ކ. މާލެ
|
6 މާރޗް 2021 | ހޮނިހިރު 15:14
ބަޔާން މިއުނިކުގެ ޒުވާން ތަރި ޖަމާލް މުސިއާލާ
ބަޔާން މިއުނިކުގެ ޒުވާން ތަރި ޖަމާލް މުސިއާލާ
ގެޓީ އިމޭޖަސް
ބަޔާނުގެ އެއްބަސްވުން މުސިއާލާ އާކުރުން
ބަޔާނާއެކު މުސިއާލާ ފަސް އަހަރުގެ އެއްބަސްވުމެއް
 
ބަޔާނުގެ އެއްބަސްވުން މުސިއާލާ އާކުރީ 2026 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް
 
މުސިއާލާއަށް ކޮންމެ ސީޒަނަކު 4.3 މިލިޔަން ޕައުންޑުގެ މުސާރައެއް ލިބޭނެ

ބަޔާން މިއުނިކާއެކު ހަދާފައި އޮތް އެއްބަސްވުން ޒުވާން ތަރި ޖަމާލް މުސިއާލާ އާކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު އުމުރުން 18 އަހަރުގެ މުސީއާލާ ވަނީ ބަޔާނުގެ އެއްބަސްވުން 2026 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އާކޮށްފައެވެ. މި އެއްބަސްވުމާއެކު ކޮންމެ ސީޒަނަކު 4.3 މިލިޔަން ޕައުންޑުގެ މުސާރައެއް މުސިއާލާއަށް ލިބިގެންދާއިރު، މިއީ އޭނާގެ ކެރިއަރުގައި ހެދި ފުރަތަމަ ޕްރޮފެޝަނަލް އެއްބަސްވުމެވެ.

ބަޔާނުގެ އެއްބަސްވުން މުސިއާލާ އާކުރިއިރު، މީޑިއާގައި އޭނާގެ ނަން ގަދަވެގެންދިޔައީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ލާޒިއޯ އަތުން 4-1 ގެ ނަތީޖާއަކުން ބަޔާން މޮޅުވި މެޗުގައި ލަނޑު ޖެހި ހިސާބުންނެވެ. އެ މެޗުގައި ޖެހި ލަނޑާއެކު މުސިއާލާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ބަޔާނުގެ އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

އަދި ދާދި ފަހުން މުސިއާލާ ވަނީ އިންގްލެންޑުގެ ބަދަލުގައި ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެންވެސް ނިންމާފައެވެ. ޖަރުމަނަށް އުފަންވި ނަމަވެސް، އިނގިރޭސި އާއިލާއަކަށް ނިސްބަތްވާ މުސިއާލާ ވަނީ އުމުރުން ހަތް އަހަރުގައި އިންގްލެންޑަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެއަށްފަހު ޗެލްސީ ޔޫތު ޓީމުތަކަށް ކުޅުމަށްފަހު އޭނާ ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ޔޫތު ފެންވަރުގައި އިންގްލެންޑާއި ޖަރުމަނަށްވެސް މީގެ ކުރިން މުސިއާލާ ކުޅުނުއިރު، އެންމެ ފުރަތަމަ އޭނާ ކުޅެފައިވަނީ އިންގްލެންޑުގެ 15 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ޓީމަށެވެ. އަދި އޭގެ ފަހުން ޖަރުމަނުގެ 16 އަހަރުން ދަށުގެ ޓީމަށް ކުޅުނު ނަމަވެސް، ފަހުން އަނެއްކާވެސް ވަނީ އިންގްލެންޑްގެ 17 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޓީމަށް ކުޅެފައެވެ.

މީގެ ކުރިން އިންގްލެންޑުގެ ޔޫތު ޓީމުތަކަށް 10 ލަނޑު ޖަހާދީފައިވާ މުސިއާލާ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ ބަޔާނުގެ ސީނިއާ ޓީމަށް މިހާތަނަށް 27 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ކަޕާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް