ކ. މާލެ
|
3 މާރޗް 2021 | ބުދަ 17:32
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު
އެމްއޯސީ
އޮލިމްޕިކްސްއަށް ދުވުންތެރިން ޝޯޓްލިސްޓުކުރުން
އޮލިމްޕިކްސްއަށް ރާއްޖޭން ހަ ދުވުންތެރިއަކު ޝޯޓްލިސްޓުކޮށްފި
 
ޝޯޓްލިސްޓުކުރީ ފިރިހެން ތިން ދުވުންތެރިންނާއި އަންހެން ތިން ދުވުންތެރިން
 
އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ އެންމެ ދުވުންތެރިއަކަށް

މި އަހަރުގެ ޖުލައި މަހު ބާއްވާ ޓޯކިއޯ އޮލިމްޕިކް ގޭމްސްގައި ވާދަކުރަން ރާއްޖޭން ހަ ދުވުންތެރިއަކު ޝޯޓްލިސްޓުކޮށްފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޝޯޓްލިސްޓުކުރި ދުވުންތެރިންގެ ތެރޭގައި ހިމެނެނީ ފިރިހެން ތިން ދުވުންތެރިންނާއި އަންހެން ތިން ދުވުންތެރިންނެވެ. އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، އަޙްމަދު ނަޖުދާން އަބްދުﷲ އާއި، އިބާދުﷲ އާދަމާއި، އައިޝަތު ހިމްނާ ހަސަނާއި، އައިޝަތު ޝަބާ ސަލީމް އަދި މަރިޔަމް ރޫޔާ އަލީއެވެ. މީގެ ތެރެއިން ހިމްނާ ނޫން ހުރިހާ ދުވުންތެރިންގެ ނަން ހިމަނާފައިވަނީ 100 މީޓަރުގެ ރޭހުގައެވެ. އަދި ހިމްނާގެ ނަން ހިމަނާފައިވަނީ 400 މީޓަރު ރޭހުގައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވީ މިހާރު އޮތް ގަވާއިދުގެ ދަށުން ޝޯޓްލިސްޓުކުރި ހަ ދުވުންތެރިންގެ ތެރެއިން އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ އެންމެ ދުވުންތެރިއަކަށް ކަމަށެވެ. އެކަމަކު އަންހެން ދުވުންތެރިއަކާއި ފިރިހެން ދުވުންތެރިއަކަށް އެ ފުރުސަތު ހޯދައިދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އޮލިމްޕިކްސްގައި ވާދަކުރަން ރާއްޖޭން ހަ ދުވުންތެރިއަކު ޝޯޓްލިސްޓުކުރިއިރު، މީގެ އެންމެ ފަހުން ބްރެޒިލްގެ ރިއޯގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ވާދަކޮށްފައިވަނީ ސާއިދުގެ އިތުރުން އަންހެން ދުވުންތެރިޔާ އަފާ އިސްމާޢީލެވެ. އެފަހަރު އެ ދެ ދުވުންތެރިންނަށް ފުރުސަތު ލިބުނީ އޮލިމްޕިކްސްއަށް ކޮލިފައިނުވާ ގައުމުތަކަށް ދޭ ހާއްސަ ދެ ޖާގައިގެ ތެރެއިންނެވެ.

އެ ފަހަރުގެ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ވާދަކޮށް ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ވަނީ ޕްރިލިމިނަރީ ބުރުން އެއްވަނަ ހޯދައި، ފުރަތަމަ ބުރުން ޖާގައެއް ހޯދާފައެވެ. އެއާއެކު އޭނާ ވެފައިވަނީ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދިޔަ ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓަށެވެ.

މި އަހަރުގެ ޖުލައި މަހު ޓޯކިއޯ އޮލިމްޕިކްސް ބާއްވާއިރު، މިއީ މިދިޔަ އަހަރުގެ މުބާރާތެވެ. ކޮވިޑް-19 ގެ ސަބަބުން އޮލިމްޕިކްސް މި އަހަރަށް ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމިއިރު، މިދިޔަ އަހަރުގެ އޮލިމްޕިކްސް ޓޯކިއޯގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު ވަނީ މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕިކްސް ބާއްވަން ތާވަލުކޮށްފައެވެ. އަދި ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް