raajjemv logo
އަލީ ވަޙީދު ފުރުވާލި މައްސަލަ
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އަލީ ވަޙީދުގެ ޕާސްޕޯޓު ހިފަހައްޓަން އެދުނު އަމުރަށް ބަދަލެއް ނާންނާނެ: ޝަމީމް
 
ބަންދުން ދޫކޮށްލާފައި ހުންނަ މީހަކަށް ޖާމިނުވުމަކީ ޤާނޫނު ދަންނަ އުސޫލެއް ނޫން
 
މިހާތަނަށް އެފަދަ އަމުރުތައް ނެރުމަށް ޕީޖީ އޮފީހުން އެދެމުން އައީ އެކަމުގައި ޤާނޫނު ހަނު އޮތުމުން
 
އަލީ ވަޙީދު ފުރުވާލި މައްސަލައާ ގުޅިގެން މަޖިލީހުގެ އަންހެން 4 މެމްބަރުން ކަންބޮޑުވުން ފާޅުކުރި
ލައިޝާ އަހްމަދު
5,015
ކ. މާލެ |
22 ފެބްރުއަރީ 2021 | ހޯމަ 23:02
ޕީޖީ ހުސައިން ޝަމީމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ
މަޖިލިސް

ޕާސްޕޯޓު ނެރުމުގެ އަމުރު ނެރުމަށް ހުށައަޅާނީ ޤާނޫނު ތަންފީޒު ކުރާ އިދާރާއަކުންކަން ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމެވި ނިންމުމެއްގައި ބަޔާންކޮށްފައި ވީނަމަވެސް، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަޑައިގެން ޕީޖީ ހުސައިން ޝަމީމް ވަނީ އަލީ ވަޙީދު ފުރުވާލި މައްސަލައާ ގުޅިގެން, މަޖިލީހުގެ އަންހެން 4 މެމްބަރުން ހުށައެޅުއްވި މައްސަލައިގައި ކޮމިޓީގެ މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވާފައެވެ. އަދި އެ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ޕީޖީ ވަނީ ކޮމިޓީ މެމްބަރުންނާ ހިއްސާ ކުރައްވާފައެވެ.

