ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 11:36
އޮސަސޫނާ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 2-0 ން
އޮސަސޫނާ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އޮސަސޫނާ ބަލިކޮށް ބާސާއިން ފަރަގު ކުޑަކޮށްފި
 
އޮސަސޫނާ އަތުން ބާސާ މޮޅުވީ 2-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ދެވަނައިގައި ބާސާ އޮތީ 56 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ އޮސަސޫނާ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފިއެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ލިއޮނެލް މެސީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އޮސަސޫނާއިން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައިވާއިރު، އެ ދެ ހަމަލާވެސް ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގެން ވަނީ ހުށީޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގައި ބާސާއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. މެސީ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިލައިޝް މޮރީބާއެވެ. މިއީ އުމުރުން 18 އަހަރުގެ އިލައިޝް ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ ވެފައި ވަނީ ބާސާގެ ތާރީޚުގައި އެ ޓީމަށް ލަނޑެއް ޖަހައިދިން ފަސްވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައިގައި ބާސާ އޮތީ ކުޅުނު 26 މެޗުން ލިބުނު 56 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 24 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. އަދި ބާސާ އަތުން ބަލިވި އޮސަސޫނާ އޮތީ ތާވަލުގެ 13 ވަނައިގައި 26 މެޗުން 28 ޕޮއިންޓާއެކުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް