ކ. މާލެ
|
22 ފެބްރުއަރީ 2021 | ހޯމަ 10:58
ދުނިޔެއަކީ އިރުގެ ވަށައިގެން ދައުރުވާ ވަށް ބޯޅައެއް ނޫންކަމަށް އެމީހުން ގަބޫލުކުރޭ - ގެޓީ އިމޭޖަސް
ދުނިޔެއަކީ އިރުގެ ވަށައިގެން ދައުރުވާ ވަށް ބޯޅައެއް ނޫންކަމަށް އެމީހުން ގަބޫލުކުރޭ - ގެޓީ އިމޭޖަސް
ގެޓީ އިމޭޖަސް
ދުނިޔެ ނިމޭ ތަނަށް ދަތުރުކުރުން
ދުނިޔެ ނިމޭ ތަނަށް ދަތުރުކުރަން އުޅުނު އިޓަލީގެ ދެމަފިރިއަކަށް ލިބުނު ކޮޅުކެހި
 
ދުނިޔެ ނިމެނީ އިޓަލީގެ ދެކުނުގައިވާ ލަމްޕެޑޫސާ ޖަޒީރާގެ ކައިރިން ކަމަށްވެސް ހީކުރި
 
ޔަގީންކޮށްގެން ތިބީ ދުނިޔެއަކީ ފަތާ އެއްޗެއް ކަމަށް
 
ދުނިޔެއަކީ ވަށް އެއްޗެއްކަމަށް ގަބޫލެއް ނުކުރޭ

ދުނިޔެއަކީ އިރުގެ ވަށައިގެން ދައުރުވާ ވަށް ބޯޅައެއް ނޫންކަމަށާއި އެއީ ފުޓުބޯޅަ ދަނޑެއްހެން ފަތާ އެއްޗެއް ކަމަށް ގަބޫލުކުރި އިޓަލީގެ ދެމަފިރިޔަކު ދުނިޔެ ނިމޭތަނަށް ދަތުރުކުރަން މަސައްކަތްތަކެއް ކޮށްފިއެވެ.

އިޓަލީގެ ހުޅަގު އުތުރުގައި އޮންނަ ރަށެއް ކަމަށްވާ ވެނިސްގެ މި ދެމަފިރިން ދުނިޔެ ނިމޭތަނަށް ދާން އުޅުނީ ދުނިޔޭގެ ސިފަ އަމިއްލައަށް ތަޖުރިބާކޮށް ދުނިޔެ ނިމޭ ސަރަހައްދުވެސް ބަލައި ފޮޓޯ ނަގައި ފޮތްފޮތުގައި ލިޔެފައި ހުންނަ ވާހަކަތަކުގެ ދޮގުކަން ސާބިތުކޮށް ދިނުމަށެވެ. އެމީހުން ޔަގީންކުރި ގޮތުގައި ދުނިޔެ ނިމެނީ އިޓަލީގެ އެންމެ ދެކުނުގައި އޮންނަ ލަމްޕެޑޫސާ ޖަޒީރާގެ ކައިރިންނެވެ. މިއީ ސިސިލީއާއި ޓިއުނީޝިޔާއާ ދޭތެރެއިން މެޑިޓެރޭނިއަން ކަނޑުގައި އޮންނަ ޖަޒީރާއެކެވެ.

ކޮވިޑުގެ ބިރުވެރިކަމުގެ ތެރޭގައި އެންމެން ގޭގައި ރައްކާތެރިވެގެން ތިބި ދުވަސްވަރު މި ދެމަފިރިންނަށް ގަބޫލުކުރެވުނީ ދުނިޔެއަކީ ވަށް އެއްޗެއް ނޫންކަން ސާބިތުކޮށްދިނުމަށް ދުނިޔެ ނިމޭ ސަރަހައްދަށް ދާން އެންމެ އެކަށީގެންވާ ވަގުތަކީ މިވަގުތު ކަމުގައެވެ. އެހެންވެގެން އެއްގަމު މަގުން ދަތުރުކޮށްފައި އެދެމީހުން އެންމެ ފުރަތަމަ ދިޔައީ ވިލާ ޖިއޮވާންނީއޭ ކިޔުނު ރަށަށެވެ. ފެރީއަކުން ކާރުވެސް ހިފައިގެން ދެން ދިޔައީ ސިސިލީއަށެވެ. އެތާގެ ޕަލާމޯއޭ ކިޔުނު ސަހަރަށެވެ.

