raajjemv logo
ގައިޑްލައިންތަކާ ޚިލާފަށް ބޭއްވި ޕާޓީއެއް
ގައިޑްލައިންތަކާ ޚިލާފަށް ސޯލްޓްގައި ކައިވެނި ޕާޓީއެއް، ރެސްޓޯރަންޓް 5000 ރުފިޔާއިން ޖޫރިމަނާ
 
ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ
 
ޤާނޫނީ ޝަޙުސަކުން އެންގުންތަކާ ޚިލާފުވާ ޙާލަތްތަކުގައި އަމަލު ކުރާނެ ގޮތް އުސޫލުގައި އޮވޭ
 
މި ކައިވެނި ޕާޓީ ސޯލްޓްގައި ބާއްވާފައިވަނީ ހޯމަ ދުވަހުގެ ހަވީރު
ލައިޝާ އަހްމަދު
3,190
ކ. މާލެ |
22 ފެބްރުއަރީ 2021 | ހޯމަ 20:44
ސޯލްޓް ކެފޭ ރެސްޓޯރަންޓުގައި ބޭއްވި ކައިވެނި ޕާޓީއެއް ފުލުހުން ހުއްޓުވަނީ
ވަގުތު.އެމްވީ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް ސޯލްޓް ކެފޭ ރެސްޓޯރަންޓުގައި ކައިވެނި ޕާޓީއެއް ކުރިއަށް ގެންދަނިކޮށް ފުލުހުން ވަދެ، އެ ރެސްޓޯރަންޓް 5000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި ކައިވެނި ޕާޓީ ސޯލްޓްގައި ބާއްވާފައިވަނީ ހޯމަ ދުވަހުގެ ހަވީރުއެވެ. ފުލުހުން ބުނީ، ސޯލްޓް ކެފޭ ރެސްޓޯރަންޓް ޖޫރިމަނާ ކޮށްފައިވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބަޔާން ކޮށްފައިވަނީ ޤާނޫނީ ޝަޙުސަކުން އެންގުންތަކާ ޚިލާފުވާ ޙާލަތްތަކުގައި އަމަލު ކުރާނެ ގޮތެވެ. އެގޮތުން އެންގުމާއި ޚިލާފުވާ ފުރަތަމަ ފަހަރު 5000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ދެވަނަ ފަހަރުނަމަ 25،000 ރުފިޔާ، ތިންވަނަ ފަހަރު ނަމަ 50،000 ރުފިޔާގެ އިތުރުން، ހަތަރުވަނަ ފަހަރުނަމަ 75،000 ރުފިޔާއިން ޖޫރިމަނާކޮށް އަދި ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެންގުމުގައި ބަޔާން ކޮށްފައިވެއެވެ.

ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ އަދަދު 100ން މަތީގައި އުޅޭއިރު، ޙަފްލާތަކާއި އެއްވުންތައް ބޭއްވުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެގޮތުން މީގެ ކުރިންވެސް ކައިވެނި ޕާޓީއަކަށް ދިޔަ މީހަކު ޕޮޒިޓިވްވެ، ބޮޑު ކްލަސްޓަރ އެއް އުފެދިގެން ގޮސްފައިވާއިރު، އެ ކްލަސްޓަރ ގެ ކޮންޓެކްޓުންގެ އަދަދުވެސް 300ށް ވުރެ ގިނައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
33%
އަންތަރީސް ވެއްޖެ
33%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
33%
ލިޔުން ރަނގަޅު
ކޮމެންޓް