ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 07:22
އިންޑިއާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ އެކު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ރާއްޖޭގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން އުތުރު ތިލަފަޅުގައި
އިންޑިއާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ އެކު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ރާއްޖޭގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން އުތުރު ތިލަފަޅުގައި
ރާއްޖެ އެމްވީ
އުތުރު ތިލަފަޅު މައްސަލަ
އުތުރު ތިލަފަޅުގެ މައްސަލައިގައި އިދިކޮޅު މެންބަރުންނާއި ސަރުކާރުގެ ހޫނު ބަހުސްތަކެއް
 
ޔާމީންގެ ވެރިކަމުގައި ހެދި އެއްބަސްވުމަށް ގެނައި ބަދަލާއެކު އެކަމުގައި ސީދާ ފައިދާ ކުރާނީ ރާއްޖެއަށް ކަމަށް ސަރުކާރު މެންބަރުން ވިދާޅުވި
 
51 މެންބަރުން ކުއްލި މި މައްސަލައަށް ބަހުސް ކުރެއްވި
 
މިއީ ރައްޖޭގެ އަމާންކަމާއި އިސްތިގުލާލަށް އަސަރުކުރާނެ ކަމެއް ކަމަށް އިދިކޮޅު މެންބަރުން ފާހަގަ ކުރެއްވި

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ހެދުމުގެ ނަމުގައި އިންޑިޔާ ސިފައިންނަށް ޤާއިމުވެ ތިބެވޭ ގޮތަށް ހަދާ އެއްބަސްވުން ހާމަކުރުމަށާއި، އިންޑިޔާއިން ނަގާފައިވާ ލޯނުތަކުގެ ތަފުސީލު ހާމަކުރަން ގޮވާލައި ނައިފަރުދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ. މި މައްސަލައަށް ބަހުސްކުރުމަށް 51 މެމްބަރުން ވޯޓުދެއްވާފައިވެއެވެ.

ސަރުކާރު މެންބަރުން ޑޮކްޔާޑުގެ ދިފާއުގައި ވާހަކަ ދެއްކެވި އިރު އިދިކޮޅުން މި މައްސަލަ އޮޅުވާލަން މަސައްކަތްކުރާކަމުގެ ތުހުމަތު

ބަހުސްގެ ވަގުތުގައި ވާހަކަދެއްކެވި މެންބަރުންގެ ވާހަކަތަކަށް ބަލާލާއިރު، މެދު ހެންވޭރުދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ މިފަދަ އެއްބަސްވުންތައް މަޖިލީހުގެ 241 ކޮމިޓީއިންނާއި ހައިކޯޓުން ހާމަކުރަން ނުޖެހޭކަމަށް ނިންމާފައިވާއިރު މިކަމާ ގުޅިގެން ބަހުސް ކުރަން ވެސް ނުޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި  މި އެއްބަސްވުމުގައި މައްސަލައެއްވާނަމަ، އިދިކޮޅަށް ވެސް އިންޑިޔާއާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު އޮތްކަމާއި، މިނިސްޓަރާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ލިބުންކަމަށާއި، އެކަން ކޮށްފައިނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު ވިދާޅުވީ މި އެގްރީމަންޓުގައި ކުރީ ސަރުކާރުން ސޮއިނުކޮށް އޮތީ، ސޮއިކޮށްފިނަމަ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރި ނުކުރެވޭނެތީކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ދުނިޔެ ގުޅިލާމެހިފައި އޮތްގޮތުން ދިފާއީ އެއްބަސްވުންތަކާއި، ސަލާމަތާއި ރައްކާތެރިކަމުގެ އެއްބަސްވުންތައް ކުރާކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ނޭޓޯގެ ބައެއް އަސްކަރީ ކަންކަމަކީ ކްލެސިފައިޑް ކަންކަންކަމާއި، އެއީ ޤައުމުތަކުގެ ސަލާމަތަށްޓަކައި ކޮށްފައިވާ ކަންކަން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ކައިރި އެކުވެރި ދައުލަތްތަކުގެ އެހީއާ އެކުގައިކަމަށް ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވީ އިހްލާސްތެރިކަމާއެކު މައުލޫމާތު ހޯދަން އެދޭނަމަ، ހުށަހަޅާނީ 241 ކޮމިޓީއަށް ކަމަށެވެ. އަދި މިއީ ޤައުމީ ސަލާމަތާ ގުޅޭކަންކަމުގައި، ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން ކުރާގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.

