raajjemv logo
ރާއްޖޭގައި ހިނގާ އެކްސިޑެންޓުތައް
ކޮންމެ އެކްސިޑެންޓަކުން ވެސް އިބުރަތެއް
 
މިފަދަ ޢަމަލުތައް އިސްލާހްކޮށް ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބައި އަދަބުތަކަށް އިހުތިރާމްކުރުމަކީ މުހިއްމު ކަމެއް
ޝާމާ ޝުއައިބް
38,399
ކ. މާލެ |
1 މާރޗް 2021 | ހޯމަ 10:06
ހުޅުމާލޭގައި ހިނގި ކާރު އެކްސިޑެންޓެއް
ޕޮލިސް

ވިސްލާނުލާ ކުރެވޭ ކުޑަކުޑަ ކަމަކުން ވެސް މުޅި އުމުރު ދުވަހު ހިތާމަކުރަން ޖެހޭ ފަހަރު އާދެއެވެ. ބައެއް ފަހަރު ހެދިފައިވާ ގަވައިދާއި ގާނޫނުތަކަށް ފަރުވާކުޑަކުރެވެނީ އޭގެ ސަބަބުން މާބޮޑު ކަމެއް ވެދާނެ ކަމަށް ގިނަފަހަރަށް ގަބޫލު ނުކުރެވޭތީއެވެ. ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މިފަދަ ކުދިކުދި ކަންކަމުގެ ސަބަބުން އެތައް ބަޔަކަށް ނުރައްކާތެރި އެތައް ކަމެއް، އެތައް ހާދިސާތަކެއް ދިމާވެ، ހިނގާފައިވާކަމެވެ. މިއިން ކޮންމެ ހާދިސާއަކުން ވެސް ގިނަ ބަޔަކަށް ފުން ހިތާމަތަކެއް ކުރިމަތި ކުރުވާ ސިހުން ގެނުވައެވެ. ބައެއް ހާދިސާތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގޮސްފައިވާއިރު މިފަދަ ކޮންމެ ހާދިސާއަކުން ޢިބުރަތެއް ހާސިލްކުރަންޖެއެވެ.

ދާދި ފަހުން ފުވައްމުލަކުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުން ނިޔާވީ އެ އެކްސިޑެންޓުން މުޅި ގައުމު ސިއްސުވާލާފައެވެ. ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ މި ކާރު އެކްސިޑެންޓު ހިނގީ ހޮނިހިރު ދުވަހު ހަވީރު 04:30 ހާއިރު ޏ. ފުވައްމުލަކު ފުނާޑު އަވަށުގެ ނާއިބު ތުއްތު މަގުގައެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން އެކަކު ވަގުތުން ހޮސްޕިޓަލަށް ގެންދެވިފައިވާއިރު، އޭނާ ނިޔާވީ 16:50 ހާއިރުއެވެ. އަދި ކާރު ތެރޭގައި ތާށިވެފައި އިންދައި ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ޒުވާނާ ނިޔާވީ 17:04 ހާއިރުކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. މި ހާދިސާގައި ނިޔާވެފައިވާ އުމުރުން 24 އަހަރު އަހުމަދު މުތީއު އަބްދުލްހަކީމާއި އުމުރުން 19 އަހަރުގެ އަލީ އާމިލްގެ ކުއްލި ވަކިވުން މުޅި ފުވައްމުލަކަށް ވަނީ ހިތާމަވެރިކަން ގެނުވާފައެވެ.

ފުވައްމުލަކަކީ ނުރައްކާތެރި އެކި ހާދިސާތައް ހިނގަމުން އަންނަ ސިޓީއެކެވެ. މަގުމަތީގެ އިތުރުން ވެސް އެހެނިހެން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުން އަންނަ ސިޓީއެވެ. މިފަދަ ހާދިސާތަކަށް ބަލާއިރު ދާދި ފަހުން މާނޭރު ސަރަހައްދުގެ މޫދުގައި ގެނބިގެން ނިޔާވި އަހްމަދު ފައުޒާންގެ ވަކިވުމަކީ ވެސް މުޅި ގައުމަށް ކުއްލި ސިހުމެއް ލިބިގެންދިޔަ ހިތާމަވެރި ހާދިސާއެކެވެ. ފައުޒާން ނިޔާވީ މޫދަށް އެރި އުޅެނިކޮށް ގެނބިގެން އިތުރު ފަރުވާ ދެނިކޮށް ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އިހުޒަމާނުގައި ނެރެއްގެ ގޮތުގައި ފުވައްމުލަކުގައި ބޭނުންކުރަމުން އައި އެ ރަށުގެ "މާނެރެ" ސަރަހައްދަށް އެކުވެރި ހައެއްކަ ކުދިންނާ އެކު މޫދަށް އެރެން ގޮސް އުޅުނު ފައުޒާން ގެނބިގެން މަރުވީ އޭނާ އާ އެކު ދިޔަ އިތުރު ދެ އަންހެން ކުއްޖަކު ގެނބެނިކޮށް ސަލާމާތްކުރުމުގެ ތެރެއިންނެވެ. އޭނާ ގެނބިގެން މަރުވި ނަމަވެސް އަނެއް ދެކުދިން އޭނާ ވަނީ ސަލާމަތްކޮށްދީފައެވެ.

މި ހާދިސާތަކުގެ އިތުރުން ވެސް މަގުމަތީގެ އެކްސިޑެންޓުތަކާއި އެނޫން އިތުރު ނުރައްކާތެރި އެތަކެއް އެކްސިޑެންޓެއް ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންއިރު މާލެ، ހުޅުމާލެ، އައްޑޫ ސިޓީ އަދި ލ. އަތޮޅުގައި ހިނގާ އެކްސިޑެންޓުތަކުގެ ނުރައްކާތެރިކަން ފާހަގަ ކޮށްލެވެއެވެ. މާލެ ސަރަހައްދަށް ބަލާއިރު އެމްޕީއެލްގެ ސަރަހައްދުގައި މިދިއަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ރޭ ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކު ތާށިވެގެން ހިތާމަވެރި ހާދިސާއެއް ހިނގާފައިވެއެވެ. ބިއްލޫރި ޕެލެޓެއް ވެއްޓި ތާށިވެގެން ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް ނ. ލަންދޫއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ޢަބްދުﷲ އާސިމަށް ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.

އޭގެފަހުން، މި ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ދަންވަރު އެމްޕީއެލްގެ މުދާ ކްލިއަރ ކުރާ ސަރަހައްދުން ކާޕެޓްތަކެއް ލޯޑުކުރަން އުޅުމުގެ ތެރޭގައި ކެރޭނުން ކެނޑި، މީހެއްގެ ގައިމައްޗަށް ވެއްޓިފައިވެއެވެ. މިހާދިސާގައި ބޮޑެތި އަނިޔާތަކެއްވެ، ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ ހދ. ނޮޅިވަރަން، ނައިޓް ޑްރީމް، އިމްރާން އަލީ، (28އ) އެވެ. އޭނާ ނިޔާވެފައިވަނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ގެންދިއުމަށް ފަހު، އިތުރު ފަރުވާއަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

މި ހާދިސާތަކުގެ އިތުރުންވެސް މިގައުމުގައި ނުރައްކާތެރި އެތަކެއް ހާދިސާތަކެއް ހިނގާފައިވެއެވެ. މިއިން ކޮންމެ ހާދިސާއަކުން ވެސް އިބުރަތްތަކެއް ހާސިލް ކުރަން ޖެހެއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ އެފަދަ ކަންކަމުން ދުރުހެލިވުމަށް ފަރުދީ ފެންވަރުގައާއި ޖަމާޢަތުގެ ފެންވަރުގައާއި މުއައްސަސާތަކުގެ ފެންވަރުގައި ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއް ކުރެވިދާނެއެވެ. އެކްސިޑެންޓެއްގެ ޝިކާރައަކަށްވެ އަމިއްލަ ފުރާނަ ގެއްލުމުގެ ކުރިން އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބުތަކާމެދު ފުންކޮށް ވިސްނައި އެއަށް ސަމާލުވުމަކީ ކޮންމެހެންވެސް މުހިއްމު ކަމެކެވެ.

ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލު ކަމުގައިވާއިރު އަހަރެއްގެ މައްޗަށް އެތަކެއް ޒުވާނުންނެއް މިފަދަ އެކްސިޑެންޓްތަކުގެ ޝިކާރައަކަށްވެ މިދުނިޔެއާއި ވަކިވާންޖެހޭނަމަ މިއީ ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. ކުރެވޭ ބައެއް އަމަލުތަކުގެ ސަބަބުން އާއިލާތަކެއް ބިކަވެ އެތަކެއް ދަރީންނެއް ޔަތީމުވެގެންދާ އިރު މިއީ އަޅާނުލާ ދޫކޮށްލަންވާ ވަރަށްވުރެ މާ ސީރިއަސް މައްސަލައެކެވެ. އެހެންކަމުން މިފަދަ ޢަމަލުތައް އިސްލާހްކޮށް ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބައި އަދަބުތަކަށް އިހުތިރާމްކުރުމާއެކު އެކްސިޑެންޓުތައް މަދުކުރުކުރުމަށް އިތުރަށް ހަރުދަނާ އަދި ވަރުގަދަ ފިޔަވަޅުތަކެއް އެޅިއްޖެނަމަ ޔަގީނުން ވެސް އެކްސިޑެންޓްތައް އެތައް ގުނައަކަށް މަދުކުރެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
7%
އަންތަރީސް ވެއްޖެ
2%
އުފާ ވެއްޖެ
69%
ދެރަ ވެއްޖެ
6%
ރުޅި ގަދަ ވެއްޖެ
2%
މޮޔަވެއްޖެ
15%
ލިޔުން ރަނގަޅު
ކޮމެންޓް
4 މާރޗް 2021 | ބުރާސްފަތި 18:21
އޭ އާ
ސަޅި އާޓިކަލްއެށް ޝާމާ ޝުއައިބް