ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 13:12
އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮން އުން: އާދައިގެ އިންސާނުންނަށް ނުކުރެވޭ ކަންކަން ކުރާ ކަމަށް އެގައުމުގެ މީޑިއާއިން ބުނޭ.
އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮން އުން: އާދައިގެ އިންސާނުންނަށް ނުކުރެވޭ ކަންކަން ކުރާ ކަމަށް އެގައުމުގެ މީޑިއާއިން ބުނޭ.
އޭއެފްޕީ/ގެޓީ
ވެރިންނަށް ސަނާކިޔުމުގައި އިމުން ބޭރުވުން
އަޖައިބެއް ކަހަލަ ލީޑަރުން ތަކެކެވެ. ފާޚާނާކުރާކަށް ވެސް ނުޖެހެއެވެ.
 
ދައުލަތުގެ މީޑިޔާއިން ބުނަނީ ރޫހާނީ ބާރު ލިބިފައިވާ ކަމަށް
 
މޫސުން ވެސް ތަބާވަނީ ލީޑަރަށް
 
ކަމެއް ދަސްނުކުރިޔަސް އެންމެ މޮޅަށް އެކަމެއް ކުރަން އެނގޭ

އުތުރު ކޮރެޔާއަކީ ކޮމިއުނިސްޓް ދައުލަތެކެވެ. އެ ދައުލަތުގެ އެންމެ އިސްވެރިންނަކީ ރޫހާނީ ބާރުތަކެއް ލިބިގެންވާ އަދި އިންސާނުންގެ ގިންތިއަށްވުރެ މަތީގައިވާ ޚާއްސަ ބައެއް ކަމަށް އުތުރު ކޮރެޔާގެ ރައްޔިތުން ގަބޫލު ކުރެއެވެ. އެ ގައުމުގެ ރަސްމީ މީޑިއާއިންވެސް ބުނަނީ މިހެންނެވެ.

ކޮރެޔާ ޕެނިންސިއުލާ ދެބައިވެ އުތުރު ކޮރެޔާގެ ނަމުގައި އެންމެ ފުރަތަމަ ދައުލަތެއް އުފެއްދީ ކިމް އިލް ސަންގް އެވެ. އޭނާ ވަނީ 1948 ން 1994 ށް ވެރިކަން ކޮށްފައެވެ. އެއަށްފަހު ވެރިކަމަށް އައި އޭނާގެ ދަރި ކިމް ޖޮން އިލް ވަނީ 1994 ން 2011 ށް ވެރިކަން ކޮށްފައެވެ. ކިމް ޖޮން އިލް މަރުވީމާ ވެރިކަމަށް އައީ އޭނާގެ ދަރި ކިމް ޖޮން އުން އެވެ. މިހާރުވެސް ވެރިކަމުގައި އެހެރީ ކިމް ޖޮން އުން އެވެ. 

އުތުރު ކޮރެޔާގެ ތާރީޚުގައި މިހާތަނަށް މުޅިއެކު ތިން ލީޑަރެއްގެ ވެރިކަން ރައްޔިތުން ތަޖުރިބާކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކިޔައިދީފައި އޮންނަނީ ކިމްގެ އާއިލާއަކީ ރޫހާނީ ބާރުތަކެއް ލިބިގެންވާ ޚާއްސަ އާއިލާއެއް ކަމުގައެވެ. އިންސާނުން އާދަވެގެން ކުރާ ކަންކަމާއި ކުރެވޭ ކަންކަމަކީ މި އާއިލާގެ މައްޗަށް އޮންނަ ކަމެއް ނޫން ކަމުގައެވެ. ރައްޔިތުން ތިބެނީ މި ވާހަކަތައް ގަބޫލުކޮށްގެންނެވެ.

ފާޚާނާއެއް ބޭނުމެއް ނުވޭ

އުތުރު ކޮރެޔާގެ ބާނީ ކިމް އިލް ސަންގް ދުވަހަކުވެސް ފާޚާނާއެއް ބޭނުން ނުކުރާ ކަމަށްވެއެވެ. ކުޑަކަމުދިޔުމެއް ބޮޑުކަމުދިޔުމެއް ނޯވެއެވެ. ހަށިގަޑުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ނަޖިހެއް އުފެދޭވަރަށް ވުރެ އޭނާގެ އިއްޒަތާއި ދަރަޖައިގެ މަތިވެރިކަން ބޮޑީޔޯލައެވެ.