އުތުރު ތިލަފަޅު މަޝްރޫއާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލައިގައި ބިލެއްދޫ ދާއިރާގެ މެމްބަރ އަޙްމަދު ހަލީމް ވިދާޅުވީ މި މައްސަލައަކީ 2013 ވަނަ އަހަރު ޕީޕީއެމްއިން ފެށި މަސައްކަތެއްކަމަށެވެ. އަދި 2016 ވަނަ އަހަރު މިކަމަށް އެކްޝަން ޕްލޭނެއް ހެދި ސޮއިކުރުމާ ހަމައަށް ގޮސް، ހުއްޓިގެން ދިޔައީ 100 ވަރަކަށް މިލިއަން ޑޮލަރު އަމިއްލަ ޖީބަށް ނަންގަވަން އުޅުމުގެ ސަބަބުންކަމަށެވެ.

މީގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މި ބަނދަރުގެ އުމްރާނީ އެންމެހާ ވަސީލަތްތަކަކީ ހަމައެކަނި ދިވެހިރާއްޖޭގެ މިލްކެއްކަމުގައި ސާފުކޮށް އެނގެން އޮންނަކަމަށެވެ. އަދި ރާއްޖޭގެ ސިފައިން އެހެން ޤައުމުތަކުގައި އެޑްވައިޒަރުންގެ ގޮތުގައި ވެސް މަސައްކަތްކުރާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ވަސީލަތްތައް ތަރައްޤީކުރުމަށް މި ކުރެވޭ މަސައްކަތް ހުއްޓުވުމަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ލަދު ގަންނަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ވިދާޅުވީ މިއިން އެއްވެސް ކަމެއް ރާއްޖޭގެ އިސްތިޤްލާލަކަށް ވެސް އަދި ރައްޔިޔުންނަށް ވެސް ގެއްލުމެއް ނުވާނެކަމަށެވެ. އެހެން ބޮޑެތި ޤައުމުތަކުގައި ވެސް ޕޯޓުހެދުމަށް ބޮޑެތި ކުންފުނިތަކަށް ދީފައިވާކަމަށާއި، ޕޯޓު ދީގެން އެ ޤައުމަކަށް ވާ ގެއްލުމެއް ނޯންނާނެކަމަށެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވީ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ހުށަހެޅުއްވި މައްސަލައިގެ މަޤްސަދަށް ބަލާއިރު މިއީ އިދިކޮޅުގެ ލީޑަރޝިޕްގެ މައްސަލައެއްގެ ގޮތުގައި ފެންނަކަމަށެވެ. މިއީ ލީޑަރޝިޕްގެ ކޯޅުމުގެ ތެރެއިން ކޮށްފައިވާކަމެއްކަމަށާއި، މިކަމަކީ ރައްޔިތުންނަށް އޮޅުވާއިލަން ކުރާ ކަމެއްކަމަށެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް އަޙްމަދު ނަސީމް ވިދާޅުވީ އިދިކޮޅުގެ ހަޤީޤީ މަޤްސަދަކީ ދިވެހި ރާއްޖޭގެ މިނިވަންކަން ނުވަތަ އިސްތިޤްލާލް ގެއްލިދާނެތީކީ ނޫންކަމަށާއި، އިންޑިޔާއާ މެދު ނަފްރަތު އުފައްދައި، އިންޑިޔާ ޕްރެޝަރަށް ވައްޓާލައި، އިންޑިޔާ ސަރުކާރުން ރައީސް ޔާމީން ދޫކޮށްލަން މިސަރުކާރަށް އެދުމަށްކަމަށެވެ. އަދި އިދިކޮޅުގެ ސްޓްރެޓަރޖީއަކީ ދޮގު ޤައުމިއްޔަތު ނޫނީ ވަތަނިއްޔަތު އުފެއްދުންކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ޕާޓީގެ މެންބަރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ޑޮކްޔާޑަކީ 2013 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތެއް ކަމަށެވެ. އަދި  15 އަހަރުދުވަހަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ވާހަކަދައްކާއިރު، މިއީ އެހެނިހެން ސިވިލް މަޝްރޫޢުތަކުގައި ވެސް ފަންނީ ޤާބިލްކަން އުފެދެންދެން ކުރަމުން އަންނަ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވީ އީއީޒެޑްގެ އޮޕަރޭޝަން 2009 އިން ފެށިގެން މިހާތަނަށް 54 އޮޕަރޭޝަން ހިންގާފައިވާކަމާއި، އެ މުއްދަތުގައި ރައީސް ޔާމީނުގެ ދައުރުކެނޑިގެން ދިޔައީތޯ ސުވާލު އުފައްދަވާފައެވެ. އަދި މިއީ އިންޑިޔާގެ ކަނޑުކަމާއި، އިންޑިޔާއިން މި ސަރަޙައްދު ބަލަހައްޓަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވިދާޅުވީ  ޑޮކްޔާޑަކީ ދިވެހިރައްޔިތުންގެ މިލްކިއްޔާތެއް ކަމަށާއި، ޕީޕީއެމް އިން މަސައްކަތްކުރަނީ ދިވެހިރައްޔިތުން ބިރުގަންނުވަން ކަމަށެވެ. އަދި ދިވެހިރާއްޖެ އަކީ އިންޑިއާގެ ރައްކާތެރިކަމަށް ވެސް މުހިއްމު ގައުމެއް ކަމަށާއި، ދިވެހިރާއްޖެ އެހެން ބައެއްގެ އަތް ދަށަށް ހިނގައްޖެނަމަ އެއީ އިންޑިއާއަށް ނުރައްކަލަކަށްވާނެ ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާ ގެ މެމްބަރު ހަސަން ލަތީފު ވެސް ވިދާޅުވީ ޑޮކްޔާޑަކީ ދިވެހިންގެ މިލްކެއް ކަމަށެވެ. އަދި އިންޑިއާކަނޑުގައި ފިނި ހަނގުރާމައެއް ކެކެމުން އަންނަ މަންޒަރު އެބަފެންނަ ކަމަށާއި، އެހެންކަމުން ދިވެހިރާއްޖެއިން އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި  ބޮޑެތި ގައުމުތައް ވެސް އެހެން ގައުމުތަކުން އަސްކަރީ އެހީތެރިކަން ހޯދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ބައެއް ކަންކަމަށް އަލިއަޅުވާލައްވަމުން މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ވިދާޅުވީ ދިވެހިރާއްޖޭގެ ބިންވިއްކުމަށް ޤާނޫނެއް ފާސްކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، އަދި ޕީޕީއެމްގެ ވެރިކަމުގައި ޖީއެމްއާރް ބޭރުކުރުމުން ބޮޑު ގެއްލުމެއްވި ކަމަށެވެ. އަދި މިއުޅެނީ މިލިޓަރީ ބޭސްއެއް ހަދާކަށްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްގަރު ދާއިރާ ގެ މެމްބަރު އިކުރާމް ހަސަން ވިދާޅުވީ  އިންޑިއާއަށް ރާއްޖެ މުހިއްމު ކަމަށެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ކުރީ ސަރުކާރުގައި ވެސް މި މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ދިވެހިންގެ އިގުތިސާދީ ކުރިއެރުމާ ގުޅިފައި ވަނީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށާއި، އެހެންކަމުން ކޯސްޓްގާޑު ކުރިއަރުވަން ޖެހޭ ކަމަށެވެ. ދިވެހިރާއްޖޭގެ ސިޔާދަތު ވިއްކާލީ ޕީޕީއެމްއިން ކަމަށާއި، އަދި އިރާނާއި ގަތަރާ ގުޅުންކަނޑާލީ ކުރީގެ ސަރުކާރުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވީ މިއީ 2013 ވަނަ އަހަރުން ފެށިގެން ކުރިއަށް ދިޔަ ކަމެއް