ޕަލާމޯއަށް ފައިބައިފައި ކުރިކަމަކީ ކާރު ވިއްކާލާފައި ކުޑަވަރެއްގެ ބައްތެއްޔެއް ގަތީއެވެ. އެއީ ކަނޑު ހުރަސްކޮށް އަމިއްލަ މާލިމީކަމުގައި ލަމްޕެޑޫސާއަށް ދިޔުމަށްޓަކައެވެ. ބައްތެލީގައި މި ދެމަފިރިން ޕަލާމޯއިން ފުރިތަނާ މަގުއޮޅި ގަދައިގައި ޖެހިގެން ބެހިގެން ދެ ދުވަހެއްގެ ތެރޭގައި ލައްވައިލީ އުސްތިކާއޭ ކިޔުނު ޖަޒީރާގައެވެ. އެއީވެސް އިޓަލީގެ ޖަޒީރާއެކެވެ. އޮންނަނީ ޕަލާމޯގެ ހުޅަގު އުތުރުން ފަންސާހަކަށް ކިލޯމީޓަރު ދުރުގައެވެ.

އުސްތިކާއަށް ފޭބިތަނާ އެރަށުގެ ފުލުހުން އައިސް މި ދެމަފިރިން ގެންދިޔައީ ކަރަންޓީނަށެވެ. މިގޮތަށް ކަރަންޓީނުގައި ތިބެފައި އެއްރޭ ދަންވަރު ފިލައިގެން އަނެކާވެސް ބައްތެލި ދޮށަށްގޮސް ނައްޓާލައިގެން ދަތުރުކުރެވުނީ ދެ ގަޑިއެއްހާއިރު އެވެ. ފުލުހުން ލޯންޗެެއްގައި އައިސް ހައްޔަރުކޮށްގެން އަނެއްކާވެސް އުސްތިކާއަށް ގެންގޮސްފިއެވެ. އެތާގައި ކަރަންޓީނު ނިމެންދެން ހައްޔަރުކޮށްފައި ބޭތިއްބުމަށްފަހު ދޫކޮށްލީއެވެ.

ކޮންމެއަކަސް އުސްތިކާގެ މީހުންގެ ފަރާތުން ލަމްޕެޑޫސާއަށްވުރެ ވެސް ދެކުނުގައި ޖަޒީރާތައް ހުންނަ ކަމާއި އެއަށްވުރެ ދެކުނުގައި ދެން އޮތީ ލީބިޔާއާއި ޓިއުނީޝިއާކަން އެނގިގެން ދަތުރު ހުއްޓާލާފައި އެނބުރި ވެނިހަށް ހިގައްޖެއެވެ. އޭރު އިޓަލީގެ ނޫސްތަކަށް މިވާހަކަ އަރައި ވެނިހުގައިވެސް މިދެމަފިރިންގެ ވާހަކަ އޮތީ މަޝްހޫރު ވެފައެވެ. ދެ މީހުންވެސް މިހާރު އުޅެނީ މީހުން ދިމާކުރާވަރުން ލަދުން ގެއިން ނުނިކުމެ އެކަހެެރިވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
19%
2%
4%
7%
63%
5%
ކޮމެންޓް
25 ފެބްރުއަރީ 2021 | ބުރާސްފަތި 08:58
Nimun
Fathaa ehchegge nimun onnaanethaa e ehchegge vashaigen. Vaki thanegga baa eyge nimun onnaaniy. Hama ahaalee