ޕީޖީ ވިދާޅުވީ، މިހާތަނަށް އަމަލު ކުރަމުން އައި ގޮތަށް ބަލާއިރު، މައްސަލައެއް ކޯޓަށް ހުށައެޅުމަށްފަހު، އެ މައްސަލައިގެ ތެރޭގައި ހިމެނޭ މީހުންނާ ގުޅޭ އަމުރު ނެރުން ފަދަ ކަންކަމަކީ ޕީޖީ އޮފީހުން ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ނެރުމަށް ހުށައަޅާނީ ޤާނޫނު ތަންފީޒު ކުރާ އިދާރާއަކުންކަން ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގައި ބަޔާން ކޮށްފައިވާއިރު، މިހާތަނަށް އެފަދަ އަމުރުތައް ނެރުމަށް ޕީޖީ އޮފީހުން އެދެމުން އައީ އެކަމުގައި ޤާނޫނު ހަނު އޮތުމުން ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، މައްސަލަ ކޯޓަށް ހުށައެޅުމަށްފަހު އެ މައްސަލަ ކުރިއަށްދާ ގޮތާއި، އަޅަންޖެހޭ ފިޔަވަޅުތައް އެނގޭނީ ޕްރޮސެކިއުޓަރުންނަށް ކަމަށްވާއިރު، އެ މަރުޙަލާގައި ފުލުހުން އަމުރު ނެރެން މަސައްކަތް ކުރާއިރު އަމަލީ ގޮތުން ދިމާވެދާނެ ގޮންޖެހުންތަކެއް ހުރެދާނެ ކަމަށެވެ. އަދި އެކަންކަން ޙައްލު ކުރުމާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހާ މަޝްވަރާތައް ކުރެވެމުންދާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވަނީ ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން މިހާރު އޮތް އަމުރަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި މައްސަލައާއި އެ މައްސަލަ (ސުޕްރީމް ކޯޓުން ގޮތް ނިންމި މައްސަލަ) ތަފާތުވަނީ، މި މައްސަލައިގައި އަޅުގަނޑުމެން އަމަލުކޮށްފައި އޮތީ ޤާނޫނުގައި ބުނާ ގޮތަށް، ހަމަ ސީދާ ލަފްޒަށް، ޤާނޫނުގައި ލަފްޒީ ގޮތުން އެ ބުނާ ގޮތަށް ކަންކަން ކޮށްފައި އޮތީ، އަޅުގަނޑުމެންނަށް އަމުރެއް ނެރެން ޖެހޭކަން ޤަބޫލު ކުރެވިގެން ފުލުހުންނަށް ރިކުއެސްޓު ކޮށްގެން ފުލުހުން މެދުވެރިކޮށް އެ ފޯމު ފުރައި، ޤަވާއިދާ އެއްގޮތަށް އަމުރު ނެރިފައި އޮތީ، އެހެންވީމާ މީ ސުޕްރީމް ކޯޓުގެ ފަހުން މި ނިންމި މައްސަލައާ ގުޅިގެން އެއްވެސް ބަދަލެއް އަންނާނެ މައްސަލައެއް ނޫން، ނުވަތަ އަމުރަކަށް ބަދަލެއް ގެންނަންޖެހޭ ގޮތަށް އޮތް މައްސަލައެއް ނޫން
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރާފައިވާއިރު، ޢަލީ ވަޙީދު ޖާމިނުކުރުވީ، އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ. ޕީޖީ ވިދާޅުވީ، ބޭސްފަރުވާއަށް ބަންދުން ދޫކޮށްލާފައި ހުންނަ މީހަކަށް ޖާމިނުވުމަކީ ޤާނޫނު ދަންނަ އުސޫލެއް ނޫން ކަމަށެވެ. އެފަދަ ޙާލަތްތަކުގައި ޖާމިނުވެގެން މީހުން ފޮނުވުމަކީ ޤާނޫނުގައި ލިޔެފައި އޮތް އުސޫލެއްވެސް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މި މައްސަލައިގެ ލިއެކިއުންތަަކަށް ބެލިއިރު، މައްސަލައިގެ ޖާމިނުވި މީހާ އެކަމަށް އެދި ހުށައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާއާ ޙަވާލާދީ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އޭނާ ޖާމިނު ކުރުވާފައިވަނީ އެ މާއްދާގެ ޝަރުތުތައް ހަމަވާތީ ކަމަށް ވީނަމަވެސް، އެ މާއްދާއަކީ ބަންދުގައި ހުރި މީހަކު ޖާމިނު ކުރުވުމާ ގުޅޭ މާއްދާއެއްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

އެއީ މި މައްސަލައިގެ މައުޟޫއާއި ގުޅޭ އަދި ޙާލަތާ ގުޅޭ މާއްދާއެއްވެސް ނޫން،
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

މި މައްސަލަ ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ. ހައިކޯޓުގެ ނިންމުން އަންނަ ގޮތަކުން ދެ ނަތީޖާއެއް ފެނިގެންދާނެކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، އެއް ކަމަކީ ޖާމިނު ކުރުމަކީ ރަނގަޅު ކަމެއްކަމަށް ހައިކޯޓުން ކަނޑައެޅުން ކަމަށެވެ. ޝަމީމް ވިދާޅުވީ، އެހެން ކަނޑައަޅާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކޮންމެ ގޮތަކަށް އޮތް ނަމަވެސް ޖާމިނު ކުރެވިދާނެކަމަށް ނިންމީކަމަށް ބެލެވޭނެ ކަމަށެވެ.

ހައިކޯޓުގެ ނިންމުން އަންނަ ގޮތަކުން ނުކުމެދާނެ ދެވަނަ ނަތީޖާއަކީ ޤާނޫނުގައި ނެތް އުސޫލެއް ބޭނުންކޮށްގެން އަމިއްލަ މަންފާއެއް ހާސިލު ކުރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެކަން ޖިނާއީ ކުށަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ. އެހިސާބުން އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ މީހަކާމެދު ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން ޝަމީމް ދެއްވިއެވެ.

