ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 13:05
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
އޯއައިސީގެ ސަފީރުންނާ ބައްދަލުކުރެއްވުން
މިނިސްޓަރ ޝާހިދު އޯއައިސީގެ މެމްބަރު ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައިފި
 
1976 ގައި އޯ.އައި.ސީ. އާ ގުޅުނުފަހުން ދިވެހިރާއްޖެއިން އެހެން މެމްބަރު ގައުމުތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި
 
މިނިސްޓަރު ޝާހިދުވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމާ ގުޅޭގޮތުން ވާހަކަދައްކަވާފައި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެމްބަރު ގައުމުތަކުން އދ. ށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ވަރޗުއަލްކޮށް ބުދަ ދުވަހުގެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު، 1976 ގައި އޯ.އައި.ސީ. އާ ގުޅުނުފަހުން ދިވެހިރާއްޖެއިން އެހެން މެމްބަރު ގައުމުތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާއި، އާއްމު ސިއްހަތާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ހުއްޓުުވުމާއި ޓެރަރިޒަމްއާއި އަދި މުސްލިމުންގެ ހައްގުތައް، ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތުކުރުމުގައި، ދިވެހިރާއްޖެއިން މަސައްކަތް ކުރާކަން މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

1969 ގައި އޯ.އައި.ސީ. އުފެދުނު ފަހުން އެ ޖަމިއްޔާއިން މުސްލިމް ގައުމުތައް ގުޅުވައި، 1.5 ބިލިޔަން މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ އެކި މައްސަލަތަކުގައި ވަކާލާތުކުރަމުން އަންނަކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދުވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އދގެ އާއްމު މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި މަލްޓިލޭޓަރަލް ސިސްޓަމް ވަރުގަދަކޮށް، ޤައުމުތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ.

މިދިޔަ ހަފްތާ ބަންދުގައި މިނިސްޓަރ ޝާހިދު ވަނީ ނަން-އެލައިންޑް މޫވްމަންޓްގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ބޮޓްސްވާނާ، ސަޢޫދީ ޢަރަބިއްޔާ، ނޯރވޭގެ ޚާރިޖީ ވަޒީރުންނާ މި ހަފްތާގައި ވަރޗުއަލްކޮށް ބައްދަލުކޮށް މަޝްވަރާކުރައްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް