ކ. މާލެ
|
21 ފެބްރުއަރީ 2021 | އާދީއްތަ 19:37
ކުރީގެ ޑިފެންސް ޗީފް މޭޖަރ ޖެނެރަލް ޝިޔާމް އިންޑިޔާގެ އޮފިޝަލަކަށް އުތުރު ތިލަފަޅުގެ މަޝްރޫއު ތަފްސީލުކޮށް ދެއްވަނީ: މި މަޝްރޫއާ ގުޅޭ މަޝްވަރާތައް ފެށުނުތާ ގިނަދުވަސްތަކެއް ވަނީ ވެފައި
ކުރީގެ ޑިފެންސް ޗީފް މޭޖަރ ޖެނެރަލް ޝިޔާމް އިންޑިޔާގެ އޮފިޝަލަކަށް އުތުރު ތިލަފަޅުގެ މަޝްރޫއު ތަފްސީލުކޮށް ދެއްވަނީ: މި މަޝްރޫއާ ގުޅޭ މަޝްވަރާތައް ފެށުނުތާ ގިނަދުވަސްތަކެއް ވަނީ ވެފައި
އެމްއެންޑީއެފް
އުތުރު ތިލަފަޅުގައި ގާއިމުކުރާ "ސިފަވަރު"
އުތުރު ތިލަފަޅުގައި ހަދަން އުޅެނީ އިންޑިޔާ ސިފައިންގެ މަރުކަޒެއް ނޫނެވެ. ދިވެހި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެކެވެ.
 
އިންޑިޔާގެ އަސްކަރިއްޔާގެ މީހުން ގާއިމުވެގެން ނުތިބޭނެ
 
އިންޑިޔާއިން ފޯރުކޮށްދޭނީ ފަންނީ އެހީތެރިކަން
 
ކޯސްޓްގާޑުގެ ޚިދުމަތް ތަރައްގީ ކުރުމަށްޓަކައި ބަނދަރަކާއި ޑޮކްޔާޑެއްގެ ބޭނުން ވަރަށް ބޮޑު

މާލެއަތޮޅު އުތުރު ތިލަފަޅުގައި އިންޑިޔާގެ އެހީގައި ސިފަވަރުގެ ނަމުގައި އަލަށް ގާއިމްކުރާ ކޯސްޓްގާޑް ބަނދަރާއި ސާރވިސް ޑޮކްޔާޑުގައި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެކަމުގެ ޔަގީންކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުން މިއަދު ވަނީ ދީފައެވެ. މިޔަގީންކަން ދިވެހި ރައްޔިތުންނަށް ދިނީ ކޯސްޓްގާޑުގެ ބަނދަރާއި ސާރވިސް ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހުގައެވެ. 

ދިވެހި ސިފައިން ބުނެފައިވަނީ މި ބަނދަރުގައި ތިބޭނީ ދިވެހި ސިފައިންނާއި ދިވެހި މުވައްޒަފުން ކަމުގައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ މި ބަނދަރަކީ ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށް މަރާމާތުކުރުމަށް ހަދާ ތަނެއްކަމަށާއި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ގާއިމުވެގެން ނުތިބޭނެ ކަމުގައެވެ. މިއީ ބޭރުގެ ނޭވަލް ބޭހެއް ނޫންކަމުގައެވެ. އަސްކަރީ މަރުކަޒެއް ނޫންކަމުގައެވެ.

މުޅިއެކު ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި ސަރވިސް ޑޮކްޔާޑުގެ ފުރަތަމަ ފިޔަވަހި ތިން އަހަރު ދުވަހުގެ ތެރޭ ނިންމުމަށް އިންޑިއާގެ ތަޖުރިބާކާރުން ހަރަކާތްތެރިވާނެއެވެ. މީގެ އިތުރަށް ދެވަނަ ފިޔަވަހީގައި ރާއްޖެއަށް ބޭނުންވެއްޖެ ކޮންމެ ދަނޑިވަޅެއްގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ތަޖުރިބާކާރުން ހަރަކާތްތެރިވާނެކަމަށްވެސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވިއެވެ. 

ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އާއި އިންޑިޔާގެ ޚާރިޖީ ވަޒީރު ޑރ ސުބްރަމަނިއަމް ޖައިޝަންކަރު މިއަދު ސޮއިކުރެއްވި އެއްބަސްވުމާމެދު މީޑިޔާއިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަރަށް ތަފާތު ވާހަކަތަކެއް ފެންމަތިކޮށްގެން އުޅޭތީ ފެނެއެވެ. މި އެއްބަސްވުމަކީ މިސަރުކާރުގެ އިސްނެގުމަކަށް ވެވުނު އެއްބަސްވުމެއް ކަމަށާއި މިއީ އިންޑިޔާ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަށް ހުޅުވައިދިން ދޮރެކޭ ބުނާތީވެސް އެބައިވެއެވެ. މުޅިންވެސް ހޮޅިވާހަކައެވެ. ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަނުގެ ތެރެއިން އަންނަ އެކްޝަނެކެވެ. މިއަދު ސޮއިކުރީ މި އެކްޝަން ނަގާނޭ ގޮތާމެދު ވެވުނު އެއްބަސްވުމެކެވެ. 

އެއްބަސްވުމުގައި ބުނަނީ ކީކޭ؟ 

މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށްދާނީ މިކަމަށް ޚާއްސަކޮށްގެން ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރު ގުޅިގެން އެކުލަވާލާފައިވާ ޖޮއިންޓް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ޑޮކްޔާޑް/ބަނދަރު ތަރައްގީކޮށް ނިމުމުން އެތަނާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓާނީ ދެ ސަރުކާރު ގުޅިގެން އެކުލަވާލާ ސަޕޯޓް އެންޑް މެއިންޓެނަންސް ވާރކިން ގްރޫޕަކުންނެވެ. މިތަނުގައި ގާއިމުކުރެވޭ އެންމެހައި ވަސީލަތްތަކަކީ ހަމައެކަނި ދިވެހި ސަރުކާރުގެ މިލްކެކެވެ. 

ފަންނީ އެހީތެރިކަމަކީ ކޮބާ؟  

އިންޑިއާގެ ފަންނީ މާހިރުން ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި ޑޮކްޔާޑް/ބަނދަރުގައި ގާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަށް އެހީތެރި ވެދޭނެއެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ އިންޑިއާ މީހުން ރާއްޖެއަށް އައިސްގޮސްވުމާއި ހަރަކާތްތެރި ވުމުގައި ކޮންމެފަހަރަކުވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ލިބިގެން މެނުވީ ހަރަކާތްތެރިއެއް ނުވެވޭނެއެވެ. މިޒާތުގެ ސަރވިސް ކޮންޓްރެކްޓަކީ އެމްއެންޑީއެފާއި ސަރުކާރުގެ އެހެނިހެން ސިވިލް މަޝްރޫއުތަކުގައިވެސް އަމަލުކުރާ ފަދައިން ފަންނީ ގާބިލްކަން އުފެދެންދެން ކުރަމުން އަންނަ ކަމެކެވެ. މީގެ މިސާލަކީ ވޭސްޓް މެނޭޖްމަންޓް ފަދަ ޕްރޮޖެކްޓްތަކެވެ. 

ކޯސްޓްގާޑަށް ޑޮކްޔާޑެއް ބޭނުންތަ؟ 

ދިވެހިރާއްޖޭގެ 99.7 އިންސައްތައަކީ ކަނޑުގެ ސަރަހައްދެވެ. އެހެންކަމުން ކަނޑުގެ ސަރަހައްދާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި ކޯސްޓްގާޑަކީ އިސްދައުރެއް އަދާކުރާ މުއައްސަސާއެކެވެ. ކޯސްޓްގާޑުގެ އުޅަނދުތަކަށް ޚާއްސަކޮށްފައިވާ ޑޮކްޔާޑެއް ނެތުމަކީ އެ މުއައްސަސާއަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. ބޮޑެތި އުޅަނދުފަހަރު ތޮށްޓާ ކައިރިކުރެވޭނެ ގޮތެއް ނޯވެއެވެ. ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ބަނދަރުޖެހުމަށް ޚާއްސަކޮށްފައިވާ ވަކި ސަރަހައްދެއް ނެތެވެ. މިވަގުތު އުޅަނދުތައް އަޅަނީ ހާބަރުން ބޭރުގައި ކަނޑުގައެވެ. މިގޮތަށް ކަނޑުމަތީގައި އެޅީމާ އިންޖީނު ޖައްސައިގެން އޮންނަންޖެހުމުން މަރާމާތު އިތުރުވެ ހިންގުމުގެ ޚަރަދުވެސް އެތައް ގުނައަކަށް އިތުރުވެ ފަޅުވެރިންނަށް ދަތިތަކާ ކުރިމަތިވެއެވެ. ޑޮކްޔާޑެއް ގާއިމުކުރެވުނީމާ ބޮޑެތި އުޅަނދުތައް ޖެޓީ ކައިރީގައި ބަނދަރުކޮށް އޮން-ޝޯ ސަޕްލައިޑް ޕަވަރގެ އެހީގައި ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުޅަނދުތައް މަރާމާތު ކުރަން ޖެހޭތަ؟ 