ކަމަށާއި، ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ބަޖެޓުގެ 15 އިންސައްތަ މިލިޓަރީއަށް ޚަރަދު ކުރަން ޖެހޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ  2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދު 9 ފަހަރު އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު މި މަޝްރޫޢާ ބެހޭގޮތުން ވާހަކަ ދެކެވިފައިވާ ކަމަށެވެ. އަދި ވަގަށް މަސްބޭނުން ހުއްޓުވުމަށް ކޯސްޓްގާޑު ތަރައްޤީވާން ޖެހޭ ކަމަށާއި، ހައްދުފަހަނައަޅާފައިވާ މީހުންނާއި، ޑްރަގު ވިޔަފާރި އާއި އިންސާނީ ވަގުފާރި ފަދަ ކަންކަން ހުއްޓުވުމަށް ކޯސްޓްގާޑު ކުރިއަރުވަންޖެހޭ ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ދައުލަތަށް ގެއްލުންވާފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި  މިއީ ކުރީ ސަރުކާރުތަކުން ވެސް ކުރިއަށްގެންދިޔަ މަޝްރޫޢެއް ކަމަށެވެ. އިންޑިއާއަކީ ދިވެހިރާއްޖެއަށް ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑަށް އެހީތެރިވާ ގައުމު ކަމަށް އިމްތިޔާޒު ފާހަގަ ކުރެއްވިއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ވިދާޅުވީ  ކުރީ ސަރުކާރުން ޗައިނާއާ އެކު ހެދި އެގްރީމަންޓެއް އެއް ދުވަސްތެރޭގައި ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުވެސް ދައްކާކަމަށެވެ. ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު އަބްދުالله ވިދާޅުވީ އިދިކޮޅުގެ މިކަހަލަ ކޮންމެ ކަމަކުން ފެންނަނީ ރާއްޖެ ބޭރުގައުމުތަކުން އެކަހެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމްގެ ވާހަކައިގައި ކުރީގެ ރައީސް ޔާމީން އިރު މި އެއްބަސްވުން އޮތީ އެންމެ ފަހިގޮތަށް ނޫންކަމަށާއި، ދިވެހިންނަށް ފަހިވާގޮތަށް އެ މާއްދާތައް ބަދަލުކުރީ މި ސަރުކާރުންކަމަށް ވިދާޅުވިއެވެ. އަދި 15 އަހަރުގެ ވާހަކަ ދައްކާއިރު، އޭރު ދޭން އޮތީ ކިތައް އަހަރަށްކަން އިދިކޮޅަށް އެނގޭނެކަމަށް އޭނާ ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ފްރޭމްވޯކް އެގްރީމަންޓެއްގެ ގޮތުގައި މިހާރު އޮތުމުން ދެން ހިނގަންޖެހޭނީ ރާއްޖޭގެ ޤާނޫނާއި ޤަވައިދުތަކާ އެއްގޮތަށްކަމަށް މެންބަރު ސަލީމް ފާހަގަކުރެއްވިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު ވިދާޅުވީ ކުއްލި މައްސަލައަކީ ފިތުނަފަސާދަ އުފައްދަން ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ވެސް ކުރި މަސައްކަތެއް ކަމަށާއި އެމްޑީޕީން ލޯބިކުރަނީ ޑިމޮކްރެޓިކް އުޞޫލުތަކަށް ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު މެންބަރުން މި މައްސަލައިގައި ސަރުކާރުން ގޯސް ހަދާފައިވާކަން ދައްކަވަން މަސައްކަތް ކުރެއްވި

ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު ލިބިވަޑައިގެންނެވި އިތުރު ވަގުތުގައި އިދިކޮޅު މެންބަރު އަދި ނައިފަރު ދާއިރާގެ މެމްބަރ ޝިޔާމް ވަނީ އާޒިމްގެ ވާހަކައަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ހައިކޯޓުން މި މަޢުލޫމާތު ހާމަނުކުރަން އަނގާފައި ނޯންނާނެކަމަށާއި، މި ޕްރޮޖެކްޓާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމަންޔަން ޖައިޝަންކަރާ މަޝްވަރާތައް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓްތައް ނުނިންމީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލޭތީކަމަށެވެ.

އިދިކޮޅުގައި ހިމެނިވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙާއްމަދު ލަތީފް ވިދާޅުވީ ތަރައްޤީއަށް މިސަރުކާރު ގެ އަމިއްލަ ތަސައްވުރެއް ނެތްކަމަށެވެ. އަދި މި އެއްބަސްވުމުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަވާންޖެހޭކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ޙައްޤެއްކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ޕީއެންސީގެ ނައިބް ލީޑަރު އަދި މާވަށު ދާއިރާގެ މެމްބަރ މުޙައްމަދު ސައީދު ވިދާޅުވީ ގޯސްވެގެން އުޅެނީ ޑޮކްޔާޑެއް ހެދުން ނޫންކަމަށާއި، އެކަމަކު އެއްބަސްވުން ސިއްރުކުރާ މައްސަލައާއި، ބޭރުގައުމެއްގެ ސިފައިން ބައިތިއްބާ އޮޅުވާލައި މައްސަލަކަމަށެވެ. އަދި  ހައިޑްރޯގްރަފީ ހަދަން ރައީސްގެ ޕްރޮޕެގެންޑާގެ ދަށުން މުޅި ދިވެހިރާއްޖޭގެ ކަނޑުގެ ސަހަރައްދު ބެލުމަށް ކުރަހަންދީފައިވާކަމަށެވެ.

މިނިވަން މެންބަރުންގެ ތެރެއިން ކަންބޮޑުވުން ފާޅުކުރެއްވީ އުޝާމް އެކަނި

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ކަންބޮޑުވުމަކީ ޑޮކްޔާޑް ބެލެހެއްޓުމަށް 15 އަހަރުގެ މުއްދަތަށް އިންޑިއާގެ ސިފައިން އެތަނުގައި ތިބުން ކަމަށާއި، މިހެން އެއްބަސްވުން އޮތްތޯ ނޫންތޯ ސާފުވާންޖެހޭ ކަމަށެވެ. އަދި ދާއިމީ ގޮތެއްގައި އެއްވެސް ގައުމެއްގެ އަސްކަރީ ފަރާތްތައް ތިބުމަށް ތާއީދެއްނުކުރައްވާ ކަމަށެވެ.

މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލުކުރައްވާ މިނިވަން މެންބަރު އަބްދު الله ޖާބިރު ވިދާޅުވީ އިންޑިއާގެ މިލިޓަރީ ތިބޭކަށް މެމްބަރ ޖާބިރު ދާއިރާއަށް މައްސަލައެއް ނެތްކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު
ގިރާވަރުފަޅު އިތުރަށް ހިއްކާނަމަ ރިސޯޓު ނަގާ، ބަދަލުގެ ގޮތުގައި 200 ނުވަތަ 300 މިލިއަން ޑޮލަރު ދޭންޖެހޭނެ - އަކްރަމް
އުތުރު ތިލަފަޅުގައި ކުރިއަށްގެންދަން ނިންމާފައިވާ އެގްރިކަލްޗަރ މަޝްރޫއު ފުށިދިއްގަރު ފަޅަށް ބަދަލުކޮށްދިނުމަށް، އިންތިޚާބީ މޭޔަރު ގޮވާލައްވައިފި
ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު
އުތުރު ތިލަފަޅަށް ހުއްދަ ނެތި ނޫސްވެރިން ދިޔަ މައްސަލަ ދަނީ ބަލަމުން: ފުލުހުން
އުތުރު ތިލަފަޅަށް ހުއްދަ ނެތި ނޫސްވެރިން ދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
އުތުރު ތިލަފަޅުގެ މަޝްރޫއާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި
އުތުރު ތިލަފަޅަށް ނޫސްވެރިން ދިޔައީ ހުއްދަނެތި، ފިޔަވަޅު އަޅަން ވާނީ އެދިފައި - އެމްއެންޑީއެފް