މަޤާމުގެ ނުފޫޒު އޮވެގެން ނާޖާއިޒު ފައިދާއެއް ފަނޑިޔާރު ނެންގެވީތޯ، ނޫނީ ނުބައި މައުލޫމާތެއް ކޯޓަށް ދިނީތޯ ނުބައި ތަސައްވުރެއް ކޯޓަށް ދިނީތޯ، ކޯޓަށް އޮޅުވާލީތޯ، ބައިވަރުކަންކަން އޭގެ ތެރެއިން ބަލާފައި އޭގެ ތެރެއިން ފިޔަވަޅެއް އަޅަންޖެހޭނެ. ހައިކޯޓުން ޖާމިނު ވުމަކީ ޤާނޫނު ދަންނަ މަފްހޫމެއް ނޫންކަމަށް ކަނޑައަޅައިފި ނަމަ، ހައިކޯޓުން ޖާމިނު ކުރުވުމަކީ ރަނގަޅު މަފްހޫމެއްކަމަށް ކަނޑައަޅުއްވައިފިއްޔާ އެ ބުނެވެނީ ޤާނޫނުގައި ކޮންމެ ގޮތަކަށް އޮތަސް މިކަންކަން ކުރެއްވި ގޮތް ރަނގަޅޭ، މިހާރު ޤާނޫނު އޮތް ގޮތުން 7 ދުވަސްތެރޭ ގޮތެއް ނިންމަވަންޖެހޭ، އެހެންވީމާ އަވަހަށް މި ސުވާލަށް ޖަވާބެއް ލިބިގެންދާނެހެން އަޅުގަނޑަށް ހީވަނީ
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ކޯޓު އަމުރުގައި އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ޢަލީ ވަޙީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނުކޮށްފައިވާ މީހާގެ މައްޗަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުއެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރަމުން ގެންދާނެކަމަށް ޕީޖީ އޮފީހުން މީގެ ކުރިންވެސް ބުނެފައިވެއެވެ.

ޝަމީމް ވިދާޅުވީ، ސީދާ ކަނޑައެޅިގެން އަލީ ވަޙީދު ފުރުވާލިކަމުގެ ހެއްކެއް މިވަގުތު ނެތް ނަމަވެސް، މި މައްސަލައިގައި ފަނޑިޔާރު ޙަސަން ސައީދު އަމަލު ކުރައްވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ޕީޖީ އޮފީހުން ވަނީ ގާޒީ ޙަސަން ސައީދުގެ މައްސަލަ ޖޭއެސްސީއަށްވެސް ހުށައަޅާފައެވެ.

އަލީ ވަޙީދު ފުރާފައިވާއިރު، ޕާސްޕޯޓު ދޫކޮށްލުމަށް އަމުރު ނެރުނު އަޑުއެހުން ބާއްވާފައިވަނީ 9 ފެބްރުއަރީގައެވެ. އެހެންނަމަވެސް، އަމުރު ނެރުނު ތާރިޚެއްކަމަށް ޕީޖީ އޮފީހަށް ލިބުނު ލިއެކިއުންތަކުގައި އޮތީ 10 ފެބްރުއަރީއެވެ. އަދި އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ޕީޖީ އޮފީހަށް ލިބިފައިވަނީ 11 ފެބްރުއަރީގައެވެ. ޝަމީމް ވިދާޅުވީ، އަލީ ވަޙީދު ފުރާފައިވަނީ ސީދާ ކޮން ތާރީޚެއްގައިކަން އިމިގްރޭޝަނުން ސާފު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޢަލީ ވަޙީދަކީ މީގެ ކުރިންވެސް ތަޙުޤީޤަށާއި ޝަރީޢަތަށް ހުރަސް އެޅޭނެހެން ފުރައިގެން ދިޔުމަށް ފަހު އެނބުރި ނައިސް ހުރި މީހެއްކަން ފާހަގަކޮށް މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ ޕާސްޕޯޓް ދޫކޮށްފިނަމަ ދިވެހިރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް މަޑުކޮށް ހެކި ނައްތާލާއި، މައްސަލައިގެ ޝަރީޢަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމުގެ ފުރުޞަތު އޮތްކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް