ކ. މާލެ
|
6 މާރޗް 2021 | ހޮނިހިރު 09:49
ރުވާންޑާގައި ކުރިޔަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި މީހަކަށް ވެކްސިން ދެނީ
ރުވާންޑާގައި ކުރިޔަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި މީހަކަށް ވެކްސިން ދެނީ
ރޮއިޓަރސް
ކޮވިޑް-19 ރުވާންޑާގެ ހާލަތު
ފައިޒަރ ވެކްސިން ޖަހާ އެފްރިކާގެ ފުރަތަމަ ގައުމަކަށް ރުވާންޑާ
 
ސަރުކާރުން ރާވާފައިވަނީ މިއަހަރު ނިމެންވާއިރު ރުވާންޑާގެ އާބާދީގެ 30 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް
 
ހުކުރު ދުވަހު ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައި
 
ވެކްސިން ޖެހުމަށްޓަކައި 500 ހެލްތު ފެސިލިޓީއަށް ވެކްސިން ފޯރުކޮށްދީފައިވޭ

އެފްރިކާގެ ގައުމުތަކުގެ ތެރެއިން ފައިޒަރ ވެކްސިން ޖަހާ ފުރަތަމަ ގައުމަކަށް ރުވާންޑާ ވެއްޖެއެވެ.

އެގައުމުގައި ހުކުރު ދުވަހު ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައެވެ. 12 މިލިއަން މީހުން ދިރިއުޅޭ ރުވާންޑާގެ ރައްޔިތުންނަށް ވެކްސިން ޖެހުމަށް ފައިޒަރ އަދި އެސްޓްރަޒެނިކާ ވެކްސިން ރުވާންޑާގެ އެކި ސަރަހައްދުތަކަށް ވަނީ ގެންދަން ފަށާފައެވެ. އުސްފަރުބަދުތައް އެކުލެވޭ ރުވާންޑާގެ އުސް ހިސާބުތަކަށް ވެކްސިން ގެންދިޔުމަށް ހެލިކޮޕްޓަރުގެ ބޭނުން އަންނަނީ ކުރަމުންނެވެ.

އެގައުމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވެކްސިން ޖެހުމުގެ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ޕައުލް ކެގޭމް ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ މަސައްކަތްތެރިންނާއި އުމުރުން ދުވަސްވީ މީހުންނަށްކަމަށެވެ. ސަރުކާރުން ރާވާފައިވަނީ މިއަހަރު ނިމެންވާއިރު ރުވާންޑާގެ އާބާދީގެ 30 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށެވެ.

ފައިޒަރ ވެކްސިން ރައްކާކޮށްފައި ބެހެއްޓޭނީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ކަމަށްވާއިރު ރުވަންޑާގެ ސަރުކާރުން ވަނީ ވެކްސިން ރައްކާކޮށްފައި ބެހެއްޓޭނެ ތަންތަން ހަދާފައެވެ.

ރުވާންޑާއަށް މިހާތަނަށް އައިއިރު ފައިޒަރ ވެކްސިންގެ 102،960 ޑޯޒް ލިބިފައިވާއިރު އެސްޓަރޒެނިކާ ވެކްސިންގެ 240،000 ޑޯޒް ވަނީ ލިބިފައެވެ.

ރުވާންޑާގެ ހެލްތު މިނިސްޓަރ ޑެނިއަލް ގެމްޖީ ވިދާޅުވީ އިތުރު ވެކްސިން ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ. ނަމަވެސް ވެކްސިން ލިބޭ ތަނެއް ހާމަކޮށްފައެއްނުވެއެވެ.

ޑެނިއަލް ވިދާޅުވީ ވެކްސިން ޖެހުމަށްޓަކައި 500 ހެލްތު ފެސިލިޓީއަށް ވެކްސިން ފޯރުކޮށްދީފައިވާކަމަށެވެ.

ރުވާންޑާ އިން މިހާތަނަށް 19،000 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 265 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
100%
0%
ކޮމެންޓް