ކ. މާލެ
|
3 މާރޗް 2021 | ބުދަ 22:54
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި
ރައްޔިތުންގެ މަޖިލިސް
ލޯކަލް ކައުންސިލްގެ އިންތިޚާބު
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބުކުރިޔަށް ގެންދިޔުމަށް 94 މިލިއަން ރުފިޔާ ބޭނުންވޭ، ބަޖެޓް ނުލިބި އިންތިޚާބު ނުބޭއްވޭނެ
 
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ކުރިޔަށް ގެންދިޔުމަށް 42.8 މިލިއަން ރުފިޔާ ބޭނުންވޭ
 
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ފާސްކޮށްފައިވަނީ 51.1 މިލިއަން ރުފިޔާގެ ބަޖެޓެއް

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އިންތިޚާބު ބާއްވަންޖެހެނީ ކޮވިޑް-19ގެ ހާލަތުގައި ކަމަށްވުމާއެކު އިންތިޚާބުގެ އެންމެހާ ކަންކަން ކުރިޔަށް ގެންދަން ޖެހިފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށެވެ. ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވާނަމަ އިތުރު ފައިސާ ބޭނުންވެއެވެ. ރައްޔިތުންގެ މަޖިލީހުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ފާސްކޮށްފައިވަނީ 51.1 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ކުރިޔަށް ގެންދިޔުމަށް 42.8 މިލިއަން ރުފިޔާ ބޭނުންވެއެވެ. އެހެންކަމުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އަށް 94 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވެއެވެ.

އިންތިޚާބާއި ގުޅިގެން އީސީން ބޭނުންވާ ބަޖެޓް ނުލިބޭނަމަ އިންތިޚާބު ބޭއްވެން ނެތްކަމަށް އީސީން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގާފައެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވަނީ އީސީ އާ ބައްދަލުކޮށް މިކަންކަމުގެ ތަފުސީލުތައް ސާފުކުރައްވާފައެވެ. އެކަމަށްޓަކައި ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުއާއި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ބޮޑު ބަޖެޓެއް ބޭނުންވާ ސަބަބުތައް ކަމަށް ކޮމިޓީގައި ކޮމިޝަންގެ މެމްބަރުން ފާހަގަކުރައްވާފައިވާ ކަންތައްތަކަކީ:

ވޯޓު ފޮއްޓާއި އޮފިޝަލުން އިތުރުވުން:

ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި 135 ވޯޓުލާ މަރުކަޒު އިތުރުވާކަމަށެވެ. އަދި އޮފިޝަލުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެދާނެކަމަށާއި ކަރަންޓީނަށް ދާންޖެހިދާނެކަމަށް ބަލާ އިތުރަށް 2300 އޮފިޝަލުން ނަގަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

އަނެއްކޮޅުން ކޮވިޑުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މާސްކާއި، ފޭސް ޝީލްޑާއި ސެނެޓައިޒަރ ފަދަ ތަކެއްޗަކީވެސް އިތުރުވާ ފައިސާއެވެ.

ގައިދުރުކަމާއެކު ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި ވޯޓުލާ މަރުކަޒުތައް އިތުރުކުރަންޖެހިފައިވާއިރު މާލެ ސަރަހައްދުގައި 68 މަރުކަޒެއް ވޯޓުލުމަށްޓަކައި އިތުރަށް ހޯދަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. ވޯޓުލުމަށްޓަކައި ސްކޫލްތަކާއި، ކޮލެޖް ޔުނިވަރސިޓީތައް އަދި ސަރުކާރުގެ އޮފީސްތައް ބޭނުންކުރާއިރު ބޭނުންވާ މިންވަރަށް ވޯޓުލާ މަރުކަޒުތައް ނުލިބުމުން އީސީން ނިންމާފައިވަނީ ހެންވޭރު ދަނޑާއި މާފަންނު ޓަރފް ދަނޑުގައި ޓެންޓްތަކެއް ޖެހުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށްޓަކައިވެސް ފައިސާ ޚަރަދުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑާއި ގުޅިގެން ކުރީގެ އިންތިޚާބުތަކުގައި ރިސޯޓްތަކުގެ މުވައްޒަފުންނަށް ރަށްރަށަށްގޮސްގެން ވޯޓުލުމުގެ ފުރުސަތު ލިބުނުނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެފުރުސަތެއް ނެތެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި 135 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އެދިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. ކުރިން ކޮވިޑާއި ގުޅިގެން އިންތިޚާބު ފަސްކުރިފަހަރު ވޯޓު ފޮށި ބެހެއްޓުމަށް އެދިފައިވަނީ 25 ރިސޯޓުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑާއި ރޯދަމަހާއެކު އޮފިޝަލުންނަށްދޭ އެލަވަންސް އިތުރުވުން:

