ކ. މާލެ
|
5 މާރޗް 2021 | ހުކުރު 09:40
ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 1-0 ން
ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ލިވަޕޫލް ބަލިކޮށް ޗެލްސީ ހަތަރުވަނައަށް
 
ލިވަޕޫލް އަތުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ހަތަރުވަނައަށް ޗެލްސީ ޖެހިލީ 47 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ޗެލްސީ ޖެހިލައިފިއެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ އަމިއްލަ ދަނޑުގައި ލިވަޕޫލް ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ. އެހެންކަމުން ލިވަޕޫލުގެ ތާރީޚުގައި ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ފަސް މެޗުން ފުރަތަމަ ފަހަރަށް ބަލިވިއިރު، އަނެއްކޮޅުން މިއީ 2014 ވަނަ އަހަރަށްފަހު ޗެލްސީން ލީގުގައި ލިވަޕޫލް ދަނޑުގައި މޮޅުވި ފުރަތަމަ މެޗެވެ.

މީގެ އިތުރުން ލިވަޕޫލް އަތުން ޗެލްސީ މޮޅުވިއިރު، އެ ޓީމުގެ ކޯޗުގެ މަގާމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެގޮތުން ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން ޗެލްސީ މޮޅުވެފައިވާއިރު، އަށް މެޗުގައި އެ ޓީމުން ވަނީ ކްލީން ޝީޓް ހޯދާފައެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި ޗެލްސީގެ ޓިމޯ ވާނާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މޭސަން މައުންޓް ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އޭރިއާ ތެރެއިން ޗެލްސީގެ އެންގޯލޯ ކާންޓޭގެ އަތުގައި ބޯޅަ ޖެހުމުން ލިވަޕޫލުން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް، ރެފުރީ ޕެނަލްޓީއެއް ދީފައެއް ނުވެއެވެ. މި މެޗުގައި ލިވަޕޫލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މުޅި މެޗުގައިވެސް ޗެލްސީގެ ގޯލާ އަމާޒުކޮށް ލިވަޕޫލަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އެގޮތުން މެޗުގެ ފަހުކޮޅު ޖިއޮޖީނިއޯ ވައިނަލްޑަމް ބޮލުން ފޮނުވާލި ބޯޅަ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފައެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް ޗެލްސީ ޖެހިލީ ކުޅުނު 27 މެޗުން ލިބުނު 47 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ހަތްވަނައަށް ލިވަޕޫލް ވެއްޓުނުއިރު، އެ ޓީމަށް ކުޅުނު 27 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް