ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 09:31
މިޔަންމާގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން
މިޔަންމާގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން
ރޮއިޓަރސް
މިޔަންމާގައި ކުރިޔަށްދާ މުޒާހަރާ
މިޔަންމާގައި ކުރިޔަށްދާ މުޒާހަރާ: ލޭއޮހޮރުވުން އެންމެ ބޮޑު ދުވަހަކަށް ބުދަ ދުވަސް، 38 މީހުން މަރާލި
 
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަންމާގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު އަންނަނީ މަގުތަކަށް ނިކުމެ މުޒާހަރާކުރަމުން
 
މިހާތަނަށް އައިއިރު މުޒާހަރާތަކުން 1200 މީހުން ހައްޔަރުކޮށްފައިވޭ
 
އދން ބުނެފައިވަނީ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 50ށް އަރާފައިވާކަމަށް

މިޔަންމާގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކުގެ ތެރޭގައި ބުދަ ދުވަހު ސަލާމަތީ ބާރުތަކުން މުޒާހަރާކުރަމުން ދިޔަ މީހުންގެ ގަޔަށް ބަޑިޖަހާ 38 މީހުން މަރާލައިފިއެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަންމާގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު އަންނަނީ މަގުތަކަށް ނިކުމެ މުޒާހަރާކުރަމުންނެވެ. މިޔަންމާގެ ޑިމޮކްރަޓިކް ލީޑަރު އަން ސަން ސޫޗީގެ ސަރުކާރު ވައްޓާލައި އެ ޤައުމުގެ ސިފައިން ގެނައި ބަޣާވާތާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ސަލާމަތީ ބާރުތަކުން އަންނަނީ ޓިއަރ ގޭހާއި ސްޓަން ގްރެނައިޑާ އެހެނިހެން ތަކެތި ބޭނުންކުރަމުންނެވެ.

މިޔަންމާގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން އދ.ން ބުނެފައިވަނީ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 50ށް އަރާފައިވާކަމަށެވެ. އެހެންނަމަވެސް މުޒާހަރާތައް ރާވާ ހިންގަމުންދާ އެކްޓިވިސްޓުން ބުނާގޮތުގައި އަދަދުތައް އެއަށްވުރެ އިތުރުވާނެއެވެ.

އދ. ގެ ސްޕެޝަލް އެންވޯރީ ކްރިސްޓިން ޝްރެނަރ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ބުދަ ދުވަހަކީ މުޒާހަރާތައް ފެށި ފަހުން އެންމެ ލޭއޮހޮރުވުންތައް ބޮޑު ދުވަސްކަމަށެވެ. މިހާތަނަށް އައިއިރު މުޒާހަރާތަކުން 1200 މީހުން ހައްޔަރުކޮށްފައިވާއިރު އެމީހުން ހައްޔަރުކޮށްގެން ބައިތިއްބާފައި ތިބީ ކޮންތަންތަނެއްގައި ކަމެއް އެމީހުންގެ އާއިލާތަކަށް ވެސް ނޭނގޭ ކަމަށް ކްރިސްޓިން ވިދާޅުވިއެވެ.

މިހަމަނުޖެހުންތައް ވީއެންމެ އަވަހަކަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި އެކަމަށްޓަކައި ބައިނަލްއަގްވާމީ ޖަމާޢަތްތަކާއި ގައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ކްރިސްޓިން ވިދާޅުވިއެވެ. އަދި ގައުމުތަކުން މިކަމާމެދު ގޮތްތަކެއް ނިންމަންޖެހޭކަމަށް ކްރިސްޓިން ވިދާޅުވިއެވެ.

މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަމުންދަނީ ހައްޔަރުކޮށްފައިވާ ލީޑަރުން މިނިވަންކުރުމަށެވެ. އޭގެތެރޭގައި މިޔަންމާގެ ޑިމޮކްރަޓިކް ލީޑަރު އަން ސަން ސޫޗީ ހިމެނެއެވެ.

ކްރިސްޓިން ވިދާޅުވީ މިޔަންމާގެ އަސްކަރީ ފަރާތްތަކާއެކު ކުރިޔަށްދާ މަޝްވަރާތަކުގައި އދ. ގެ ސެކިޔުރިޓީ ކައުންސިލާއި ގައުމުތަކުން އަސްކަރިއްޔާ އާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދެއްވާފައިވާނެކަމަށެވެ. އޭގެ ޖަވާބަކަށް އަސްކަރިއްޔާއިން ބުނީ މިއީ މީގެކުރިން ވެސް ހިނގާފައިވާ ކަންކަމަށާއި އަދި މިކަންކަމުން އަރައިގަނެފައިވާ ކަންކަމަށެވެ. އެހެންކަމުން މިފަހަރުވެސް އެގޮތަށް އެކަން ހިނގާނެކަމަށް އަސްކަރިއްޔާއިން ބުނެފައިވާކަމަށް ކްރިސްޓިން ވިދާޅުވިއެވެ.

އަދި މިކަންތައްތަކާއެކު އަސްކަރިއްޔާއިން ދުނިޔޭގައި ބާކީވެގެން ދާނެކަމަށް ވިދާޅުވުމުން އަސްކަރިއްޔާއިން ބުނެފައިވަނީ މަދު ރަހުމަތްތެރިންނާއެކު ކުރިޔަށްދާން ދަސްކުރަންޖެހޭ ކަމަށް ކްރިސްޓިން ވިދާޅުވިއެވެ.

މިޔަންމާގެ ހާލަތާ ގުޅޭގޮތުން އދ ގެ ސެކިޔުރިޓީ ކައުންސިލުން ހުކުރު ދުވަހު ޑިޕްލޮމެޓުންނާއެކު ބައްދަލުވުމެއް ބާއްވާނެއެވެ.

ބުދަ ދުވަހު ކުރިޔަށްދިޔަ މުޒާހަރާތަކުގައި 38 މީހުން މަރާލާފައިވާއިރު މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވަނީ ބުރާސްފަތި ދުވަހު އިތުރު ހިތްވަރަކާއެކު މަގުތަކަށް ނިކުންނާނެކަމަށެވެ. އަދި މުޒާހަރާތަކުގައި ބަޑީގެ އުންޑަޔާއި ކަރުނަ ގޭހާއި ކުރިމަތިލާންޖެހޭކަން އެނގޭކަމަށާއި އަދި މަރުވެގެން ހިނގައިދާނެކަން ވެސް އެނގޭކަމަށް އެމީހުން ބުނެއެވެ. އެހެންނަމަވެސް އެމީހުން ބުނެފައިވަނީ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ތިބުމަށްވުރެ މި ނުރައްކާތެރި މަގު އިހުތިޔާރުކުރުން މާރަނގަޅުކަމަށެވެ.

އަދި އަސްކަރިއްޔާގެ ބާރު ކަނޑުވާލެވެންދެން މުޒާހަރާތައް ކުރިޔަށް ގެންދާނެކަމަށް އެމީހުން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
75%
0%
25%
0%
0%
ކޮމެންޓް