ކ. މާލެ
|
21 ފެބްރުއަރީ 2021 | އާދީއްތަ 19:45
އީރާންގެ ނިއުކްލިޔާ ޕްލާންޓްއެއް
އީރާންގެ ނިއުކްލިޔާ ޕްލާންޓްއެއް
ރޮއިޓަރސް
އީރާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅު
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމުގެ ޔަގީންކަން އެބައޮތް – އީރާން
 
އީރާނުން ވަނީ އެގައުމުގެ ނިއުކްލިއާ އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިވުމަށް ބާރުއެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ކިބައިން އެދިފައި
 
ޖޯ ބައިޑެންގެ ސަރުކާރުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައި - އީރާން

އެމެރިކާއިން ނިއުކްލިޔާ އެއްބަސްވުމުން އަމިއްލައަށް ވަކިވެ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އީރާނުން ބުނެފިއެވެ.

އީރާނު ސަރުކާރުގެ ތަރުޖަމާނު އަލީ އައްރުބައީ ވިދާޅުވީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ސަރުކާރުން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޖޯ ބައިޑެންގެ ސަރުކާރުން އުވާލަން ތައްޔާރުވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ލަސްތަކެއް ނުވެ ފިޔަވަޅުތައް އުވާލާ، އެމެރިކާއިން ނިއުކްލިއާ އެއްބަސްވުމަށް ރުޖޫއަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އީރާނުގެ ތަރުޖަމާނު މިހެން ވިދާޅުވިއިރު، އެމެރިކާއިން ވަނީ މިދިޔަ ހަފުތާގައި އީރާނުގެ ނިއުކްލިއާ މައްސަލާގައި އެގައުމު ހިމެނޭހެން ދުނިޔޭގެ ބޮޑެތި ބާރުތަކާއިއެކު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމަށް ނިންމާފައެވެ. އަދި ޓްރަމްޕުގެ ސަރުކާރުން އެކުވެރި ދައުލަތް (ޔުނައިޓެޑް ނޭޝަންސް)ގެ ސަލާމަތީ މަޖިލީހަށް އެމެރިކާއިން އީރާނަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވާ ގަރާރު އަނބުރާ ގެންދިއުމަށް ވަނީ ނިންމާފައެވެ.

އީރާނުން ވަނީ އެގައުމުގެ ނިއުކްލިއާ އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިވުމަށް ބާރުއެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ކިބައިން އެދިފައެވެ. އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، މި ހައްގުތައް އަނބުރާ ހޯދުމަށް އެދި އީރާނުން ވަނީ މީގެ ކުރިންވެސް ޔޫރަޕްގެ ބޮޑު ތިން ބާރު ކަމަށްވާ ޖަރުމަނާއި، ފްރާންސް އަދި އިނގިރޭސިވިލާތުގެ ކިބައިން އެދިފައެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި އިޤްތިޞާދީ ހަނގުރާމަ ނާކާމިޔާބުވެ، ޓްރަމްޕްގެ ސިޔާސީ ހަރަކާތްވެސް ނާކާމިޔާބުވެފައިވާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ވިދާޅުވެފައެވެ.

ނިއުކްލިއާ އެއްބަސްވުމަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނު، ޗައިނާ، ރަޝިޔާ މި 6 ގައުމާއެކު 2015 ވަނަ އަހަރު އީރާނުން ސޮއިކުރި އެއްބަސްވުމެކެވެ. މިއެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު އެމެރިކާވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުމާ ޚިލާފަށް އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
67%
0%
0%
0%
33%
ކޮމެންޓް