިވުމާއި، ބެލެނިވެރިންނަށް ދަރިންނާއެކު ޗުއްޓީހޭދަކުރުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ މަގުސަދުގައެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ދިރާސީ އައު އަހަރު ފެށޭ ދުވަހަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މިއާއެކު ދިރާސީ އައު އަހަރު ފެށިގެން ދާނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގައި ކަމަށެވެ. އަދި މި ގެނެވުނު ބަދަލާއެކު ބޮޑު ޗުއްޓީ ފެށޭނީ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީ ކޮޅުގައި ކަމަށެވެ. އަދި މި ގެނެވުނު އައު ބަދަލާ އެކު ފުރަތަމަ ޓާމްގެ ކިޔެވުން ނިމުމުން ޓާމުގެ ބަންދާ އެކު ދޭއް ނުވަތަ ތިން ހަފްތާ ޑިސެމްބަރު މަހުގެ ފަހުކޮޅު ލިބިގެންދާނެ ކަމަށެވެ.

އަލަށް ގެނެވުނު ބަދަލާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ ދިރާސީ އަހަރަށް ބަދަލު ގެނެވުނީ މިކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ސަރުކާރާ ހަވާލުވި އިރު ވެސް ދިރާސީ އަހަރު ފެށޭ ދުވަސްވަރު ބަދަލު ކުރުމަށް ގިނަ ފަރާތްތަކުން އެދެމުން ދިޔަ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މިކަމުގައި ވަކިން ބޮޑަށް އެދެމުން ދިޔަ ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު ގެސްޓް ހައުސް ސިމްޕޯސިއަމްގައި ވެސް އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި ވެސް ފަތުރުވެރިކަމުގެ ދާއިރާއިން މިކަމަށް އެދި ހުށަހެޅުންތަކެއް ހުށަހެޅުނު ކަމަށާއި، އެއިރު އެޑިއުކޭޝަންގެ ފަރާތުން މިކަމުގައި ރަނގަޅު ގޮތެއް ހޯދައި ދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވި މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ވެސް ދެބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު އޭރު. މާނައަކީ ޑިސެމްބަރ މަހުގެ ތެރޭގައި ވެސް ޗުއްޓީގެ އެއްބައި ލިބިފައި އަދި އަހަރުގެ މެދުތެރޭގައި ޗުއްޓީގެ އެއްބައި ލިބުމަށް. ރާއްޖޭގެ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ. ޗުއްޓީގައި އާއިލާއެކީގައި ވަގުތު ހޭދަކޮށްލުމަށް އެ ބޭފުޅުންނަށް ވެސް ފުރުސަތު ލިބުމާއި، އަދި ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ދުވަސްވަރަކީ އަހަރުގެ ފަހުކޮޅަށް ވެފައި އެ ދުވަސްވަރު ބިޒީވެ، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް އެކަމުގެ ތެރޭގައި އިންވޯލްވުމާ އެކީގައި ޗުއްޓީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިފައި ނޯވޭ،
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު

މުޖާހިދު ވިދާޅުވީ މިހާރު ގެނެވުނު ބަދަލާއެކީގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޗުއްޓީ ރަނގަޅުގޮތުގައި ބޭނުން ކުރުމަށް ފަހި ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތާ ގުޅިގެން 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދިގު ދަންމާލަން ޖެހުނު ކަމަށާއި، 2021 އަދި 2022 ވަނަ އަހަރުގެ އެކަޑަމިކް އަހަރު ފެށެން އޮތީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ކަމަށްވުމުން ދިރާސީ އަހަރަށް ބަދަލެއް ގެނައުމުން އެންމެ މުނާސަބު ވަގުތަކީ މިއީ ކަމަށެވެ. އަދި މިކަމާ ގުޅިގެން ތަފާތު ދާއިރާތަކުގެ ބޭފުޅުންނާއި، ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ދަރިވަރުންނާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރެވިގެން ނިންމުމަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ.

ދިރާސީ އަހަރަށް ގެނެވުނު ބަދަލާ ގުޅިގެން ކުރެވުނު މަޝްވަރާތަކާ ގުޅިގެން ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވިދާޅުވީ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ދިރާސީ އަހަރަށް ބަދަލު ގެނައުމުގެ ސަބަބުން ކުރާނެ އަސަރު އަދި ނަތީޖާތަކާ ގުޅިގެން ދިރާސާތަކެއް ކުރެވުނު ކަމަށެވެ. އަދި މި މައްސަލަ ސޯޝަލް ކައުންސިލަށް ހުށަހަޅައި އެ ކައުންސިލްގެ ލަފާގެ މަތިން ކަމާ ގުޅުންހުރި އެކި ފަރާތްތަކާ މަޝްވަރާ ކުރެވި ހާއްސަ ސަރވޭއެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

