ކ. މާލެ
|
6 މާރޗް 2021 | ހޮނިހިރު 07:53
މިޔަންމާގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން
މިޔަންމާގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން
ރޮއިޓަރސް
މިޔަންމާގެ ހާލަތު
ޔޫޓިއުބުގެ ގައިޑްލައިންތަކާ ޚިލާފުވުމުން މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ ފަސް ޓީވީ ޗެނަލެއް އެ މީޑިޔަމުން ނަގައިފި
 
ފޭސްބުކުން މިހާރުވަނީ މިޔަންމާގެ އަސްކަރިއްޔާ އާ ގުޅުންހުރި ހުރިހާ ޕޭޖްތަކެއް ބޭނުންނުކުރެވޭ ގޮތް ހަދާފައި
 
މިޔަންމާގެ އަސްކަރިއްޔާއިން އަންނަނީ އެގައުމުގެ މީޑިޔާ އެމީހުންގެ ބާރުގެ ދަށަށްގެނެސް އަސްކަރިއްޔާއިން ބޭނުންވާ މައުލޫމާތުތައް ފަތުރަމުން
 
ޔޫޓިއުބްގެ ސްޕޯކްސްވުމެން ވިދާޅުވީ ޤާނޫނު ތަކާއި ކޮމިޔުނިޓީ ގައިޑްލައިނާއި ޚިލާފުވުމުގެ ސަބަބުން ބައެއް ޗެނަލްތަކާއި ވީޑިއޯތައް ނަގާފައިވާކަމަށް

މިޔަންމާގެ ޑިމޮކްރަޓިކް ސަރުކާރު ވައްޓާލާ ވެރިކަން ކުރަމުން އަންނަ މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުން އަންނަ ފަސް ޓީވީ ޗެނަލެއް ޔޫޓިއުބުގެ ގައިޑްލައިންތަކާއި ޚިލާފުވުމުގެ ސަބަބުން ނަގައިފިއެވެ.

އެކަމާއި ގުޅިގެން ޔޫޓިއުބްގެ ސްޕޯކްސްވުމެން ވިދާޅުވީ ޤާނޫނު ތަކާއި ކޮމިޔުނިޓީ ގައިޑްލައިނާއި ޚިލާފުވުމުގެ ސަބަބުން ބައެއް ޗެނަލްތަކާއި ވީޑިއޯތަކެއް ނަގާފައިވާކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ ޗެނަލްތަކުގެ ތެރެއިން ޔޫޓިއުބުން ނެގި ޗެނަލްތަކުގެ ތެރޭގައި ހިމެނެނީ މިޔަންމާގެ ސްޓޭޓް ނެޓްވޯރކް އެމްއާރުޓީވީ (މިޔަންމާ ރޭޑިއޯ އެންޑް ޓެލެވިޒަން) އާއި މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ މީއަވައްޑީ މީޑިޔާ އާއި އެމްޑަބްލިޔުޑީ ވެރައިޓީ އަދި އެމްޑަބްލިޔުޑީ މިޔަންމާ ޗެނަލެވެ.

މިޗެނަލްތައް ނެގިކަން ޔޫޓިއުބުން މިހާމަކުރީ އެގައުމުގެ އަސްކަރިއްޔާ އާ ދެކޮޅަށް ކުރިޔަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި އެންމެ ބޮޑު ލޭ އޮހޮރުވުން ހަފްތާއެވެ. އެގޮތުން ބުދަ ދުވަހު އެކަނިވެސް މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން 38 މީހުން މަރާލާފައިވާއިރު އެއީ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުން މަރާލި ދުވަހެވެ. އދން ބުނެފައިވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސިފައިން ބައެއް ސަރަހައްދުތަކުގައި ބަޑިޖަހާފައިވާކަމަށެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަންމާގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު އަންނަނީ މަގުތަކަށް ނިކުމެ މުޒާހަރާކުރަމުންނެވެ. މިޔަންމާގެ ޑިމޮކްރަޓިކް ލީޑަރު އަން ސަން ސޫޗީގެ ސަރުކާރު ވައްޓާލައި އެ ޤައުމުގެ ސިފައިން ގެނައި ބަޣާވާތާ ދެކޮޅަށް މުޒާހަރާކުރަމުންދާއިރު އަސްކަރިއްޔާއިން ބުނެފައިވަނީ ނޮވެމްބަރ މަހު ބޭއްވި އިންތިޚާބު އަން ސަން ސޫޗީ ކާމިޔާބުކޮށްފައިވަނީ އޮޅުވާލައިގެންކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބަކީ އިންސާފުވެރިކޮށް ކުރިޔަށް ގެންދިޔަ އިންތިޚާބެއްކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އަންނަނީ އެގައުމުގެ މީޑިޔާ އެމީހުންގެ ބާރުގެ ދަށަށްގެނެސް އަސްކަރިއްޔާއިން ކުރަމުންގެންދާ ކަންތައްތަކަކީ ރަނގަޅަށް ކުރި ކަންތައްތަކެއްކަމަށް ދެއްކުމަށް މަސައްކަތްކުރަމުންނެވެ.

