ކ. މާލެ
|
2 މާރޗް 2021 | އަންގާރަ 23:54
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
ރާއްޖެ ކާބަން ނިޔުޓްރަލް ގައުމަކަށް ހެދުން
އޭޑީބީން ފަންޑުކޮށްފައިވާ ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަން އެޅުމުގެ މަޝްރޫޢު ކާބަން ނިޔުޓްރަލް ޓާގެޓަށް ވާސިލްވުމަށް ބަދަލުކުރަންޖެހޭ
 
ކޮމިޓީ ރިޕޯޓްގައި ވަނީ މިކަން ދިރާސާކުރިއިރު ކޮމިޓީއަށް ފާހަގަކުރެވުނު ހަ ކަމެއް ފާހަގަކޮށްފައި
 
މިރިޕޯޓް ފާސްކޮށްފައިވަނީ 50 މެމްބަރުންގެ ވޯޓުން

ދިވެހިރާއްޖެއިން 2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލްވުމަށް އަމާޒު ހިފާފައިވާ ދަނޑިވަޅެއްގައި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން ފަންޑުކުުރމަށް ނިންމާ އެކަމާއި ގުޅޭ ހަކަތައިގެ ރޯޑް މެޕްގައި އެކަން ފާހަގަކޮށް އާންމުކޮށްފައިވީނަމަވެސް އެކަމަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ލިކުއިފައިޑް ނެޗްރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޑީބީން ފަންޑުކުރުމާއި ގުޅިގެން އެކަމަކީ ރާއްޖެއިން ކަނޑައެޅި ޓާގެޓަށް ވާސިލުވުމަށް އޮތް ގޮންޖެހުމެއްކަމަށް ބަޔާންކޮށް މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. މިމައްސަލަ ދިރާސާކުރުމަށްފަހު އަންގާރަ ދުވަހު ބޭއްވި ޖަލްސާއަށް ވަނީ ކޮމިޓީ ރިޕޯޓް ހުށަހަޅާފައެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ މިކަން ދިރާސާކުރިއިރު ކޮމިޓީއަށް ފާހަގަކުރެވުނު ހަ ކަމެއް ފާހަގަކޮށްފައެވެ. އެގޮތުން ކާބަން ނިއުޓްރަލްވުމަށް އަމާޒު ހިފާފައިވާ ދަނޑިވަޅެއްގައި ރާއްޖޭގައި މިފަދަ ގޭސް ސްޓޭޝަނެއް އެޅުމަށް އޭޑީބީން ފަންޑުކުރުމަށް ނިންމުމާއި ގުޅިގެން އެކަމަކީ ރާއްޖެއިން ކަނޑައަޅާފައިވާ ކާބަން ނިއުޓްރަލް ލަނޑުދަނޑިއާ ކިހާވަރެއްގެ ގުޅުމެއް އޮތްކަމެއްތޯ އާއި އެކަމުގެ ސަބަބުން އެލަނޑުދަނޑި ހާސިލްކުރުމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން އޮޅުން ފިލުވުމަށް ކަމުގެ ތަޖުރިބާކާރުންގެ އިތުރުން ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލުކުރިކަމަށް ފާހަގަކޮށްފައިވެއެވެ.

މިގޮތުން ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި އޭޑީބީން ރާއްޖެއަށް އަމާޒުކޮށް އެކުލަވާލި "ރޯޑްމެޕް ފޮރ ދަ އެނަރޖީ ސެކްޓަރ 2020-2030" އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއެކު ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމާއި އެކަމާގުޅޭ ރިޕޯޓް ރަސްމީކޮށް ލޯންޗްކުރީ ރައީސުލްޖުމްހޫރިއްޔާ ކާބަން ނިއުޓްރަލް ލަނޑުދަނޑި އިއުލާންކުރެއްވި ފަހުން ކަމުގައި ވިޔަސް، އެރޯޑްމެޕަކީ އޭޑީބީން އޭގެ ކުރިން އާންމު ކޮށްފައިވާ ރިޕޯޓެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ފާހަގަކޮށްފައިވާކަމަށެވެ.

ރާއްޖެއިން 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ޓާގެޓް ރައީސް އިއުލާންކުރެއްވުމާ ގުޅިގެން އެ ޓާގެޓް ހާސިލްވާނެ ގޮތަށް ރިޕޯޓަށް ބަދަލު ގެނައުމަށް އޭޑީބީގައި އެންވަޔަރަންމަންޓް މިނިސްޓްރީން އެދުނުކަމާއި އެގޮތަށް އެރިޕޯޓް ބަދަލުކުރަންވާނެކަމަށް ރިޕޯޓް ލޯންޗުކުރި ދުވަހުވެސް އޭޑީބީން މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ.

މީގެއިތުރުން އެރިޕޯޓަކީ ރާއްޖޭގެ ނަމުގައި އޭޑީބީން ލޯންޗުކުރި ރިޕޯޓެއް ނަމަވެސް އެއީ މިނިސްޓްރީން އެންޑޯޒްކޮށްފައިވާ ރިޕޯޓެއް ނޫންކަމަށާއި އެރިޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އޭޑީބީ އާ ގުޅިގެން މިނިސްޓްރީން ކުރަމުންދާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން އޭޑީބީން އެކުލަވާލައި އާންމުކުރި ރިޕޯޓް އެކުލަވާލީ ސަރުކާރާއި ކަމާގުޅޭ ގިނަ ފަރާތްތަކާއި މަޝްވަރާކޮށްގެންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ފާހަގަކޮށްފައިވީނަމަވެސް އެފަދަ ކަމަކާ އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާކުރެއްވިކަން އެނގެން ނެތްކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި ރާއްޖެ ކާބަން ނިއުޓްރަލްވުމަށް އަމާޒު ހިފާފައިވާ މިދަނޑިވަޅުގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް މިހާ ބޮޑު އަދަދެއް އިންވެސްޓްކުރުމަކީ އެއީ އޭގެ ސަބަބުން ރާއްޖެއިން ކަނޑައެޅި ޓާގެޓް ހާސިލްކުރަން ހުރަހަކަށް ވެދާނެކަމެއް ކަމަށާއި އޭގެ ބަދަލުގައި އެ ފައިސާ އިންވެސްޓްކުރަންވީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ފާހަގަކުރިކަމަށް ރިޕޯޓްގައިވެއެވެ.

ލިކުއިފައިޑް ނެޗުރަލް ގޭހަކީ ތިމާވެށީގެ ގޮތުގެ އިތުރުން އިގްތިޞާދީ ގޮތުންނާއި އެނަރޖީ ސެކިއުރިޓީގެ ގޮތުން ބެލިއަސް ގެއްލުންބޮޑު އެއްޗެއްކަމަށް ކަމާބެހޭ ތަޖުރިބާކާރުން ފާހަގަކުރިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އަދި ކާބަން ނިއުޓްރަލް ޓާގެޓް ރާއްޖެއިން އިއުލާންކުރުމާއި ގުޅިގެން އެ ޓާގެޓް ހާސިލުކުރުމަށް އެ ރޯޑްމެޕަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިޔަށްދާކަމާއި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަން އެޅުމަށް އެރޯޑް މެޕްގައި ހިމަނާފައި އޮތް އޮތުން ބަދަލުކޮށް 2030ށް ރާއްޖެއިން ކަނޑައަޅާފައިވާ ނެޓްޒީރޯ ޓާގެޓް ހާސިލުވާނެ ފަދައަކުން ނޫނީ އެއްވެސް މަސައްކަތެއް ނުކުރާނެކަމުގެ ޔަގީންކަން އެންވަޔަރަންމަންޓް މިނިސްޓްރީން ކޮމިޓީއަށް ދީފައިވާކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މިކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމު ވިދާޅުވީ މިއުޅެނީ ރާއްޖޭގައި މިހާރު ކަރަންޓް އުފައްދާ ޖަނަރޭޓަރުތައް ރެޓްޓްރޮފިޓްކޮށްގެން ޑީސަލްގެ ބަދަލުގައި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އެއީ ޕްރައިމަރީ ފިއުލް ސޯސްކަމަށް ހެދުމަށްކަމަށެވެ. މިގޮތަށް ޖަނަރޭޓަރުތައް ބަދަލުކޮށް ޑީސަލް ފިއުލްގެ ބަދަލުގައި އެލްއެންޖީ ބޭނުންކުރަން ފެށުމަކީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށް ސަލީމު ވިދާޅުވިއެވެ. އަދި މިކަމުގައި ލިބޭނެ ފައިދާތަކެއްވެސް އެބަހުރިކަމަށް ސަލީމު ވިދާޅުވިއެވެ.

އެގޮތުން ޑީސަލަށްވުރެ އެލްޖީއެން ގައި ދުނިޔޭގެ ބާޒާރުގައި އަގަށް އަންނަ ބަދަލުތައް ފަސޭހައިން ދެނެގަނެވޭކަމަށް ވިދާޅުވިއެވެ.

މީގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ މީގައި ސޭފްޓީ ހެޒަރޑްތަކަށްވެސް. ޑީސަލަކީ އެލްއެންޖީ އާ އަޅާބަލާއިރު ނިސްބަތުން ވަރަށް ބޮޑަށް ސޭފް އެއްޗެއް ބޭނުންކުރުމުގައި. ހެޒަރޑްތަކަށް މަގު ވަރަށް ބޮޑަށް ހަނި އެއްޗެއް އެލްޖީއެންއަކީ، މިދަންނަވާހެން ޑީސަލް އަކީ އެލްއެންޖީ އާ އަޅާބަލާއިރު. އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާ ގޮތުގައި އެލްއެންޖީގެ ޔުނިޓަކާއި އަދި ޑީސަލްގެ ޔުނިޓަކާއި އެއިން ހަކަތަ އުފައްދާ ނިސްބަތަށް ބަލާއިރުވެސް އެލްއެންޖީ އުޅެނީ ދަށުގައި. ނިސްބަތުން އުޅެނީ ދަށުގައި ޑީސަލާ އަޅާބަލާއިރު. އެހެންވީމާ ހަކަތަ އުފެއްދޭ ނިސްބަތުން ޔުނިޓަކަށް ބަލައިފިއްޔާ އެލްއެންޖީ ޑީސަލަށްވުރެ ދަށް. އަނެއްކޮޅުން ގްލޯބަލް ވޯމިން ޕޮޓެންޝަލް ހުރި ގޭސް މާބޮޑަށް އެލްއެންޖީން އެބަ އެމިޓްކުރޭ. ރިސްކުތަކަށް ބަލައިފިއްޔާ އެލްއެންޖީގެ ރިސްކު މާ ހައި. އަނެއްކޮޅުން ރާއްޖޭގެ ހުރިހާ ޖަނަރޭޓަރުތަކެއް ބަދަލުކުރަން މިޖެހެނީ ރެޓްރޮފިޓްކޮށްގެން ބޮޑު އިންވެސްޓަކުން. އެހެންވީމާ، އަޅުގަނޑުމެން މިދަނީ ހަގީގަތުގައި ލެސް އީވިލްއަކުން ގްރޭޓަރ އީވީލް އަކަށް. ކުރުކޮށް ދަންނަވަންޏާ އެހެން މިވަނީ އެނގޭތޯ. މީގައި އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ ދުއިސައްތަ މިލިއަން ޑޮލަރު އިންވެސްޓުކުރަން ހިނގާށޭ ބަރާބަރު ސާފު ރިނިއުބަލް އެނަރޖީއަށް.
ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމު

މިރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެޑައިގެންނެވި 50 މެމްބަރުންގެ ވޯޓުންނެވެ. މިރިޕޯޓަށް ވަކިކޮޅަކަށް ވޯޓު ނުދެއްވާ 2 މެމްބަރުން ތިއްބެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް