ކ. މާލެ
|
3 މާރޗް 2021 | ބުދަ 18:08
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން
ގެޓީ އިމޭޖަސް
ރެއާލުން ވަރާން ވިއްކާލުން
ޔުނައިޓެޑަށް ވަރާން ވިއްކާލަން ރެއާލް ތައްޔާރު
 
ރެއާލް ދޫކޮށްލައި އައު ތަޖުރިބާއެއް ކުރުމަށް ވަރާން ބޭނުންވޭ
 
ވަރާން ހޯދުމަށް ޔުނައިޓެޑުން 100 މިލިޔަން ޕައުންޑް ޚަރަދުކުރާނެ

ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ރެއާލް މެޑްރިޑް އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފްރާންސްގެ ލެންސްއިން ކެރިއަރު ފެށި ވަރާން ރެއާލާ ގުޅުނީ 2011 ވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރު އޭނާ ވަނީ ރެއާލުގެ އެއްބަސްވުން 2022 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަން ނިމުމުން ރެއާލް ދޫކޮށްލަން އުމުރުން 27 އަހަރުގެ ވަރާން ބޭނުންވެއެވެ. އަދި ރެއާލް ދޫކޮށްލަން ވަރާން ބޭނުންވަނީ ކެރިއަރުގައި އައު ތަޖުރިބާއެއް ކުރުމަށް ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ރެއާލް ދޫކޮށްލަން ވަރާން ބޭނުންވާތީ، މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ވިއްކާލަށް ރެއާލަށް މަޖުބޫރުވެއެވެ. އެއީ މި ޓްރާންސްފާގައި އޭނާ ވިއްކާނުލެވިއްޖެނަމަ، އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގެ ދަށުން ވަރާނަށް ކުލަބު ބަދަލުކުރުމުގެ ފުރުސަތު އޮތުމުންނެވެ. އެހެންކަމުން ވަރާން ހޯދަން މަސައްކަތްކުރަމުން އަންނަ ކުލަބުތަކުގެ ތެރެއިން ޔުނައިޓެޑަށް ވަރާން ވިއްކާލަން ރެއާލް އޮތީ ތައްޔާރަށް ކަމަށާއި، ވަރާން ގަތުމަށް ޔުނައިޓެޑުން 100 މިލިޔަން ޕައުންޑް ޚަރަދުކުރާނެ ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ރެއާލް ދޫކޮށްލަން ވަރާން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނިއިރު، މިހާތަނަށް އޭނާ ވަނީ ރެއާލަށް 351 މެޗު ކުޅެދީ، 17 ލަނޑު ޖަހާދީފައެވެ. އަދި ވަނީ އެ ޓީމާއެކު ސްޕެނިޝް ލީގު ތިން ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް 71 މެޗު ކުޅެދީފައިވާ ވަރާނަކީ އެ ގައުމުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ.

މި ސީޒަން ނިމުމުން ވަރާން ރެއާލް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، އެ ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސްވެސް މި ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. އެގޮތުން ރެއާލާއެކު ރާމޯސް ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާއިރު، ދާދި ފަހުން އެ ކުލަބުން ހުށަހެޅި އައު އެއްބަސްވުމަށް ރާމޯސް ވަނީ ދެކޮޅުހަދާފައެވެ. އެއާއެކު ރާމޯސް ހޯދުމަށްވެސް ޔުނައިޓެޑުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
11%
44%
11%
11%
11%
11%
ކޮމެންޓް