އެމްއާރުޓީވީން ފޭސްބުކްގައި ހިންގަމުން އަންނަ ޕޭޖުތައް ފޭސްބުކުން ވަނީ ބޭނުންނުކުރެވޭ ގޮތް ހަދާފައެވެ. ފޭސްބުކުން މިހާރުވަނީ މިޔަންމާގެ އަސްކަރިއްޔާ އާ ގުޅުންހުރި ހުރިހާ ޕޭޖްތަކެއް ބޭނުންނުކުރެވޭ ގޮތް ހަދާފައެވެ. އެހެން ސޯޝަލް މީޑިޔާ ޕްލެޓްފޯމުތަކުންވެސް އަންނަނީ މިޔަންމާގެ އަސްކަރިއްޔާއިން ފަތުރަމުން އަންނަ ޚަބަރުތަކާއި ރުޅިވެރިކަމަށް މަގުފަހިކުރުވާ ވާހަކަތައް ހިމެނޭ ކޮންޓެންޓްތައް އަދި ޞައްހަނޫން މައުލޫމާތުތައް ނުފެތުރޭނެ ގޮތްތަކެއް ބަލަމުންނެވެ.

ބުރާސްފަތި ދުވަހު ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިޔަންމާގެ ސިފައިންނާއި ފުލުހުން އަންނަނީ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިޔާ އެޕްލިކޭޝަނެއް ކަމުގައިވާ ޓިކްޓޮކްގައި މުޒާހަރާގެ ބައިވެރިންނަށް މަރުގެ އިންޒާރު ދެމުންނެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ފޭސްބުކުން މިޔަންމާގެ އަސްކަރިއްޔާގެ އެކައުންޓްތައް ބްލޮކް ކޮށްލުމުން އަސްކަރިއްޔާއިން އަންނަނީ އެހެން ޕްލެޓްފޯމުތަކުގައި އެމީހުންގެ މައުލޫމާތު ގެނެސްދިނުމަށް މަސައްކަތްކުރަމުންނެވެ.

ދިރާސާކުރާ ފަރާތްތަކާއި ސިވިލް ސޮސައިޓީތަކުގެ ފަރާތުން ޔޫޓުއިބަށް ވަނީ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހު އެގައުމުގައި އޮތް އިންތިޚާބާ ދިމާކޮށް ފަތުރަމުންދިޔަ މައުލޫމާތުތަކާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާތީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫޓިޔުބްގައި މިޔަންމާގެ އިންތިޚާބާ ދިމާކޮށް އެތައް ހާސް ޗެނަލަކުން ވަނީ ޞައްހަ ނޫން މައުލޫމާތުތަކެއް ޚަބަރު ފެތުރުމާއި ސިޔާސީ ޕްރޮގްރާމްތަކުގެ ނަމުގައި ފަތުރާފައެވެ.

އަނެއްކޮޅުން ގޫގުލް އިން ބުނެފައިވަނީ ޑިސެމްބަރ މަހު 34 ޔޫޓިއުބް ޗެނަލެއް ބޭނުންނުކުރެވޭ ގޮތް ހަދާފައިވާކަމަށެވެ. އެއީ މިޔަންމާގައި ހިންގަމުންދާ ކަންތައްތަކާއި ގުޅިގެން ކުރިޔަށްދާ ތަހުގީގުތަކުގައި އެކަންކަމަށް ވާގިވެރިވާގޮތަށް މައުލޫމާތު ފަތުރާ ޗެނަލްތައް ކަމަށް ގޫގްލްއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
100%
0%
0%
ކޮމެންޓް