ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 10:29
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
މަޖިލިސް
ފްލެޓުތަކާމެދު ކަންކުރި ގޮތް ހާމަކުރުމަށް ގޮވާލައި
1 ކޮޓަރީގެ ފްލެޓުތަކާމެދު ސަރުކާރުން ކަންކުރި ގޮތުގެ ތަފްޞީލް ހާމަކުރުމަށް ގޮވާލައި ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް ފަށައިފި
 
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ތިން ކެޓެގަރީއަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލްކުރުމުން
 
މި މައްސަލަ ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

އިޖްތިމާޢީ ގެދޮރުވެރިކަމަށް ޚާއްޞަކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެޅި 1 ކޮޓަރީގެ ފްލެޓުތަކާމެދު މި ސަރުކާރުންކަންކުރި ގޮތުގެ ތަފްޞީލުހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސް ފަށައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝިޔާމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ވީހާވެސް ގިނަ ބަޔަކަށް އަވަސް މުއްދަތެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ބޮޑު މަޝްރޫޢު ކަމުގައިވާ ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ބިނާކުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ދިނުމަށް ހާއްސަކުރި 1 ކޮޓަރީގެ ފްލެޓުތައް ނެތްކަމަށް ބުނެ ފްލެޓްތަކުގެ ހައްގުވެރިންގެ ލިސްޓުތައް މި ސަރުކާރުން ބާތިލްކޮށްފައިވާ ކަމަށެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުން ފެށި މަސައްކަތަކީ އެޗްޑީސީއާއި ކުންފުނިތަކުގެ މެދުގައި އެއްބަސްވުމެއް އެކުލެވިގެން ފެށުނު މަސައްކަތެއްކަމަށް ވިދާޅުވެ މެންބަރު ޝިޔާމު ވިދާޅުވީ އެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ކޮންމެ ކުންފުންޏަކުން ބިނާ ކުރާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާގައި ހުންނާނީ އެއް ކޮޓަރީގެ އެޕާޓްމަންޓުތައް ކަމަށެވެ.

މެންބަރު ޝިޔާމް ވިދާޅުވީ އެ އެޕާޓްމަންޓުތައް ދިނުމަށް ނިންމާފައިވަނީ އެޗްޑީސީއަށް ކަމަށާއި، އަދި އެ ޔުނިޓްތަކަކީ ހިޔާ މަޝްރޫއުގެ ދަށުން ދިނުމަށް ނިންމާފައިވާ ގެދޮރު ކަމަށެވެ. އަދި އެ ގެދޮރު ނިންމާފައިވަނީ ދެ އުސޫލެއްގެ ތެރެއިން ކަމަށް ވިދާޅުވެ މެންބަރު ޝިޔާމް ވިދާޅުވީ ފުރަތަމަ އުސޫލަކީ ސަރުކާރަށް އެޕާޓްމަންޓުތައް ގަތުމަށްފަހު 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގައި އަގު ދައްކާ ޚަލާސްކުރާގޮތަށް ފްލެޓް ހައްގުވާ ފަރާތްތަކަށް ދިނުން ކަމަށެވެ.

އަދި ދެވަނަ އުސޫލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމަށް އޭރުގެ ސަރުކާރުން އެމްއެމްއޭއާ މަޝްވަރާކޮށް ބޭންކުތަކުން ތައާރަފްކުރި އެފޯޑަބަލް ހައުސިންގ ލޯންތައް ހައްގުވެރިންނަށް ދޫކޮށްގެން އެ ޔުނިޓްތައް ވިއްކުން ކަމަށެވެ.

މެންބަރު ޝިޔާމް މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އާންމުންނަށް ދޫކުރަން އެކަށީގެންވާ ވަރަށް ފެލްޓު ގަންނަން ލިބެން ނެތް ކަމަށް ބުނެ ހިޔާ މަޝްރޫގެ ތިން ކެޓެގަރީއަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލްކުރުމާ ގުޅިގެންނެވެ. އެގޮތުން ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގައި ދޫކުރަން ނިންމާފައިވާ އެއް ކޮޓަރީގެ ފްލެޓުތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރު ކުންފުނިތަކުން އަޅާ ޓަވަރުތަކުން ގަނެ، އާންމުންނަށް ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ފްލެޓުތަކެއް ކަމަށެވެ. އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީއަށް އެކަށީގެންވާ ފްލެޓު އެގޮތަށް ގަންނަން ލިބެން ނެތުމުން ތިން ކެޓެގަރީއެއްގެ ފޯމުތައް ބާތިލްކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
20%
40%
0%
20%
0%
20%
ކޮމެންޓް