މިހާރު ކޯސްޓްގާޑުގެ އުޅަނދުފަހަރު މަރާމާތުކުރުމާއި ރީފިޓްކުރުމަށް ގެންދަންޖެހެނީ އިންޑިއާގެ ކޮންމެވެސް ޑޮކްޔާޑަކަށެވެ. މިއީ ބޮޑެތި ޚަރަދުތައް ހިނގާ ކަމެކެވެ. އުޅަނދުފަހަރު އޮޕަރޭޝަނުގައި ބޭނުންކުރާ މުއްދަތުވެސް ކުރުވާ ކަމެކެވެ. ކޯސްޓްގާޑަށް ވަކިން ޚާއްސަކޮށްފައިވާ ބަނދަރެއް ނެތުމުގެ ސަބަބުން އުޅަނދުފަހަރަށް ބޭނުންވާ ފެނާއި ކާތަކެތި ފޯރުކޮށްދިނުމާއި ފަޅުވެރިން ބަދަލުކުރުމުގައި ސަލާމަތީ ބޮޑެތި ރިސްކުތައްވެސް ކުރިމަތިވެއެވެ. ކޯސްޓްގާޑުގެ އުޅަނދުފަހަރު މަރާމާތުކުރުމަކީ އެކަމަށް ޚާއްސަ ތަމުރީނުތަކެއް ފުރިހަމަކޮށްފައި ތިބި ޚާއްސަ ފަންނީ ބަޔަކަށް ނޫނީ ކުރެވޭނެ މަސައްކަތެއް ނޫނެވެ. އެހެންކަމުން މިފަދަ ޑޮކްޔާޑެއް ގާއިމުވުމުން އުޅަނދުފަހަރު މަރާމާތުކުރުމަށް ހިނގާ ޚަރަދު ބޮޑުތަނުން ކުޑަ ކުރެވި މަސައްކަތްތައް އަވަސްކޮށް ހަރުދަނާ ކުރެވޭނެއެވެ. 

ކޯސްޓްގާޑުން ކުރީ އަދި ކުރަނީ ކޮންކަމެއް؟ 

ފާއިތުވި ދެއަހަރުގެ ތެރެއިން 2019 ވަނަ އަހަރުގެ ތެރޭގައި ކޯސްޓްގާޑުން 363 އޮޕަރޭޝަން އަދި 2020 ވަނަ އަހަރު 304 އޮޕަރޭޝަން ހިންގާފައިވެއެވެ. މީގެ ތެރޭގައި މެރިޓައިމް ސަރޗް އެންޑް ރެސްކިއުއިން ފެށިގެން މެރިޓައިމް ޑިސްޓްރެސް އަދި ކަނޑުމަތީގައި ހިނގާ ގާނޫނާ ޚިލާފުވުމުގެ އަމަލުތަކަށް ރެސްޕޮންޑްކުރުމާއި މޫސުމީ ނުރައްކާތަކާއި އެހެނިހެން ހާދިސާތައްވެސް ހިމެނެއެވެ. މިދެންނެވި އަދަދުތަކުގެ ތެރޭގައި އާއްމުކޮށް ހިންގޭ މެރިޓައިމް ސަރވެއިލަންސާއި ޕެޓްރޯލް ކުރުމުގެ މަސައްކަތް ނުހިމެނެއެވެ. އަދި ކޮވިޑު-19 އާއި ގުޅިގެން އެއްތަނުން އަނެއްތަނަށް ސާމްޕަލް ގެންދިއުމާއި ޕޮޒިޓިވްވާ މީހުން ކަރަންޓީނު ކުރުމާއި އައިސޮލޭޓް ކުރުމަށް ކަނޑުމަގުންނާއި ވައިގެ މަގުން ހިންގުނު އޮޕަރޭޝަންތައްވެސް ނުހިމެނެއެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމުގެ އިތުރުން، ގާނޫނާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވައި އިންސާނީ ވަގުފާރިކުރުމުގައި ބައިވެރިވާ ބައިނަލްއަޤްވާމީ ކުށުގެ ނެޓްވޯކްތައް ހުއްޓުވުމާއި މަސްތުވާތަކެއްޗާއި، ހަތިޔާރު އެތެރެކުރުމާއި ވިޔަފާރިކުރުން ފަދަ ކުށްތައް ހުއްޓުވުމަށް 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް 54 ސަރވައިލަންސް އޮޕަރޭޝަން ހިންގިފައިވެއެވެ.

ބޭރު ސިފައިންނާ ގުޅުމެއް އޮވޭތަ؟ 

ދިވެހި ސިފައިންވެސް ބޭރުގެ އަސްކަރިއްޔާތަކާއެކު ސަރވެއިލަންސް އޮޕަރޭޝަންތަކާއި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ޓްރޭނިން ޕްރޮގްރާމްތައް ހިންގަމުންދެއެވެ. ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ތަރައްގީކުރާ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި މަސައްކަތްކުރާ ސިފައިންގެ ގާބިލުކަން އިތުރު ކުރުމަށް އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީއާ ގުޅިގެން ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެން ގައުމުތަކުގައިވެސް ދިވެހި ޔުނިފޯމް އެޅި ސިފައިން ޑިފެންސް އެޑްވައިޒަރުންގެ ގޮތުގައި އަދި އެހެނިހެން ގޮތްގޮތަށްވެސް ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި ސްރީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާ ހިމެނެއެވެ.  

ދިވެހި ސިފައިންގެ މެރިން ކޯރއާއި އިންޑިއާގެ އާރމީ ގުޅިގެން ކުރިއަށް ގެންދާ އެކްސަސައިޒް "އެކުވެރިން" އަދި ފްރޭމްވޯކް ފޮރ ޔޫއެސް މޯލްޑިވްސް ޑިފެންސް ސެކިއުރިޓީ ރިލޭޝަންޝިޕް، ފްރޭމްވޯކް ފޮރ ޔޫއެސް މޯލްޑިވްސް ޑިފެންސް ސެކިއުރިޓީ ރިލޭޝަންޝިޕް، އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ ބޭކަރ މެޓަލް، ވެކްޓަރ ބެލެންސް މެޓަލް، ފްލޭސް މެޓަލް، ފްލޭސް ބެލެންސް މެޓަލް، އައިއެމްއެސް ޓްރޭނިން، ޕެސިފިކް ޑިފެންޑަރ އައުޓްރީޗް، ލޮޖިސްޓިކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޗޭންޖް، އިންޑިޔާގެ ނޭވީއާ ގުޅިގެން ހިންގާ "ދޯސްތީ" އެކްސަސައިޒަކީ ބޭރުގެ ސިފައިންނާ ގުޅިގެން ދިވެހި ސިފައިންގެ ކެރިކުޅަދާނަކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގައި ފާހަގަކޮށްލެވޭ ހަރަކާތްތަކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
8%
46%
0%
23%
0%
23%
ކޮމެންޓް
21 ފެބްރުއަރީ 2021 | އާދީއްތަ 21:01
މަސްވެރިއެއް
ގެނައި ހެލްކޮޕްޓަރާއެކު ތިބީވެސް އިންޑިޔާގެ ފަންނީ އެހީތެރިން. ލާމުގައި އަދި އައްޑޫގައި ތިބީވެސް ފަންނީ އެހީތެރިން. ދެން އުތުރު ތިލަ ފަޅުގައިވެސް ތިބޭނީ އިންޑިޔާގެ ފަންނީ އެހީތެރިން. ދިވެހިރާއްޖޭގައި ފަންނީ އެހީތެރިން ނެތީތޯ؟ އަޖާއިބު އަންތަރީސް.