raajjemv logo
އޭ.އެސް/އޭލެވެލް އިމްތިހާނު ބޭއްވުން
މޭ/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭލެވެލް އިމްތިހާނު ކުރިން ތާވަލުކުރިގޮތަށް ބޭއްވުމަށް ނިންމައިފި
 
ސްކޫލްތަކުން ބައިވެރިވާ ދަރިވަރުން 11 މާރޗްގެ ކުރިން ރަޖިސްޓްރީ ވާން ޖެހޭނެކަމަށް ވަނީ އަންގާފައި
 
ޓީޗަރ ބޭސްޑް އެސެސްމަންޓެއް ކުރިއަށްގެންދިއުމަށް ނިންމުމުން، މިކަމަކީ ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެކަމެއްކަން އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ވަކާލާތުކޮށްފައި
 
މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އެއްވެސް ޤައުމެއްގައި މޭ/ޖޫންގެ އޭ.އެސް/އޭލެވެލް އިމްތިހާނު ނުބޭއްވުމަށް ނިންމި
އިސްމާއިލް އާޒިމް
1,442
ކ. މާލެ |
3 މާރޗް 2021 | ބުދަ 12:39
ސީއެޗްއެސްއީ
ސީއެޗްއެސްއީ

މޭ/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭލެވެލް އިމްތިހާނު ކުރިން ތާވަލުކުރިގޮތަށް ބޭއްވުމަށް ނިންމައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރީގެ ތާވަލާ އެއްގޮތައް އޭ.އެސް/އޭލެވެލް އިމްތިހާނު ބާއްވަން ނިންމިއިރު، މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އިނގިރޭސި ވިލާތުގެ ޕިއަރސަންއިން މި އިމްތިޙާނު ނުބާއްވަން ނިންމިކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް، އޭރުވެސް އެސެސްމަންޓް ކުރިއަށްދާނެކަމަށް އޭރު ވަނީ ހާމަކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވަނީ، ރާއްޖޭގައި ބާއްވާނީ އެޑެކްސެލް އިން ދޭ އިމްތިހާނެއް ކަމަށާއި، ސެޓްފިކެޓު ވެސް ދޭނީ އެޑެކްސެލްއިން ކަމަށެވެ. އެގޮތުން ދުނިޔޭގެ ހުރިހާ ޤައުމެއްގައި މި އިމްތިޙާނު ނުބާއްވާ ޓީޗަރ ބޭސްޑް އެސެސްމަންޓެއް ކުރިއަށްގެންދިއުމަށް ނިންމުމުން، މިކަމަކީ ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެކަމެއްކަން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއިން ފާހަގަކުރިކަމަށް ޑެޕިއުޓީ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. މި ސަބަބަށްޓަކައި ރާއްޖޭގައި ކުދިންނަށް ނުފެންނަ ސުވާލު ކަރުދާސް ކުދިންނަށް ފޯރުކޮށްދީގެން އިމްތިޙާނުކުރުމަށް ރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރިކަމަށް ޑެޕިއުޓީ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން އެޑެކްސެލްއާއެކު ބޭއްވި 5 ބައްދަލުވުމަށްފަހު ރާއްޖޭގައި މި އިމްތިޙާނު ބޭއްވުމުގެ ފުރުސަތު އެޑެކްސެލުން ދޭން ނިންމާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. މިގޮތަށް އިމްތިޙާނު ބޭއްވޭނެކަން ޔަޤީންވީ ރޭގެ ވަގުތެއްގައިކަމަށާއި، ރާއްޖެއިން މިފަދަ އިންތިޒާމެއް ހަމަޖެއްސުމުގައި އަދާކުރި ދައުރަށް އެޑެކްސެލުން ޝުކުރުއަދާކުރިކަމަށް ޑެޕިއުޓީ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން 11 މާރޗް 2021ގެ ކުރިން ސްކޫލްތަކުން މިއަހަރުގެ އޭ.އެސް/އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ރަޖިސްޓްރީވާންޖެހޭނެކަމަށް އިހުސާން ވިދާޅުވިއެވެ. އެހެން ފަހަރުތަކާ ޚިލާފަށް ދެ ވަނަ ފަހަރަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭލެވެލް އިމްތިހާނު ކުރިން ތާވަލުކުރިގޮތަށް ބޭއްވުމަށް ނިންމާފައިވާކަން ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާފައިވަނީ، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ. އެޑިއުކޭޝަން މިނިސްޓަރ ވަނީ މި އިމްތިޙާނުގެ ނަތީޖާ ދަރިވަރުންނަށް 10 އޮގަސްޓްގައި ލިބޭނެކަމަށެވެ. ކޮވިޑްގެ ޙާލަތުގައި ވެސް ރާއްޖޭގައި އިމްތިޙާނު ބޭއްވޭނެކަން ރާއްޖެއިން ސާބިތުކޮށްދީފައިވާކަމަށް ވިދާޅުވެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގައިވެސް އޭ.އެސް/އޭލެވެލް ބޭއްވީ ވެސް މި ބަލިމަޑުކަމުގެ ތެރޭގައިކަމަށް ވިދާޅުވެފައެވެ. މި އިމްތިޙާނުގައި ވެސް ޕޮޒިޓިވްވެފައިވާ ކުދިންނާއި ކަރަންޓީންގައި ތިބި ކުދިންނަށް ވެސް ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ދީގެން ކުރިއަށް ގެންދިޔައިރު، ކުދިންގެ ނަތީޖާއިން ބަލިމަޑުކަމުގައި މި އިމްތިޙާނު ބާއްވައިގެން އެއްވެސް ނޭދެވޭ އަސަރެއް ނުފެންނަކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް