ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 08:49
މިސްޓަރ މޯލްޑިވްސް ޕްރީޝޯއަށް ބީބީއޭއެމްގެ ނައިބު ރައީސް އަޙްމަދު އައިމަން ދެއްވި އިންޓަވިއުގެ ތެރެއިން
މިސްޓަރ މޯލްޑިވްސް ޕްރީޝޯއަށް ބީބީއޭއެމްގެ ނައިބު ރައީސް އަޙްމަދު އައިމަން ދެއްވި އިންޓަވިއުގެ ތެރެއިން
ހުސައިން ފަރިޔާޒް
މިސްޓަރ މޯލްޑިވްސް
ޗެމްޕިއަނުންގެ ފެންވަރު ދައްކާލަން މި ފަހަރުގެ މިސްޓަރ މޯލްޑިވްސްއަކީ ރަނގަޅު ފުރުސަތެއް: އައިމަން
 
މި ފަހަރުގެ މުބާރާތުގައި މުޅިން އަލަށް ގިނަ ބޮޑީބިލްޑަރުން ވާދަކުރާނެ
 
މުބާރާތުގައި ބައިވެރިވުމުގެ ފަހު ފުރުސަތަކީ މި މަހުގެ 20 ވަނަ ދުވަސް

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ބޮޑީބިލްޑިންގ މުބާރާތް ކަމަށްވާ ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް (މިސްޓަރ މޯލްޑިވްސް)  ގައި މީގެ ކުރިން ވާދަކޮށްފައިވާ ޗެމްޕިއަނުން، މި ފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ބީބީއޭއެމްގެ ނައިބު ރައީސް އަޙްމަދު އައިމަން ގޮވާލައްވައިފިއެވެ.

މިސްޓަރ މޯލްޑިވްސްއަށް ހާއްސަކޮށްގެން ރާއްޖެޓީވީން ގެނެސްދޭ މިސްޓަރ މޯލްޑިވްސް ޕްރީޝޯއަށް ދެއްވި އިންޓަވިއުއެއްގައި އައިމަން ވިދާޅުވީ މި ފަހަރުގެ މުބާރާތަކީ ވަރަށް ގިނަ އައު ކުދިން ފެނިގެންދާނެ މުބާރާތެއް ކަމަށާއި، އެހެން ކަމުން ކުރީގެ ޗެމްޕިއަނުން އައު ކުދިންނަށް ފެނިގެންދިޔުމަކީ މި މުބާރާތަށްވެސް އަދި ބޮޑީބިލްޑަރުންނަށްވެސް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ.

އަދި މިސްޓަރ މޯލްޑިވްސް ޓްރޮފީއެއް ނެގެނީ ވަރަށް މަސައްކަތުން ކަމަށާއި، އެކަމަށް ނިޔަތްގަނެ ގިނަ ކަންތައްތަކެއް ކުރަންޖެހޭއިރު، އަލަށް ނުކުންނަ ބޮޑީބިލްޑަރުންނަށް، ކުރީގެ މިސްޓަރ މޯލްޑިވްސް ހޯދާފައިވާ ބޮޑީބިލްޑަރުން ސްޓޭޖުގައި ވާދަކޮށްލާތަން ފެނި، އެ ކުދިންނާ ވާދަކުރުމަކީ މުބާރާތަށްވެސް ލިބިގެންދާ ކުރިއެރުމަކަށް ވެގެންދާނެ ކަމަށް އައިމަން ވިދާޅުވިއެވެ. އަދި ކުރީގެ މިސްޓަރ މޯލްޑިވްސް ނަގާފައިވާ ބޮޑީބިލްޑަރުންގެ މިހާރުގެ ކެޕޭސިޓީއަކީ ކޮބައިތޯ އައު ބޮޑީބިލްޑަރުންނަށް ދައްކާލަން މިފަހަރުގެ މުބާރާތަކީ އެންމެ ރަނގަޅު އެއް ފުރުސަތު ކަމަށްވެސް އައިމަން ވިދާޅުވިއެވެ.

ކުރީގައި ވާދަކޮށްފައިވާ މިސްޓަރ މޯލްޑިވްސްގެ ހުރިހާ ޗެމްޕިއަނުން މުބާރާތްތަކުގައި ވާދަކުރަން ޖެހޭ. މިސްޓަރ މޯލްޑިވްސްގެ ޗެމްޕިއަނުންގެ މިހާރުގެ ސްޓްރެންތު އައު ކުދިންނަށް ދައްކާލަންޖެހޭ. އައު ކުދިންނާ އަދިވެސް އެ މީހުންނަށް ވާދަކުރެވޭނެކަން އެބަޖެހޭ ޗެމްޕިއަނުން ދައްކާލަން. މި ޗެލެންޖް ޗެމްޕިއަނުން ނަގާނެ ކަމަށް އުންމީދުކުރަން.
ބީބީއޭއެމްގެ ނައިބު ރައީސް އަޙްމަދު އައިމަން
މިސްޓަރ މޯލްޑިވްސްގައި ވާދަކުރާ ބޮޑީބިލްޑަރަކު ތައްޔާރުވަނިކޮށް - ހުސައިން ފަރިޔާޒް

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ގިނަ ދަތިތަކެއް ހުރި ނަމަވެސް، މި ފަހަރުގެ މުބާރާތަކީ ފޯރިގަދަ މުބާރާތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި މުބާރާތުގައި ގިނަ ބޮޑީބިލްޑަރުން ވާދަކުރާނެ ކަމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ބުނެއެވެ.

މި ހިނގާ މާޗު މަހުގެ 26 ވަނަ ދުވަހު މިސްޓަރ މޯލްޑިވްސް ބާއްވާއިރު، މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 20 ވަނަ ދުވަހެވެ.

މި ފަހަރުގެ މުބާރާތުގައި ބޮޑީބިލްޑިންގ ކެޓަގަރީގެ އިތުރުން ފިޒީކްސް ކެޓަގަރީ އާއި އެތުލެޓިކްސް ފިޒީކްސް ކެޓަގަރީ ހިމެނޭނެ ކަމަށާއި، މީގެ އިތުރުން އިތުރު ކެޓަގަރީތަކެއް ފެނުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ބީބީއޭއެމްއިން ބާއްވަމުން އަންނަ މިސްޓަރ މޯލްޑިވްސްގެ އެކްސްކުލޫސިވް ރައިޓްސް ކުރިއަށް އޮތް ތިން އަހަރަށް ރާއްޖެޓީވީއަށް ދީފައިވާއިރު، މި އެއްބަސްވުމުގެ ދަށުން މިސްޓަރ މޯލްޑިވްސް ޕްރޮމޯޓްކުރުމަށް މުބާރާތުގެ ބޮޑީބިލްޑަރުންނާއެކު ރާއްޖެޓީވީން މަސައްކަތްކުރާނެއެވެ. އަދި އެ މުބާރާތަށް ހާއްސަކޮށްގެން ޕްރީ-ޝޯތަކެއް އަންނަނީ ތައްޔާރުކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
100%
0%
0%
0%
0%
0%
ކޮމެންޓް