މިފަހަރުގެ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި 7000 އާއި 8000 އާ ދެމެދުގެ އަދަދަކަށް ހަރަކާތްތެރި ވާންޖެހޭނެކަމަށް އަންދާޒާކުރެވޭކަމަށް ޝަރީފް ވިދާޅުވިއެވެ. އިންތިޚާބު އޮންނަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އޭގެ ދެދުވަސް ފަހުން އަންނަނީ ރަމަޟާން މަހެވެ. އެހެންކަމުން ރޯދަ މަހުގެ އެލަވަންސް ހުރިހާ އޮފިޝަލުންނަށް ކަހަލަ ގޮތަކަށް ދޭންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

އަނެއްކޮޅުން ކޮވިޑް ތެރޭގައި މަސައްކަތްކުރަންޖެހުމާއެކު ފްރަންޓްލައިން އެލަވަންސްގެ ގޮތުގައިވެސް ބައެއް އޮފިޝަލުންނަށް އެލަވަންސްތަކެއް ކަނޑައަޅަންޖެހެއެވެ. މިހުރިހާ ކަމަކަށް ބަލާއިރު އޮފިޝަލުންނަށް ހޭދަކުރަންޖެހޭ ޚަރަދު މިފަހަރުގެ އިންތިޚާބުގައި އިތުރު ވެގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

އޮފިޝަލުން ތަމްރީނުކުރުމަށް އިތުރު ޚަރަދުތަކެއް:

އީސިން އިންތިޚާބު ބޭއްވުމަށް އިތުރު ފައިސާ ބޭނުންވާކަމަށް ހާމަކުރުމުން ކޮމިޓީގެ މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއްކަމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަންކަން ޚަރަދު ކުޑަނުކުރެވޭނެތޯއެވެ. މިސާލަކަށް ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ ކަންކަން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމުގެ ކަންކަން ކުރިޔަށް ނުގެންދެވޭނެތޯ އެއީ މެމްބަރުން އެއްސެވި ސުވާލެކެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ މިފަހަރުގެ އިންތިޚާބު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ އޮޅުން ބޮޅުން ބޮޑުވެގެންދާނެ އިންތިޚާބަށްކަމަށެވެ. އެއީ އެއް އިންތިޚާބުގެ ބަދަލުގައި ދެ އިންތިޚާބެއް އަލަށް ތަޖުރިބާ ކުރަންޖެހުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާއިރު ވޯޓު ކަރުދާސްވެސް ބައްޓަންވެގެންދަނީ އެގޮތަށެވެ.

ޝަރީފް ވިދާޅުވީ އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި އޮޅުންއަރާ މިންވަރު އިތުރުވާނެކަމަށެވެ. އެހެންނަމަވެސް އޮންލައިންކޮށް ބަޔަކަށް ކިޔައިދީގެން ޑަމީ އިންތިޚާބެއް ބާއްވައިފިކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތަށް ބޭއްވިއިރު އާދައިގެ ފޮއްޓެއްގެ ވޯޓު ގުނުމަށް 12 ގަޑިއިރު ހޭދަވިކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މީހުން ގެނެސްގެން ޓްރެއިންކޮށްގެން ކުރިޔަށް ގެންދިޔަ ވޯޓު ގުނުމުގައި އޭގެ ދެގުނަ ވަގުތު ދަށްވިކަމަށް ޝަރީފް ވިދާޅުވިއެވެ.

ވޯޓުލާ ނިމުނީމާ އިންތިޒާރުކުރާނީ ނަތީޖާއަށް. އެހެންވީމާ ނަތީޖާ ފާޅުކުރުމުގެ ލަސްވާ ކޮންމެ ލަސްވުމަކީ އާންމު ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދޭނެ ކަންތައްތައް. އެހެންވީމާ ޓްރެއިނިން އޮންލައިންކޮށް ކުރިޔަށް ގެންގޮސްގެން މިއިންތިޚާބުގައި ބޮޑެތި އޮޅުންތަކެއް އަރާނެކަމަށް ބެލެވޭ. ވަރަށް ބޮޑެތި ނާކާމިޔާބީތައް ދިމާވާނެކަމަށް ބެލެވޭ. ފަސް މެމްބަރުންނަށްވެސް އެގޮތަށް އިއްތިފާގުވެވުނީ
އަހުމަދު ޝަރީފް/ އީސީގެ ރައީސް

އޮފިޝަލުން ތަމްރީނުކުރުމަށް ރަށްތަކަށް ދަތުރުކުރާނަމަ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަންޖެހެއެވެ. އެމީހެއްގެ ގޭގައި ކަރަންޓީނު ނުވެވޭ މީހުންނަށް އެކޮމޮޑޭޝަނާއި ފުޑް އެލަވަންސް ހަމަޖައްސަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން ބޭރު ގައުމުތަކަށްދާ އޮފިޝަލުންވެސް 20 ދުވަހުގެ މުއްދަތެއް ކަރަންޓީނުގައި ހޭދަކުރަންޖެހޭއިރު އެއީވެސް އިތުރަށް ޚަރަދުވާ ފައިސާކަމަށް ކޮމިޝަނުން ފާހަގަކުރިއެވެ.

ސްޕްރީމް ކޯޓުގެ ގައިޑްލައިން:

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ސްޕްރީމް ކޯޓުން އީސީގެ މައްޗަށް އަމަލުކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިންގެ ސަބަބުންވެސް އީސީއަށް ޚަރަދުކުޑަކޮށް އިންތިޚާބު ބޭއްވުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ޕެންޑަމިކާ ގުޅިގެން ރީރަޖިސްޓްރީވުމަށް އޮންލައިންކޮށް ހުޅުވާލުމަށް މަސައްކަތްތަކެއް ކުރެވުނުނަމަވެސް ސްޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ފޯމުތަކުގައި ފިންގަރ ޕްރިންޓް ޖަހަން ޖެހޭތީ އެކަން ކުރެވެން ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޕްރީމްކޯޓުގެ ގައިޑްލައިން މުރާޖާކުރަން އެދިފައިވާނެ. ޖަވާބު އައީ ހުކުމެކޭ އެއީ. ހުކުމެއް އުވާ ނުލެވޭނޭ. ވަކިކަންތައްތަކެއް ކުރުމަށް އޭގައި އީސީގެ މައްޗަށް ލާޒިމްކޮށްފައިވޭ. ސުޕްރީމްކޯޓުގެ ހުކުމާއި ގުޅިގެން ޤާނޫނީ އުނދަގޫތަކެއް އެބަހުރި. މީގެއިތުރުން އެޗްޕީއޭގެ ގައިޑްލައިނާ ގުޅިގެން ދިމާވާ އުނދަގޫތަކެއްވެސް އެބަހުރި.
އަހުމަދު ޝަރީފް/ އީސީގެ ރައީސް

ކޮންމެއަކަސް ކުރިޔަށް އޮތް ކައުންސިލް އިންތިޚާބު ބޭއްވުމަށް އީސީން ބޭނުންވާ އަދަދަށް ފައިސާ ނުލިބޭނަމަ އިންތިޚާބު ނުބޭއްވޭނެކަމަށް އީސީން އަންނަނީ ބުނަމުންނެވެ. އަދި ހުރިހާ ޚަރަދެއް ކުރާ ފަހުން އެއްވެސް ސަބަބެއް ދިމާވެގެން އިންތިޚާބު ފަސްވެއްޖެނަމަ ކުރިން ކުރި ޚަރަދު ދެވަނަ ފަހަރަށް ކުރަންޖެހޭނެ ކަމުގެ ބިރު އެބައޮތެވެ. އެހެންކަމުން އިންތިޚާބާއި ގުޅުންހުރި ޚަރަދުތަކާއި ގުޅޭކަންކަމަކީ ބޭކާރުގޮތުގައި ހޭދަވެގެންނުދާނެ ފައިސާކަމުގައި ޔަގީންކުރުމަކީވެސް އެހާމެ މުހިންމު ކަމަކަށް މިވަނީ ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
29%
14%
14%
0%
29%
14%
ކޮމެންޓް