ކިމް އިލް ސަންގް ފަދައިން އޭނާގެ ދަރި ކިމް ޖޮން އިލް އަކީވެސް ފާޚާނާކުރަން ޖެހުނު މީހެއް ނޫންކަމަށް ވެއެވެ. ވެރިކަމުގައި ހުރިއިރު އެކަންޏެއް ނޫނެވެ. އެންމެ ތުއްތު އިރުގައިވެސް ތާހިރުކުރާކަށް އެހެންކަމެއް ކުރާކަށް ބަޔަކަށް ނުޖެހެއެވެ. އޭނާގެ ބަޔޮގްރަފީ ބުނާގޮތުން އެހެން އިންސާނުންނަށް ލާޒިމު ކަންކަމުން ކިމް ޖޮން އިލް ވަނީ އިސްތިސްނާ ވެގެންނެވެ. ފާޚާނާކުރުންވެސް ހިމެނޭ ގޮތުންނެވެ.  

މިހާރު ވެރިކަމުގައި އެހެރަ ކިމް ޖޮން އުން އަކީ ހަށިގަޑުގެ ތެރޭގައި ނަޖިހެއް ނުއުފެދޭ ޒާތުގެ ބަރަކާތްތެރި ވެރިޔެކޭ އުތުރު ކޮރެޔާގެ ރަސްމީ މީޑިއާއިން އިއުލާން ނުކުރިއަސް ކާފަޔާއި ބައްޕަ ފަދައިން މިއީވެސް ފާޚާނާގެ ތަކުލީފުން ބަރީއަވެފައިވާ މީހެއް ކަމަށް އުތުރު ކޮރެޔާގެ ރައްޔިތުން ގަބޫލު ކުރެއެވެ. އެކަމަކު ކިމް ދާހާތާކަށް އެއްތަނުން އަނެއްތަނަށް ފަސޭހައިން ގެންދެވޭ ކަހަލަ ފާޚާނާ ތަށްޓެއް ގެންދާ ކަމީ މަދުބަޔަކު ދަންނަ ސިއްރެކެވެ.

މޫސުން ވެސް ތަބާވަނީ ކިމްއަށް

ކިމް އާއިލާގެ ޚާއްސަ އަނެއް ސިފަޔަކީ އެވެރީންނަށް މޫސުންވެސް ކިޔަމަންތެރިވުމެވެ. ކިމް އިލް ސަންގް ގެ ވެރިކަމުގައި އަދި އޭނާގެ ދަރި ކިމް ޖޮން އިލް ގެ ވެރިކަމާއި ކިމް ޖޮން އުން ގެ ވެރިކަމުގައިވެސް މިއީ ކޮންމެ އަހަރަކު ތަމްސީލުވާ ހަގީގަތެއް ކަމަށް އުތުރު ކޮރެޔާގެ ރަސްމީ މީޑިއާއިން ބުނެއެވެ. 

މިއިން ކިމްއެއްގެ އުފަންދުވަސް އަތުވެއްޖެނަމަ އާއްމުކޮށް ނުފެންނަ މާމެލާމެލި ކުއްލިއަކަށް ގިނަވެ މުޅި ގައުމުގައި މީރުވަސް ފެތުރިގެންދެއެވެ. މިހެންވީމާ އެއީ ވެރިކަމުގައި އޭރު ހުންނަ ކިމްގެ އުފަންދުވަސް އައީކަން އިސާހިތަކު ރައްޔިތުންނަށް މޭރުންވެދެއެވެ. އެވަރަކުން އަދި ނުފުދެއެވެ. އެދުވަހަކު މަސްވެރީންނަށް ވެސް ގިނައިން ހިފޭނީ ނުވަތަ ބޭނޭނީ އާދަވެގެން ނުފެންނަ ޒާތުގެ މަސްމީރު އަގުބޮޑު މަސްމަހާމެއްސެވެ. ވިއްސާރަދުނި ވެސް މިއިން ކިމްއަކު އިޝާރާތެއް ކުރާއިރަށް ފާޅުވެދެއެވެ.  

ނިއްކުރީގައި އެއްދަޅު ހުންނަ ޚިޔާލީ އަހެއް ކަމަށްވާ ޔުނިކޯނަކީ އުތުރުކޮރެޔާގެ ރައްޔިތުންނަށް އެއްގޮތަކަށް ވެސް ޚިޔާލީ އެއްޗެއް ނޫނެވެ. ކިމްގެ ތިންބަފައިންކުރެ ބަފައެއްގެ އުފަންދުވަހެއް އަތުވެއްޖެނަމަ އުތުރު ކޮރެޔާގެ އެކި ތަންތަނުން ހުދު ޔުނިކޯން ފެނުންވެސް ވަރަށް ގިނައެވެ. މިކަން އިތުރަށް ފާހަގަ ކުރުމަށްޓަކައި މިހާރު އެހެރަ ކިމް ޖޮން އުން ވަރަށް ގިނައިން ހުދުއަސް ދުއްވައެވެ. އެކަމަކު އަދި ދުވަހަކުވެސް ޔުނިކޯނެއް ދުއްވަނިކޮށް ނެގިފައިވާ ފޮޓޯއެއް ދައުލަތުގެ މީޑިއާއިން އާއްމެއް ނުކުރެއެވެ. 

ފަންނުވެރިކަމާއި ހުނަރުވެރިކަމުގައި ވެސް ލާމަސީލު

ކިމް އާއިލާގެ ކޮންމެ މީހަކީވެސް ފަންނުވެރިކަމާއި ހުނަރުވެރިކަމުގައި ލާމަސީލު މީހެކެވެ. މިހާރު ވެރިކަމުގައި އެހެރަ ކިމް ޖޮން އިލް ގެ އުމުރުން އެންމެ ތިން އަހަރުގައި ޔޮޓު ރޭސް ފަށައިފިއެވެ. ކާރު ރޭސް ވެސް ހަޔެއްކަ އަހަރުގައި ފަށައިފިއެވެ. އެ އުމުރުގައި ވެސް ދުނިޔޭގެ ޗެމްޕިއަނުންނަށް ކިމް ފަހަތަށް ޖައްސައިނުލެވޭ ކަމަށްވެއެވެ.

މިހާރު އެހެރަ ކިމްގެ ބައްޕަޔަކީ ގޮލްފުގައި ދުނިޔޭގެ ރިކޯޑެއް ގާއިމު ކުރި މީހެކެވެ. މިއަދާހަމަޔަށް ދުނިޔޭގެ އެއްވެސް މީހަކަށް އެ ރިކޯޑު މުގުރައެއް ނުލެވެއެވެ. މީން މީހަކަށް މަތިންދާބޯޓު ދުއްވުންފަދަ ކަންކަން ދަސްކުރާކަށްވެސް ނުޖެހެއެވެ. ކޮކްޕިޓަށް ވަނީމާ އޮޓޮމެޓިކުން ޕައިލެޓަކަށް ވެވިދެއެވެ. އާދައިގެ ޕައިލެޓުންނަށް ނުކުރެވޭ ކަންކަންވެސް ކުރެވެއެވެ. ފިލްމު އުފެއްދުމާއި ލިޔުން ތެރިކަމާއި ޅެންވެރިކަމާއި ކެއްކުމާއި ބޭސްވެރިކަމުގައިވެސް އެންމެ މޮޅީ ކިމް އާއިލާގެ މީހުންނެވެ.

މުޅިދުނިޔޭގައިވެސް މަޝްހޫރު ބާރގަރ އުފެއްދީ ކިމް ޖޮން އިލް ކަމަށް އުތުރު ކޮރެޔާގެ ރަސްމީ މީޑިއާއިން ދައުވާ ކުރެއެވެ. އެބޯލާޔާއި އެއިޑްސް އާއި ކޮވިޑާއި ކެންސަރު ފަދަ ބަލިބައްޔަށް މުޖައްރިބު ބޭސް ހުރީވެސް އުތުރު ކޮރެޔާގައެވެ. އުތުރު ކޮރެޔާގެ ސައިންސްވެރިން އެބޭސް އުފެއްދީ ކޮންމެވެސް ކިމްއަކު ދިން އިރުޝާދުގެ ދަށުންނެވެ. ކިމްގެ ދިރާސާއަކަށް ބަލައިގެންނެވެ.   

އަމިއްލަ ސިއްހަތުގެ މައްޗަށް ބާރެއް ނުފޯރުވޭ

ހުރިހާ ކަމެއްގެ ބޭސް އުފައްދައި ހުރިހާ ހިކުމަތަކާއި ހުރިހާ ހުނަރެއް ލިބިފައިވިޔަސް މި އާއިލާއަށް ނުކުރެވޭ ކަމެއް އޮވެއެވެ. އެކަމަކީ އަމިއްލަ ސިއްހަތުގެ މައްޗަށް ބާރު ފޯރުވުމެވެ. ދުނިޔޭގައި ދެމިހުރުމެވެ. އެކަމަށް ބާރުފޯރުވަން ނޫޅެނީއެއް ނޫނެވެ. ކިތަންމެވަރަކަށްވެސް އުޅެއެވެ. ނަތީޖާ ނުފެންނަނީއެވެ. 

ކިމް އިލް ސަންގް ގެ ދުވަސްވަރު ޒުވާންކަންމަތީގައި ތާއަބަދު ހުރުމަށް ވަރަށް އާދަޔާ ޚިލާފު ކަންކަން ކުރިއެވެ. އޭގެ ތެރެއިން އެއްކަމަކީ ބިކުރުވެރި އަންހެންކުދީންގެ ކުޑަގިފިލިން ކޮންމެ ދުވަހެއްގެ ހެނދުނު ފެންވެރުމެވެ. އެކަމަކު އަހަރުގެ ގިނަ ދުވަހު ކޮންމެވެސް ގިލަންވެރިކަމަކާހެދި އޮންނަނީ އެނދުމަތި ކުރެވިފައެވެ. އެންމެފަހުން މަރުވެސްވީއެވެ. 

ކިމް ޖޮން އިލް ވެސް މިފަދައެވެ. ހިތުގެ ބައްޔާއި ކިޑްނީގެ ބައްޔާއި ހަކުރު ބައްޔާއި ލޭމަތިވުމާއި މިހެންގޮސް ހުރިހާ ބައްޔަކަށް ފަރުވާ ހޯދަން ޖެހުނެވެ. މިކަމުގެ ތެރޭގައި މަރުވެސްވީއެވެ. މިހާރު ވެރިކަމުގައި އެހެރަ ކިމް ވެސް ވަކި ސަހަލުކަމަށް ނުފެނެއެވެ. ނިސްބަތުން ޒުވާނެކެވެ. އެކަމަކު ކަކުލުހުޅުގެ މައްސަލައިގައި ދޭތެރެޔަކުން އެޑްމިޓްކުރެވެއެވެ. ދާދިފަހަކުން ހިތުގެ އޮޕަރޭޝަނެއް ވެސް ވަނީ ކުރެވިފައެވެ. ސިއްހަތަށް ނުރައްކާ މިންވަރަށް ބަރުދަން ވެސް އެހެރީ މަތިވެފައެވެ.  

ދޭތެރެޔަކުން އާއްމުންގެ ލޯތަކަށް ގެއްލިދާނެއެވެ. އެހެން ގެއްލިފައި މަސް ދެމަސް ވެސް ފާއިތުވެދާނެއެވެ. ދެން ކުއްލިޔަކަށް ފާޅުވެފައި މޮޅު ވާހަކަތަކެއް ދައްކައިފާނެއެވެ. އެހިސާބުން ދައުލަތުގެ މީޑިއާއިން އިއުލާން ކުރާނެއެވެ. ލީޑަރު މިހުރިހާ ދުވަހު ހުރީ ރައްޔިތުންނަށްޓަކައި އައު އެއްޗެއް އީޖާދު ކުރުމަށް ނުވަތަ އައު ކަމެއް ތައާރަފު ކުރުމަށް ދިރާސާތަކެއް ހެދުމުގެ މަސައްކަތުގައެވެ. އެކަމަކު ބޭރު ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރަނީ އެއީ ކޮންމެވެސް ބައްޔެއްވެގެން އެޑްމިޓްކުރެވުނީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
20%
3%
2%
11%
60%
5%
ކޮމެންޓް
4 މާރޗް 2021 | ބުރާސްފަތި 18:54
ކިމް އާމީން އިލް ސަން
ނޯތު މޯލްޑިވްސް ކޮރިޔާ އަކީވެސް ތިކަހަލަ ބަޔަކު ދިރިއުޭ ތަނެއް
4 މާރޗް 2021 | ބުރާސްފަތި 17:49
މާސްޓަރ
އަސްލު ހަޤީގަތަ ކީ ހުރިހާ ލީޑަރުންވެސް ކުރަނީ ހަމައެއް ކަމެއް. މީހުންނަށް އޮޅުވާލުމާއި، އު ކުޅުތައް ބޭނުން ކޮށްގެން ވެރި ކަން ކުރުމާއި ނުފޫޒު ފެތުރުން. މިމީހުންގެ ނުފޫޒު ފަތުރާ މިންވަރާއި، ރައްޔިތުން އެ ގަބޫލު ކުރާ މިންވަރުން އެގެނީ ހަޤީގަތުގައިވެސް މިއީ އާދައިގެ މީހުން ނޫން ކަން.
4 މާރޗް 2021 | ބުރާސްފަތި 14:02
މައްޑު
ވަރަށް ފުރިހަމަ ލިޔުމެއް