މި ބަދަލުގެ ސަބަބުން އަސަރުކުރާނެ ހުރިހާ ފަރާތްތަކާ އެކީގައި އަޅުގަނޑުމެން ވާނީ މަޝްވަރާކޮށް ވާހަކަ ދައްކާފައި އެ ފަރާތްތަކުގެ ހިޔާލު ހޯދާފައި. އޭގެ ތެރޭގައި ދަރިވަރުންނާއި ބެލެނިވެރިންނާއި، މުދައްރިސުންގެ އިތުރުން ސްކޫލްތަކުގެ ބެލެނިވެރިންގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކާއި އަދި މިކަމުގެ ސަބަބުން އަސަރުކުރާނެ ހުރިހާ އިދާރާތަކާ ވާހަކަދެކެވި މިކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު. ހުރިހާ ފަރާތްތަކުން ވެސް މި ބަދަލަށް ވަރަށް ބޮޑަށް ތާއިދު ކުރެއްވި،
ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން

މިކަމާ ގުޅިގެން ހާއްސަ ސަރވޭއެއް ކުރިއަށް ގެންދެވުނު ކަމަށާއި، އެ ސަރވޭގެ ތެރެއިން ގިނަ ފަރާތްތަކުން މިގޮތަށް މި ބަދަލު ގެނައުމަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވި ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މިކަމާ ގުޅިގެން ތައްޔާރުކުރެވުނު ކަރުދާހާ ގުޅިގެން ތަޖުރިބާކާރުންނާ ވާހަކަ ދައްކާ މަޝްވަރާ ކުރެވުނު ކަމަށް އިހްސާން ވިދާޅުވިއެވެ.

އެކަޑަމިކް އަހަރަށް ބަދަލު ގެނައުމުގެ ކުރި ދުނިޔޭގެ އެކިއެކި ގައުމުތަކުން މަސައްކަތް ކުރާ ގޮތާއި، ޔުނިވަރސިޓީތަކާއި އިމްތިހާނު ކުރިއަށްދާނެ ގޮތާއި، މިކަންކަމުގެ މައްޗަށް ބައްލަވާފައިވާނެ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ. އަދި މިކަމުގައި ހުރި ފައިދާތަކަށް ބެލުމަށްފަހު ދިރާސީ އައު އަހަރު ފެށޭ ތާރީހު ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ސްކޫލްތައް ބަންދުކުރަން ޖެހުނު ނަމަވެސް، ކިޔެވުން މެދުކަނޑާނުލައި އޮންލައިންކޮށް ކުރިއަށް ގެންގޮސް ސިލަބަސް ކަވަރު ކުރުމަށް 2020 ވަނަ އަހަރުގެ އެކަޑަމިކް އަހަރު ދިގު ދަންމާލިއެވެ. އެގޮތުން 2020 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން އެ އަހަރުގެ ޑިސެމްބަރަށް ނިންމާލައި މިހާރު ކިޔަވައި ދެމުން ދަނީ 2020 ވަނަ އަހަރުގެ އެކަޑަމިކް އަހަރުގެ ދެވަނަ ޓާމަށެވެ. 2020 ވަނަ އަހަރުގެ އެކަޑަމިކް އަހަރު ނިމޭނީ މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅުގައެވެ. އަދި 2021 ވަނަ އަހަރުގެ އެކަޑަމިކް އަހަރު ފެށޭނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. ދިރާސީ އަހަރަށް މި ގެނެވުނު ބަދަލާ ގުޅިގެން، ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނީ މީލާދީ އަހަރުގެ މެދުތެރޭގައެވެ. އަދި މީލާދީ އަހަރުގެ ފަހުކޮޅު ފުރަތަމަ ޓާމު ޗުއްޓީގެ ގޮތުގައި 2 ހަފުތާގެ ޗުއްޓީއެއް ލިބޭނެއެވެ.  

ދިރާސީ އަހަރަށް މި ބަދަލު ގެނެވުމުން، އޭލެވެލް ހަދާ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާއިން ގެއްލިގެން ދާނެކަމަށް ބައެއް ފަރާތްތަކުން ބުނާ މުއްދަތު ގެއްލިގެން ނުދާނެއެވެ. އަދި މިބަދަލާއެކުވެސް، ދަރިވަރުން މިހާރުވެސް އޭ ލެވެލް ފަށާ ތާރީހު ކަމަށްވާ ޖޫންމަހުގައި އޭ ލެވެލްގެ ކިޔެވުން ފެށިގެންދާނެއެވެ. މީގެ އިތުރުން، ގްރޭޑް 10 ގެ ދަރިވަރުންގެ ފަހު އިމްތިހާނު އޮކްޓޯބަރ/ނޮވެމްބަރ ގައި ނިމުނު ކަމުގައި ވިޔަސް އޭ ލެވެލް އިންތިޙާން ޖޫން މަހުގައި ފެށޭތީ އޯލެވެލް ނިންމާ ދަރިވަރުން އޭ ލެވެލް ފެށުމާ ދެމެދު ހޭދަ ކުރަންޖެހޭ 6 މަސް ދުވަސް، މިހާރު ގެނެވުނު ބަދަލާއެކީ ނޯންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
10%
30%
10%
50%
0%
0%
ކޮމެންޓް